ރައީސް މުހައްމަދު ނަޝީދު

ފައްޔާޒާއެކު އެމްޑީޕީއަށް އިތުރު ކާމިޔާބު ލިބޭނެ: ނަޝީދު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިހާބުވެވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) އަށް މަރުހަބާ ވިދާޅުވެ ފައްޔާޒާއެކު އެމްޑީޕީއަށް އިތުރު ކާމިޔާބު ލިބޭނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެންމެ ފޯރިގަދައީ ޗެއާޕާސަން ކަމަށް ބޭފުޅަކު ހޮވުމެވެ. އެ މަގާމަށް ވާދަކުރެއްވީ ފައްޔާޒާއި އިމްތިޔާޒެވެ. އިންތިހާބު އެހާ ވާދަވެރިވެ ފޯރިގަދަވީ އެމްޑީޕީގެ އިސް ލީޑަރުގެ ތާއީދު ފައްޔާޒަށް އަދި އެމްޑީޕީގެ ރައީސްގެ ތާއީދު އިމްތިޔާޒަށް އޮތުމުންނެވެ. ދެ ރައީސުން ފާޅުގައި އެކަން އިއުލާނު ނުކުރެއްވި ނަމަވެސް ދެ ރައީސުންގެ ވަފާތެރި މެންބަރުން މަސައްކަތް ކުރެއްވީ އެ ގޮތަށެވެ. އެހެން ކަމުން ރަސްމީ އިއުލާނެއް ނެތަސް މެންބަރުންގެ މެދުގައި ރޫހު އޮތީ އެ ގޮތުގައެވެ.

އިންތިހާބުގެ ނަތީޖާއަށް ފަހު ރައީސް ނަޝީދުގެ ހަބަރެއް ނެތުމުން އެކަމުގެ ބަހުސް ބޮޑުވެފައި އޮއްވާ އެމަނިކުފާނު ދެންމެ ވަނީ ޓްވީޓެއް ކުރައްވާފައެވެ. ނަޝީދު ޓްވީޓް ކުރެއްވީ ނަތީޖާ ގަބޫލުކުރައްވާ އިމްތިޔާޒް ކުރެއްވި ޓްވީޓް ރިޓްވީޓް ކުރައްވައެވެ.

ނަޝީދު ވަނީ ފައްޔާޒް އާއި އިމްތިޔާޒަށް އަދި އެ ކެންޑިޑޭޓުންގެ ކެމްޕެއިން ޓީމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ވިދާޅުވީ ފައްޔާޒްގެ ޗެއާޕާސަން ކަމުގައި އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ހޯދާނެ ކަމާމެދު އެމަނިކުފާނުގެ ހިތުގައި އެއްވެސް ޝައްކެއް ނެތް ކަމަަށް ވިދާޅުވިއެވެ.

ނަޝީދުގެ އެ ޓްވީޓަށް ފައްޔާޒް ވަނީ ޖަވާބު ދެއްވާފައެވެ. ވިދާޅުވީ ނަޝީދުގެ އިރުޝާދު އަބަދުވެސް ބޭނުންފުޅު ކަމަށެވެ.

އިއްޔެ އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވަޑައިގެންނެވީ ފައްޔާޒް އިސްމާއީލް އެވެ. ބައިލައްކައެއްހާ މީހުން ވޯޓްދިން އިންތިހާބުގައި ފައްޔާޒް ވަނީ ވޯޓްލީ މީހުންގެ 58 ޕަސެންޓް ވޯޓް ހޯއްދަވާފައެވެ.

ފައްޔާޒަށް މަރުހަބާ ވިދާޅުވެ އިމްތިޔާޒް ވަނީ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އެކުގައި މަަސައްކަތް ކުރެއްވި އަދި ވޯޓް ދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ވިދާޅުވީ މި ހުރިހާ ދުވަހު ނަގަހައްޓަމުން އައި ހަމަތަކާއި އަސާސްތަކުގައި އެމްޑީޕީއާއެކު ދެ ގޮތެއް ނުވެ އަބަދުވެސް ދެމި ހުންނަވާނެ ކަމަށެވެ. އިންތިގެ ޓްވީޓްގައި ވަނީ ވިހުރެމުންދިޔަ އެމްޑީޕީގެ ދިދަ ތަކެއް ފެންނަ ފޮޓޯއެއް ހިއްސާކުރައްވާފައެވެ. އަދި ރީންދޫ ކުލައިގެ ހިތެއް ބޭނުން ކުރައްވާފައިވެއެވެ.