ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީ މެމްބަރުން ތިބެނީ ބާކީވެފައި: ނަޝީދު

ސަރުކާރު ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ތިބެނީ ވަރަށް ބޮޑަށް ބާކީވެފައި ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދިވެހި ޗެނެލްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނަޝީދު މިއަދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް މިއަދު އޮތް ނަމަވެސް ސަރުކާރުގެ 60 ޕަސެންޓް ހިއްސާވަނީ ގުޅިފައިވާ ޕާޓީތަކަށް ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ މެމްބަރުން ތިބެނީ ވަރަށް ބޮޑަށް އެކަހެރިވެފައި ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ފަރާތުން ގުޅިފައިވާ ސަރުކާރު ސަލާމަތްކުރަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 65 މެމްބަރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ވެރިކަމުގެ ކަންކަމަށް ނުވަތަ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެކަމުގެ އަސަރު ފޯރާނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިކަމާ ވަރަށް ބޮޑަށް ވިސްނަވަން ޖެހިވަޑައިގަންނަވާ ކަމަށާއި އެމްޑީޕީއާއި އެމަނިކުފާނު ދުރުވެވަޑައިގެންފިނަމަ އެ ކަމުގެ އަސަރު ޕާޓީއަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނީ ކޮން ކެންޑިޑޭޓެއްތޯ ނިންމަވާނީ އެ ޕާޓީގެ މެމްބަރުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑަށް އެނގޭ އެއްޗަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް ވިސްނަވަން ޖެހޭނެ ކަން. އެމްޑީޕީއާ ދުރުވެވަޑައިގެންފިނަމަ، ގުޅިފައިވާ ސަރުކާރެއްގެ ގޮތުގައި މިހާތަނަށް ވެރިކަން ހިންގަވަމުން ގެންދެވިފަ އެވަނީ. ދެން އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި އެތިބި 65 މެމްބަރުން މި ގުޅިފައިވާ ސަރުކާރު ސަލާމަތްކޮށްދެއްވަމުން އަބަދުވެސް ގެންދާނީ އެކަމަކު ސަރުކާރުގެ 60 ޕަސެންޓް މިއޮތީ ގުޅިފައިވާ ޕާޓީތަކުގެ އަތުގައި. ދެން ވިސްނަވާލައްވާ އެމްޑީޕީގެ މެމްބަރުން އެކަހެރިވާނެ މިންވަރު. ބާކީވާނެ ވަރު،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޕާޓީތެރޭގައި ވާދަވެރިކަން އޮތުމަކީ ޕާޓީ ބައިބައިވުން ނޫން ކަމަށެވެ. ވާދަވެރިކަން ބޮޑު ޕްރައިމެރީއެއް ހިންގޭ ކޮންމެ ފަހަރަކު އެމްޑީޕީއަށް ލިބޭ ގޮނޑި ވެސް ގިނަ ކަމަށް ވިދާޅުވި އެވެ. އަދި ވާދަވެރިކަން ބޮޑުވާވަރަކަށް މެމްބަރުންގެ މެދުގައި އޮންނަ ހިޔާލުތަފާތުވުންތައް ނައްތައިލެވިގެންދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ޓިކެޓުގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށެވެ. އެމަނިކުފާނާއި ރައީސް ސޯލިހުގެ އިތުރުން އެހެން މެމްބަރުން ވެސް ޕްރައިމަރީގައި ވާދަކުރެއްވުމަށް ވަނީ ގޮވައިލައްވާފަ އެވެ. އެކަމަކު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އެކަމަށް ރައްދު ދެމުން ރައީސް އޮފީހުން މިއަދު ބުނީ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ރައީސް ނުނިންމަވާ ކަމަށެވެ.