ދުނިޔެ

އީރާނުން ޔޫރަޕަށް ތެޔޮ ވިއްކަން ވިސްނަނީ

އީރާނުން ޔޫރަޕަށް ތެޔޮ ވިއްކަން ވިސްނަމުން ދާ ކަމަށް އެ ގައުމުގެ ތެޔޮ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ. ރަޝިއާ - ޔުކްރޭން ހަނގުރާމައާ ހެދި ޔޫރަޕަށް ތެލާއި ގޭހަށް ބޭނުން ޖެހިފައި އޮތް އޮތުމަށް ފަސޭހަ ގޮތެއް ހަދައިދެވިދާނެ ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.

ރަޝިއާ - ޔުކްރޭން ހަނގުރަމައާ ގުޅިގެން ރަޝިއާގެ ތެލާއި ގުދުރަތީ ގޭސް އަދި ބޯޓުދެލި ޔޫރަޕަށާއި އެމެރިކާއަށް އެތެރެ ކުރުން ހުއްޓާލަން ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް، ރަޝިއާއިން ތެލާއި ގޭސް ޔުރަޕަށް ލިބުނުހާ ހެޔޮ އަގުގައި ލިބޭނެ އެހެން ދިމާއެއް އަދި ނެތެވެ.

އީރާން ބުނާ ގޮތުން މުޅި ދުނިޔެއަށް ސަޕްލައި ކުރެވޭ ވަރަށް އެ ގައުމުގައި ގުދުރަތީ ގޭސް އެބަހުއްޓެވެ. އެހެން ނަމަވެސް، އެމެރިކާ އާއި ބައިވެރިން އިރާނަށް އަޅާފައި ހުރި ދަތިކުރުންތަކާ ހެދި ޔޫރަޕްގެ ގައުމުތަކާއެކު ސީދާ ވިޔަފާރި ކުރުމަކީ މިވަގުތަށް އަދި ކުރެވެން ނެތް ކަމެކެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އީރާނުން ވިސްނަނީ ޒަރޫރީ ބޭނުންތަކަށް ހުޅުވާލެފައި ހުރި މަގުތަކުން އީރާގު މެދުވެރިކޮށް ޔޫރަޕަށް ތެޔޮ ވިއްކޭނެ ގޮތެއް ހޯދުމަށެވެ.

އީރާނުން ވިސްނާ ގޮތަށް ޔޫރަޕަށް ތެޔޮ ވިއްކޭ ގޮތް ވެއްޖެ ނަމަ އިރާގަށް ވެސް ބޮޑު ފައިދާއެއް ވާނެ އެވެ.

އެހެންކަމުން އީރާނަށް މިހާރު އޮތް އެންމެ ފައިދާ ބޮޑު ގޮތަކަށް ވަނީ އީރާންގެ ނިއުކްލިއާ ޕްރޮގްރަމާ ބެހޭ ގޮތުން އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކާއެކު ހަރުދަނާ އެއްބަސްވުމެއް ގާއިމުު ކުރުމެވެ.

އީރާނަށް ރަނގަޅު މާނާގައި ނިއުކްލިއާ ޑީލެއް ހެދިއްޖެ ނަމަ އިގުތިސޯދީ ގޮތުން ދުނިޔޭގައި ހެލިފެލިވެ އުޅުމަށް އިރާނަށް ލުއި ގޮތްތަކެއް ހުޅުވިގެން ދާނެ ކަމަށް ބެލެވެ އެވެ.