މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ "ޕެޓްރޯލް" އައްޑޫގައި ފަށައިފި

May 15, 2022

ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން "ޕެޓްރޯލް"ގެ ނަމުގައި މައުލޫމާތު ދިނުމުގެ ހާއްސަ ޕްރޮގްރާމެއް އައްޑޫ ސިޓީގައި ފަށައިފި އެވެ.

ފުލުހުންގެ އިދާރާއިން މިދިޔަ ހުކުރު ދުވަހު ފެށި މި ޕްރޮގްރާމް މިއަހަރުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

މިޕްރޮގްރާމްގައި މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކޮށް ކުށުން ރައްކާތެރިކުރުމަށާއި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވެ އެވެ.

ފުލުހުން ބުނީ ރަށުތެރޭގައި އާންމުކޮށް ހިންގާ ކުށްތަކާއި، އާންމުކޮށް ކުށްކުރާ ގަޑިތައް ރައްޔިތުންނާ ހިއްސާކޮށް، އެގަޑި ތަކުގައި އިތުރަށް ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު މިހާތަނަށް ޒިރާޔަތްކުރި ގޭބިސީތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.

ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމާއި އެފަދަ ކަމެއްގައި ނުޖެހި ސަލާމަތްވެ ތިބުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ވެސް މި ޕްރޮގްރާމްގައި ދީފައިވެ އެވެ.

މީގެއިތުރުން ބެންކުގެ ނަމުގައި ގުޅައިގެންވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާތީ އެގޮތަށް މީހަކު ގުޅިކަމުގައިވިޔަސް އެ މީހަކަށް ކޭޝްކާޑުގެ މައުލޫމާތު ހިއްސާ ނުކުރުމަށް ފުލުހުން ނަސޭހަތްތެރިވެފައިވެ އެވެ. އަދި ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ މީހުންނާ ގުޅޭގޮތުން ފާހަގަކުރެވޭ ކަމެއް ނުވަތަ ޝައްކުކުރެވޭ ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް ފުލުހުންނާ ހިއްސާކުރުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ. ވައްކަންކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ އެއްވެސް މުދަލެއް ނުގަތުމަށާއި، އެއީ ކުށެއް ކަމާ އަދި އެއީ ވައްކަން ކުރުމަށް ދެވޭ ހިތްވަރެއް ކަމުގައި ބުނެދީ އެކަމުގެ މައުލޫމާތު ވެސް ދީފައިވެ އެވެ.

މި ޕްރޮގްރާމްގައި އައްޑޫ ސިޓީގެ ގަމު އޭރިޔާގައި ހިމެނޭ ހުރިހާ ރަށެއްގެ ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެ އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ގަން ޕޮލިސް ސްޓޭޝަނާއި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއްގެ ގޮތުގަ އެވެ.