ހަބަރު

ވެރިންނަށް ރެހެންދި ފްލެޓް ދިނުމުގައި ކޮރަޕްޝަން ނެތް: އޭސީސީ

  • ފްލެޓް ވިއްކީ ދައުލަތަށް ފައިދާވާ ގޮތަށް
  • ފްލެޓް ދިން ސަބަބުތައް އެގްރިމަންޓްގައި އެބަހުރި
  • ފްލެޓް ދިނީ މިނިވަން މުއައްސަސާގެ ވެރިންނަށް

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނަށް ރެހެންދި ފްލެޓުން ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

މައްސަލަ ތަހުގީގުކުރުމަށްފަހު އޭސީސީން މިއަދު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، ދިރިއުޅުމުގެ ހާލަތު ބަލައި ދިރާސާކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ ތެރެއިން ރެހެންދި ފްލެޓް ގަތުމުގެ ފުރުސަތު ދީފައިވަނީ އަމިއްލަ ނަމުގައި މާލެއިން ގޯއްޗެއް ނެތް ފަރާތްތަކަށާއި، މައިންބަފައިންގެ މާލޭގެ ގޯތި ގެދޮރު ނެތް ފަރާތްތަކަށް ކަމަށެވެ. އަދި އެފަރާތްތަކަށް ސަރުކާރުން ފްލެޓް ވިއްކާފައިވަނީ ސަރުކާރުން ކަނޑައެޅި އަގަށް ކަމަށެވެ. އެގޮތުން އެއިން ކޮންމެ ބޭފުޅަކަށް ވެސް ފްލެޓް ވިއްކާފައިވަނީ 1.6ރ. އަށް ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރެހެންދި ފްލެޓުން ސަރުކާރަށް ލިބުނީ 10 ފްލެޓެވެ. އޭގެ ތެރެއިން ނުވަ ފްލެޓް ވިއްކާލާފައިވަނީ، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިތުރުން، އޭސީސީގެ ރައީސް ހަސަން ލުތުފީ އާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒު މުހްސިން އަދި އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރަށެވެ. އެބޭފުޅުންނަށް ފްލެޓް ވިއްކާފައިވަނީ ކޮރަޕްޝަން ހިމެނޭގޮތަށް ކަމަށް ބުނެ އެންޓިކޮރަޕްޝަން ކޮމިޝަނަށް ނަން ހާމަކުރަން ބޭނުން ނުވާ މީހަކު މައްސަލަ ހުށަހެޅީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގަ އެވެ.

އޭސީސީގެ ބަޔާނުގައި ބުނީ، ސަރުކާރުން އެފަރާތްތަކަށް ފްލެޓް ވިއްކާފައިވަނީ، ފްލެޓްތައް ލިބިފައިވާ އަގަށްވުރެ ބޮޑު އަދަދަކަށް ކަމުން އެ މުއާމަލާތަކީ ސަރުކާރަށް މަންފާވާގޮތަށް ކޮށްފަ އޮތް މުއާމަލާތެއް ކަމަށް ނިންމާ ކަމަށެވެ.

"ފްލެޓަކަށް 938,630ރ. އަށް ފްލެޓް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތަށް ސަރުކާރުން ދައްކަންޖެހޭއިރު، ސަރުކާރުން އެ ފްލެޓްތައް ގަތުމުގެ ފުރުސަތު ދިން ފަރާތްތަކަށް ވިއްކާފައިވަނީ 1,6މިލިއަން ރުފިޔާ އަށް. އެހެންކަމުން، ސަރުކާރުން ފްލެޓްތައް ގަތުމުގެ ފުރުސަތު ދިން ފަރާތްތަކަށް ވިއްކާފައިވަނީ، ސަރުކާރަށް ފްލެޓެއް ލިބިފައިވާ އަގަށްވުރެ 661,370.ރ. ބޮޑު އަގެއް. އެހެންކަމުން މިއީ ދައުލަތަށް ފައިދާވާގޮތަށް ކޮށްފައިވާކަމެއްކަން މިކޮމިޝަނަށް ވަނީ ފާހަގަކުރެވިފަ،" އޭސީސީގެ ބަޔާނުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނަށް ފްލެޓް ދޫކުރުމުގައި ބަލާފައިވާ ކަންކަމުގެ ތެރޭގައި، އެ ބޭފުޅުންނަށް ރެހެންދި ފްލެޓުން އެޕާޓްމަންޓް ގަތުމުގެ ފުރުސަތު ދީފި ނަމަ އެ ކޯޓުގެ ފަނޑިޔާރުންނަށް ފްލެޓް އަޅަން ކަނޑައަޅާﷲައި އޮތް މިނުގައި ފްލެޓް އަޅަން ނުޖެހޭނެކަން އޭސީސީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ހުރިހާ ފަނޑިޔާރުން އެއް އިމާރާތެއްގައި ތިއްބެވުމުން، ސަލާމަތީ ކަންކަން ބަލަހައްޓަން ފަސޭހަވާނެތީ ކަމަށް، ރެހެންދި ފްލެޓުން ފަނޑިޔާރުންނަށް އެޕާޓްމަންޓް ދޫކުރުމާ ގުޅޭ ގޮތުން ރައީސް އޮފީހުން އެކުލަވައިލި އުސޫލުގައި ބަޔާންކޮށްފައިވާ ކަން ވެސް އެ ބަޔާނުގައި އޭސީސީން ފާހަކަކޮށްފައިވެ އެވެ.

"މިއީ ދައުލަތަށް ފައިދާވާގޮތަށް ކޮށްފައިވާކަމެއްކަން މިކޮމިޝަނަށް ފާހަގަކުރެވިފައިވާތީ، އަދި އެކަންތައްތަކަށް ބަލާއިރު، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް ފާހަގަކުރެވިފައިނުވާތީ، މި މައްސަލައަކީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ކޮރަޕްޝަންގެ ކުށެއް ހިމެނިފައިނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި، މިކޮމިޝަނުން މި މައްސަލަ ވަނީ ނިންމާފައެވެ." ބަޔާނުގައި ބުނެފައިވެ އެވެ.