އޮބިޗުއަރީ

ޝޭޑީ ކެބިން ތައުފީގު ކަށުނަމާދު މިއަދު މެންދުރު އިސްލާމީ މަރުކަޒުގައި

May 15, 2022

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު ތައުފީގް (ޝޭޑީ ކެބިން ތައުފީގް(ގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެ އެވެ.

އެކި ބާވަތްތަކުގެ މުދާ ކުއްޔަށް ދޫކުރުމުގެ ވިޔަފާރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ތައުފީގު، 66 އަވަހާރަވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅުގައި އުޅުއްވުމަށްފަހު އިއްޔެ އެވެ.

ތައުފީގުގެ ކަށުނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.

އަމިއްލަ ހަރަދުގައި މިސްކިތެއް ބިނާ ކުރައްވައި ގިނަ ބަޔަކަށް އެހީވަމުން ގެންދެވި ތައުފީގު ނިޔާވީ އިއްޔެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ތައުފީގުގެ އަމިއްލަފުޅު ހަރަދުގައި ބިނާ ކުރެއްވި މިސްކިތަކީ ރައްޔިތުންގެ މަޖިލިސް ކުރާ ގެ ކައިރީގައި ހުންނަ މަސްޖިދުލް ސުލްތާން މުހައްމަދު އިމާދުއްދީން އެވެ.

އަވަހާރަވީއިރު އަނބިކަނބަލުންނާއި ފަސް ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ. މީގެ ތެރެއިން ބައެއް ބޭފުޅުންނަކީ މިހާރު ކާމިޔާބުކަމާއެކު ވިޔަފާރި ހިންގަވަމުން ގެންދަވާ ބޭފުޅުންނެވެ. އަދި މި ބޭފުޅުންގެ ތެރޭގައި ތިން ބޭފުޅަކު ޕައިލެޓުންގެ ގޮތުގައި ހަރަކާތްތެރިވެ އެވެ. މީގެތެރެއިން އެއް ބޭފުޅަކު މަސައްކަތް ކުރައްވަނީ ދުނިޔޭގެ އެންމެ ބޮޑު އެއާލައިން އިއްތިހާދު އެއާވޭސްގަ އެވެ.