ހަބަރު

މާބަނޑު މުވައްޒަފުންނަށް ގޭގައި ވަޒީފާ އަދާކުރެވޭ އުސޫލަށް އަމަލުކުރަން ފަށައިފި

  • ދެ މަސް ވަންދެން ގޭގައި ވަޒީފާ އަދާކުރެވޭނެ
  • އެފަދަ މުވައްޒަފުންނަށް ހަވާލުކުރަން ޖެހޭ މަސައްކަތްތައް އެބަހުރި
  • މި ފުރުސަތު ލިބޭނީ ދާއިމީ މުވައްޒަފުންނަށް

ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މާބަނޑު މުވައްޒަފުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ އުސޫލު ގެޒެޓްކޮށް އަމަލު ކުރަން ފަށައިފި އެވެ.

ސަރުކާރުން އެކުލަވާލި މި އުސޫލަކީ، ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން މާބަނޑުވުމުގެ ސަބަބުން އޮފީހަށް ނުކުމެ މަސައްކަތްކުރުމަށް އުނދަގޫވާ މުވައްޒަފުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން، ގަވާއިދު ނަންބަރު 2014/R-311 (ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014) ގެ 183 ވަނަ މާއްދާގެ ދަށުން އެކުލަވައިލާފައިވާ އުސޫލެކެވެ. މާބަނޑުވުމުގެ ސަބަބުން އޮފީހަށް ނުކުމެ މަސައްކަތްކުރުމަށް އުނދަގޫވާ މުވައްޒަފުންނަށް، މި އުސޫލުގެ ދަށުން ލުއިފަސޭހަގޮތަކަށް މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގައި ދެ ކެޓެގަރީއެއް ވަނީ އެކުލަވާލާފައެވެ.

އެގޮތުން ކަނޑައަޅާފައިވާ ދެ ކެޓެގެރީއަކީ ނާޒުކު ހާލަތާއި އާދައިގެ ހާލަތެވެ. ނާޒުކު ހާލަތަށް ފެތޭ މުވައްޒަފުންނަކީ، މާބަނޑުވުމާ ގުޅިގެން ވަކި ދުވަސްވަރެއްގައި އެއްވެސް ބާވަތެއްގެ މަސައްކަތް ނުކުރުމަށް ޑޮކްޓަރުން އިރުޝާދު (ކޮމްޕްލީޓް ބެޑް ރެސްޓް) ދީފައިވާ މުވައްޒަފުންނެވެ.

އާދައިގެ ހާލަތަށް ފެތޭ މުވައްޒަފުންނަކީ، މާބަނޑުވުމުގެ ސަބަބުން، ވަކި ވަގުތުތަކެއްގައި އުދަނގޫތަކެއް ކުރިމަތިވާ މުވައްޒަފުންނެވެ. މިފަދަ މުވައްޒަފުންނަކީ ވަޒީފާ އަދާކުރަންޖެހޭ ރަސްމީގަޑީގައި އެންމެ އެކަށީގެންވާ ގޮތެއްގައި ވަޒީފާ އަދާކުރުމަށް ދަތިވާ މުވައްޒަފުންނެވެ.

ނާޒުކު ހާލަތުގައި ހިމެނޭ މުވައްޒަފެއް، ލުއި ގޮތެއް ހޯދުމަށް އެދި މި އުސޫލުގައިވާ ގޮތުގެ މަތިން ލުއި ގޮތް ހޯދުމަށް ހުށަހަޅައިފިނަމަ، އެ މުވައްޒަފަށް ތިން މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް، މި އުސޫލުގައިވާ ގޮތުގެމަތިން ލުއިގޮތް ހަމަޖައްސައިދެވިދާނެ ކަމަށް ގެޒެޓްކުރި އުސޫލުގައިވެއެވެ. އަދި، ތިން މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ލުއިގޮތް ބޭނުންވާނަމަ، ލުއިގޮތް ހަމަޖައްސައިދީފައިވާ މުއްދަތު ހަމަވުމުގެ އެއް ހަފުތާ ކުރިން، އިތުރު ތިން މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ލުއި ގޮތް ހޯދުމަށް ޑޮކްޓަރުގެ ސެޓުފިކެޓާއެކު ހުށަހެޅޭނެއެވެ.

އާދައިގެ ހާލަތުގައި ހިމެނޭ މުވައްޒަފެއް މާބަނޑުވުމާ ގުޅިގެން ކުރިމަތިވާ އުނދަގޫތައް ބަޔާންކޮށް ޑޮކްޓަރު ދީފާއިވާ ލިޔުމެއް ހުށަހަޅައިފިނަމަ ދެ މުއްދަތަކަށް މުވައްޒަފު އޮފީހަށް ހާޒިރުނުވާ ގޮތަށް ހަމަޖައްސައިދެވޭނެއެވެ. އަދި ދެ މަސް ދުވަހަށްވުރެ އިތުރަށް ލުއިގޮތް ބޭނުންނަމަ ލުއިގޮތް ހަމަޖައްސައިދީފައިވާ މުއްދަތު ހަމަވުމުގެ އެއް ހަފުތާ ކުރިން، އިތުރު ދެ މަސްދުވަސް ދުމަށް އެދި ޑޮކްޓަރުގެ ލިޔުމާއެކު ހުށަހެޅެނޭއެވެ.

މި ހާލަތުގައި ހިމެނޭ މުވައްޒަފުންނާ މަޝްވަރާކުރުމަށްފަހު، މުވައްޒަފު އެދޭނަމަ، ލުއިގޮތް ހަމަޖައްސައިދެވޭ މުއްދަތުގައި ނުވަތަ އެ މުއްދަތުން ބައެއްގައި، މި އުސޫލުގެ ހަ ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބާވަތުގެ މަސައްކަތްތައް، ގޭގައި ތިބެގެން ކުރުމުގެ ފުރުޞަތު އެ މުވައްޒަފަށް ދެވިދާނެ ކަމަށް ވެސް އުސޫލުގައިވެއެވެ.

މި ހާލަތުގައި ހިމެނޭ މުވައްޒަފަކަށް ޑޮކްޓަރު ދީފާއިވާ ލިޔުމުގައި، އެ މުވައްޒަފެއް މާބަނޑުވުމުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކަކީ މުޅި ދުވަހު އެއްވެސް ބާވަތެއްގެ މަސައްކަތެއް ނުކޮށް ހުންނަންޖެހޭ މިންވަރަށް ކުރިމަތިވާ އުނދަގޫތަކެއް ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިނުވާނަމަ، ރަސްމީ މަސައްކަތު ވަގުތުގެ ތެރެއިން ގިނަވެގެން އެއް ގަޑިއިރުގެ ހުސް ވަގުތުކޮޅެއް އެ މުވައްޒަފަކު އެދޭނަމަ، ހަމަޖައްސައިދެވިދާނެއެވެ. މި ހުސް ވަގުތުކޮޅަކީ، ގަވާއިދު ނަންބަރު 2014/R-311 (ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014) ގެ 170 ވަނަ މާއްދާގެ ދަށުން މުވައްޒަފުންނަށް ދެވޭ ހުސް ވަގުތު ކޮޅުގެ އިތުރުން ދެވޭ އެއް ގަޑިއިރުގެ ހުސް ވަގުތު ކޮޅެއް ކަމަށް ވެސް އުސޫލުގައިވެއެވެ.

ނާޒުކު ހާލަތަށް ފެތޭ މުވައްޒަފުންނަކީ، މާބަނޑުވުމާ ގުޅިގެން ވަކި ދުވަސްވަރެއްގައި މަސައްކަތް ނުކުރުމަށް ޑޮކްޓަރުގެ އިރުޝާދު ދީފައިވާ މުވައްޒަފުން ކަމަށްވާތީ، މި ކެޓަގަރީއަށް ފެތޭ މުވައްޒަފުންނަށް ލުއިގޮތް ހަމަޖައްސައިދެވޭ މުއްދަތުގައި އެއްވެސް މަސައްކަތެއް ނުކުރެވޭނެތީ އެ މުވައްޒަފުންނަށް މި މުއް ދަތުގައި އުޖޫރައެއް ނުދެވޭނެ ކަމަށް ވެސް އުސޫލުގައިވެއެވެ.

އާދައިގެ ހާލަތަށް ފެތޭ މުވައްޒަފުންނަކީ، މާބަނޑުވުމުގެ ސަބަބުން، ވަކި ވަގުތުތަކެއްގައި އުދަނގޫތަކެއް ކުރިމަތިވާތީ، ވަޒީފާ އަދާކުރަންޖެހޭ ރަސްމީގަޑީގައި އެންމެ އެކަށީގެންވާ ގޮތެއްގައި ވަޒީފާ އަދާކުރުމަށް ދަތިވާ މުވައްޒަފުން ކަމަށްވާތީ، ލުއިގޮތްތައް ހަމަޖައްސައިދެވޭ މުއްދަތުގައި، މި އުސޫލުގައި ބަޔާންކޮށްފައިވާ ބާވަތުގެ މަސައްކަތްތައް ގޭގައި ތިބެގެން ކުރެވޭނެކަމަށް އެފަދަ މުވައްޒަފުން އެއްބަސްވާނަމަ، އެ މުވައްޒަފުންނާއެކު ވެވޭ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މުވައްޒަފު ކުރާ މަސައްކަތަށް އުޖޫރަދެވޭނެއެވެ. މިގޮތުން ގިނަވެގެން ދެވޭނީ މުވައްޒަފުގެ އަސާސީ މުސާރައަށްވުރެ އިތުރުނުވާ ގޮތަށް ކަމަށް އުސޫލުގައިވެއެވެ.

މިއަދު ގެޒެޓްގައި އާންމުކުރި އުސޫލުގައި މާބަނޑު މުވައްޒަފުންނަށް ލުއިގޮތް ހަމަޖައްސައިދޭ މުއްދަތުގެ ތެރޭގައި ގޭގައިތިބެގެން ކުރެވޭނެ ބާވަތުގެ މަސައްކަތްތައް ވެސް ބަޔާންކޮށްފައިވެއެވެ. ހަމަ އެގޮތަށް މާބަނޑު މުވައްޒަފުންނަށް ުލއިގޮތް ހަމަޖައްސައިދޭ މުއްދަތުގައި ގޭގައިތިބެގެން ނުކުރެވޭނެ ބާވަތުގެ މަސައްކަތްތައް ވެސް ވަނީ ބަޔާންކޮށްފައެވެ.

މީގެއިތުރުން މާބަނޑު ދުވަސްވަރު މުވައްޒަފުންނަށް ލުއިގޮތް ހަމަޖައްސައި ދިނުމުގައި ޢަމަލުކުރާނެ އިޖުރާޢަތުތައް ވެސް އުސޫލުގައި ބަޔާންކޮށްފައިވާއިރު މާބަނޑު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމާ ގުޅޭ އެއްބަސްވުމުގެ ކޮޕީއެއްވެސް ވަނީ އާންމުކޮށްފަ އެވެ.