ދުނިޔެ

އާ އަހަރަށް ތައްޔާރުވެފައި ވަނިކޮށް، ދުބާއީގެ ހޮޓަލެއްގައި ރޯވެއްޖެ

Dec 31, 2015
  • އަލިފާން ރޯވީ 60 ބްރީގެ އަގުބޮޑު ހޮޓަލެއްގައި
  • ހާދިސާގައި 16 މީހަކަށް އަނިޔާވި
  • ދުނިޔޭގެ އެންމެ އުސް ބުރުޖް ހަލީފާ ހުންނަނީ ކައިރީގައި

އާ އަހަރު ފާހަގަ ކުރުމަށް ދުބާއީ ތައްޔާރުވެފައި ވަނިކޮށް ދުނިޔޭގެ އެންމެ އުސް އިމާރާތް، ބުރުޖް ހަލީފާ ކައިރީގައި ހުރި އުސް ހޮޓަލެއްގައި އަލިފާން ރޯވެ 16 މީހަކު ޒަހަމްވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަލިފާން ރޯވީ، އާ އަހަރު ފެށުމުގެ އުފަލުގައި ހަވާ އެރުވުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދުގެ ކައިރީގައި ހުންނަ ލަގްޒަރީ ހޮޓަލެއް ކަމަށްވާ، "ދަ އެޑްރެސް ހޮޓަލް"ގަ އެވެ. އަލިފާން ރޯވީ އެ ހޮޓަލްގެ 20 ވަނަ ބުރީގައި ކަމަށް ދުބާއީ މީޑިއާ އޮފީހުން ވަނީ ބުނެފަ އެވެ. ޓޫރިސްޓުންގެ މެދުގައި މަގުބޫލް ދުބާއީ މޯލްއާ ޖެހިގެން ހުންނަ އެ ހޮޓަލަކީ 60 ބުރީގެ ހޮޓަލެކެވެ. ގާތްގަނޑަކަށް 300 މީޓަރު އުސް އެ ހޮސްޓަލްގައި ރޯވި އަލިފާނުގައި 16 މީހަކަށް އަނިޔާވި ކަމަށް ދުބާއީ މީޑިއާ އޮފީހުން ބުނެ އެވެ. އޭގެ ތެރޭގައި ދުމުގެ އަސަރުކޮށް ނޭވާ ހާސްވި މީހުންނާއި ހޮޓަލުން ނިކުންނަން އުޅުމުގެ ތެރޭގައި މީހުން ގިނަވެ ހާނިކަވި މީހުން ހިމެނޭ ކަމަށް ބުންޏެވެ.

"އެއްވެސް މީހަކަށް ބޮޑު ހާނިކައެއް ނުލިބޭ. އެ އެންމެންނަށް މި އަންނަނީ އެކަށީގެންވާ ސިއްހީ ފަރުވާ ދެމުން،" ދުބާއީ އޮފީހުން ބުންޏެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރަން އަލިފާން ނިއްވާޓީމުތަކުން މަސައްކަތް ކުރަމުން ދަނިކޮށް 10 ވަރަކަށް މިނެޓް ތެރޭގައި މުޅި ހޮޓަަލަށް އަލިފާންގަނޑު ފެތުރުނު ކަމަށް ވެސް މަންޒަރު ދުށް މީހުން ބުންޏެވެ. އަލިފާން ރޯވާން ދިމާވި ސަބަބެއް ނޭނގެ އެވެ.

އާ އަހަރަށް މަރުހަބާ ކިޔަސް ދުބާއީގައި އަރުވާ ބޮޑުވާ ހަވާގެ ހިތްގައިމު މަންޒަރު ބަލައިލުމަށް އެތައް ހާސް ބަޔަކު ޖަމާވެފައިވާ ސަރަހައްދުގައި ހުރި އެ ހޮޓަލްގައި އަލިފާން ރޯވެ އަނދަން ފެށިތާ އިރުކޮޅެއް ނުވެ ހޮޓަލުގެ ބައެއް ބައިތައް ބުރައިގެން އައުމާއި، ދުމާއި އަޅިތައް ވަނީ ބޮޑު ސަރަހައްދަކަށް ފެތުރިފަ އެވެ. ވަށައިގެން ހުރި 20 އިމާރާތަކަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދުބާއީ މީޑިއާ އޮފީހުން ވަނީ މި ހާދިސާގެ ސަބަބުން އާ އަހަރު ފާހަގަ ކުރަން ބާއްވާ ބޮޑު ހާވާޔާއި އެހެން ވެސް ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ. އެ އޮފީހުން ބުނާ ގޮތުގައި އަލިފާންގަނޑު ހޮޓަލްގެ އެތެރެއަށް ފެތުރިފައެއް ނުވެ އެވެ. އަލިފާން ހިފީ ހޮޓަލްގެ ބޭރުގަ އެވެ. އެ އޮފީހުން ބުނާ ގޮތުގައި އަލިފާން ނިންވާ ހަތަރު ޓީމެއް ހަރަކާތްތެރިވި އެވެ. އަދި ހޮޓަލްގެ ތެރޭގައި ބަހައްޓާފައި ހުރި އަލިފާން ނިވިތަކުން އަލިފާންގަނޑު ހޮޓަލްގެ ތެރެއަށް ނުފެތުރި ހުއްޓުވިފައިވާ ކަމަށް ވެސް ބުންޏެވެ. އަލިފާންގަނޑު ކާމިޔާބު ކަމާ އެކު ވަނީ ނިއްވާލައިފަ އެވެ.