އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޒާމް ފަހުމީ (އިންތި) އަކީ އަޖައިބެއްހާ ގަދަ ބޭފުޅެއް ކަމަށް ވިދާޅުވެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ، އިންތިއަށް ތައުރީފު ކުރައްވައިފި އެވެ.
އިއްޔެ ނިމުނު އިންތިހާބުގެ ކެމްޕެއިނަށް އިންތިއާއެކު އީވާ ވަނީ ވަރަށް ގިނަ ރަށްރަށަށް ވަޑައިގެންފައެވެ. އިންތިއަށް ވޯޓް ހޯއްދަވައިދެއްވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ އީވާ އެވެ. އިއްޔެ އިންތިހާބުން އިންތިއަށް ލިބިވަޑައިގަތީ 42 ޕަސެންޓް ވޯޓެވެ. އިންތިހާބު ކާމިޔާބު ކުރެއްވީ މިނިސްޓަރު ފައްޔާޒު އިސްމާއީލް 58 ޕަސެންޓް ވޯޓާއެކުގައެވެ.
އިންތިހާބުގެ ނަތީޖާ ސާފުވެ ފައްޔާޒު މޮޅުވެއްޖެކަން ޔަގީން ކުރެވުނުތާ 24 ގަޑިއިރު ފަހުން އީވާ މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ފައްޔާޒަށް މަރުހަބާ ވިދާޅުވެ ފަޔާއާއެކު އެމްޑީޕީއަށް އިތުރު ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
އަދި ވިދާޅުވީ އަޖައިބެއްހާ ގަދަ އިމްތިޔާޒު ފަހްމީ އާއި އެހާގަދަ އަދި ހިތްގައިމު ކެމްޕޭން ޓީމަކާ އެކީ މި އިންތިބުހާގައި އުޅެވުމަކީ ލިބުން ފަހުރެއް ކަމަށެވެ. އިމްތިޔާޒުގެ ކެމްޕެއިން މެނޭޖަރަކީ އީވާގެ ފިރިކަލުން ސާބެ އެވެ.
"ކޮންމެ ރަށަކުން ކުރި ބުރަ މަސައްކަތާ ބެހެއްޓި އެކުވެރިކަމާ ގާތް ކަމަށް ޝުކުރިއްޔާ،" އީވާގެ ޓްވީޓްގައި ވިދާޅުވިއެވެ.
ފައްޔާޒު، އިންތިހާބު ކާމިޔާބު ކުރެއްވިއްޔާ 18 ވަރަކަށް ގަޑިއިރު ފަހުން އިމްތިޔާޒު ފަހްމީ ވަނީ މަރުހަބާ ވިދާޅުވެފައެވެ. އޭގެ ފަހުން އިމްތިޔާޒުގެ މަރުހަބާގެ ޓްވީޓް ރި ޓްވީޓް ކުރައްވާ އިންތިގެ ޓީމުގެ އިސް ބޭފުޅުން ގެންދަވަނީ ފައްޔާޒަށް މަރުހަބާ ވިދާޅުވަމުންނެވެ. އީވާވެސް އަމަލު ކުރެއްވީ އެގޮތަށެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި އިމްތިޔާޒުގެ ސްޕޯކްސްޕާސަން މުހައްމަދު ވަހީދު އާއި ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ފައްޔާޒަށް މަރުހަބާ ވިދާޅުވީ އިމްތިޔާޒްގެ ޓްވީޓް ރި ޓްވީޓް ކުރައްވައެވެ.