މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

މެދު އަތޮޅުތަކަށް ރީނދޫ ސަމާލު

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މެދުރާއްޖެތެރެއަށް ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ވަނީ 9 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފަ އެވެ. އެއީ ބ. އަތޮޅުން ފެށިގެން މ. އަތޮޅެވެ. އެ ދެމެދުގައި ވ. ފ. ކ. އއ. އދ. އަދި ޅ. އަތޮޅު ހިމެނެ އެވެ.

މެޓް އޮފީހުން ބުނީ މި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރައި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މި އަތޮޅުތަކަށް މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 6:30 އިން ފެށިގެންނެވެ. އަދި މިއަދު 10:30 އިން ފެށިގެން މެންދުރު 2:30 ގެ ނިޔަލަށް އަނެއްކާ ވެސް މެޓުން ވަނީ ރީނދޫ ސަމާލު ނެރެފަ އެވެ.

މީގެ އިތުރުން ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ހުދު ސަމާލު ވަނީ ނެރެފަ އެވެ. މެޓުން ބުނީ މި ސަރަހައްދަށް ހުދު ސަމާލު ނެރެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކޮށްފަ އެވެ. އެގޮތުން މި ސަރަހައްދުގައި ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ އަދި ކަނޑު ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މެޓުން ބުނާގޮތުގައި ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައި ވަނީ މިމަހުގެ އަށްވަނަ ދުވަހު އެވެ. ހުޅަނގު މޫސުމުގެ އަސަރު އެންމެ ފުރަތަމަ ކުރަނީ ރާއްޖޭގެ ދެކުނަށެވެ. އޭގެ ފަހުން މެދުރާއްޖެތެރެއަށް ފޯރުމަށްފަހު މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުމުގެ އަސަރު ފޯރާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.