ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ޔޫއޭއީގެ އާ ރައީސްއާ ބައްދަލުކުރައްވައިފި

May 15, 2022

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އާ ރައީސް، އަބޫދާބީގެ ވެރިޔާ އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރު ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ޔޫއޭއީގެ ކުރީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑަރު ޝައިޚު އަލް މަރްހޫމް ހަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން އެ މަރްހޫމްގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށާއި، އެ އާއިލާގެ ހިތާމައިގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ޔޫއޭއީގެ އާ ރައީސްއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީތީ އުފާކުރައްވާކަމުގައި ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު ވަނީ ޔޫއޭއީގެ ކުރީގެ ރައީސް އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކުކަން ބަޔާންކުރައްވައި އެ މަރުހޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވައި މަރުހޫމުގެ އާއިލާއާއި ޔޫއޭއީގެ ރައްޔިތުންނަށް އެމަނިކުފާނުގެ ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އައްޝައިޚު އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ ހަނދާންތައް އައުކުރެވިގެންދާނީ އެ މަނިކުފާނުގެ ބައްޕާފުޅު ފަދައިން ތަހުޒީބާއި ޤައުމީ އެއްބައިވަންތަކަން ގެނެސްދެއްވި އަލިގަދަ ދަންމަރެއްގެ ގޮތުގައިކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުމަށާއި މި ހިތާމަވެރި ދަނޑިވަޅުގައި މަރްޙޫމްގެ ޢާއިލާއަށާއި ޔޫ.އޭ.އީގެ ރައްޔިތުންނަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވާފައެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ، އަބޫދާބީގެ ވެރިޔާ އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރު ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން، ޔޫއޭއީގެ ރައީސްގެ މަގާމާ ހަވާލުވެގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ، އެމަނިކުފާނުގެ އެންމެހައި ޒިންމާތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފަ އެވެ.