ފައްޔާޒް އިސްމާއީލް

ވޯޓަކީ 2023 ކާމިޔާބު ކުރަން ދިން ވޯޓެއް: ފައްޔާޒް

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މެމްބަރުން ދިން ވޯޓަކީ 2023 ކާމިޔާބު ކޮށް މެންބަރުން އެދުނު ގޮތަށް އެމްޑީޕީ "ހިންގާލަން" ދިން ފުރުސަތެއް ކަމަށް ޗެއާޕާސަން ކަމުގެ މަގާމު ކާމިޔާބުކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މި އިންތިހާބު ކާމިޔާބު ކުރައްވާ ޗެއާޕާސަންގެ މަގާމަށް ވަޑައިގެންނެވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ބޮޑު ތަފާތަކުން ބަލި ކުރެއްވުމަށް ފަހު އެވެ. ދެ ބޭފުޅުންގެ މެދުގައި 8،000 ވުރެ ގިނަ ވޯޓްގެ ތަފާތެއްވެއެވެ.

އިންތިހާބު ކާމިޔާބުވުމާއި ގުޅިގެން އުފާފާޅުކުރެއްވަށް ފައްޔާޒް ކެމްޕެއިން ހަރުގެއަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ފައްޔާޒް މިރޭ ވިދާޅުވީ މިއަދު އެ ޕާޓީގެ މެމްބަރުން ދިން ވޯޓަކީ ސަރުކާރާއެއްކޮށް އަންނަ ރިޔާސީ އިންތިހާބު ހޯދުމަށް މެމްބަރުން ދިން ވޯޓެއް ކަމަށެވެ.

"މި ކާމިޔާބީއިން ދޭހަވަނީ އެމްޑީޕީގެ މެމްބަރުން ސަރުކާރާ ދޭތެރޭ ހިތްހަމަޖެހޭކަން. އަދި ސަރުކާރު ވަރުގަދަ ކުރުމަށް އަދި ހާއްސަކޮށް 2023 ހޯދުމަށް އެމްޑީޕީގެ މެމްބަރުން ބޭނުންވާ ކަމަށް،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އިންތިހާބުގެ ނަތީޖާއާ މެދު މައްސަލަ ޖައްސައި، ޝަކުވާ ކުރާނެ ތަނެއް ނެތް ކަމަށެވެ. ނަތީޖާ ދައްކާ ގޮތުން މައްސަލަ ޖެއްސޭނެ ވަރަށް ވުރެ ބޮޑު ތަފާތެއް ފެންނަން އޮތް ކަމަށްވެސް ވިދާޅުވި އެވެ. އަދި ޕާޓީގެ މެމްބަރުން ސަރުކާރާ އެކީ ތިބިކަން ވެސް ހާމަވެއްޖެ ކަމަށް ވިދާޅުވިއެވެ.

ވޯޓުލާން ނިކުތް ޕާޓީގެ ހުރިހާ މެމްބަރުންނަށްވެސް ފައްޔާޒް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. ފައްޔާޒް ހޮވިވަޑައިގަތުމާއި ގުޅިގެން އެ ޕާޓީގެ މައި ޖަގަހައިގައި ދަނީ އުފާ ފާޅުކުރަމުންނެވެ.