ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

އެހެން މީހަކު އެސައިންމަންޓް ހަދައިފިނަމަ 5000 ރުފިޔާގެ ޖޫރިމަނާ

May 16, 2022
3

މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަ ކުރަން ޖެހޭ އެކަޑެމިކް މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކޮށް އަގުދީގެން ނުވަތަ އެ ނޫންވެސް ގޮތަކަށް ކުރުވައިފިނަމަ 5،000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް ގަވާއިދެއް އެކުލަވާލާ އަމަލުކުރަން ފަށައިފި އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން "މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކާ ބެހޭ ގޮތުން ހުށަަހަޅާ ޝަކުވާތައް ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދު" އެކުލަވާލާފައިވަނީ ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުންނެވެ. ރައްޔިތުންގެ މަޖިލީހުން މިި ގާނޫނުގެ ބިލް ފާސްކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.

ގަވައިދުގައި ބުނެފައިވަނީ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރަކު އަމިއްލައަށް ކުރަންޖެހޭ ކަމެއް އެހެން މީހަކު ލައްވާ ކުރުވުމާއި ކުރަން ހުށަހެޅުމަކީ މަނާ ކަމެއް ކަމަށެވެ. އެފަދަ ކަމެއް ކޮށްފިނަމަ އަދަބެއްގެ ގޮތުގައި އެ ކުއްޖަކު 5،000 ރުފިޔާ ޖޫރިމަނާކުރެވިދާނެ ކަމަށް ގަވައިދުގައިވެ އެވެ. އަދި މި ގަވައިދުގެ ދަށުން އެފަދަ ފިޔަވަޅުތައް އެޅޭގޮތަށް މަތީ ތައުލީމުދޭ މަރުކަޒުތަކުގައި އިންތިޒާމުތަކެއް ހަމަޖެހިފައި ހުންނަންޖެހެ އެވެ. މިގަވައިދުގެ ދަށުން އެއްވެސް ދަރިވަރަކަށް ފިޔަވަޅު އަޅައިފިނަމަ ކަން ހިނގާދިޔަ ގޮތުގެ ތަފްސީލް ރިޕޯޓެއް ރަސްމީ ތިން ދުވަހުގެ ތެރޭގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅަންޖެހެ އެވެ.

ގަވައިދުގައިވާ ގޮތުން މަތީ ތައުލީމާއި ތަމްރީންދޭ މަރުކަޒުތަކުން ރާއްޖޭގެ ގާނޫނު އަސާސީއާއި ދިވެހި ރައްޔިތުންގެ ދިނީ އެއްބައިވަންތަކަށް ހިމާޔަތްކުރުމުގެ ގާނޫނުގައިވާ ކަމަކާ ޚިލާފަށް އަމަލުކޮށްފިނަމަ އެފަދަ ކަންކަން ތަކުރާރުކޮށް ނުކުރުމަށް ލިޔުމުން ނަސޭހަތްތެރިވެ 10،000 ރުފިޔާއިން ޖޫރިމަނާ ވެސް ކުރެވިދާނެ އެވެ. އަދި އެކަމުގައި ޒިންމާވާ މީހުންނަށް އެ މަރުކަޒެއްގައި ހަދާފައި ހުންނަ ގަވައިދުތަކާއި އުސޫލުތަކުގެ ދަށުން ފިޔަވަޅު އަޅާ 30 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އެކަމެއް އަންގަންވެސް ޖެހެ އެވެ.

މީގެ އިތުރުން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މަތީ ތައުލީމުދޭ މަރުކަޒުތަކަށް އަންގާ އެންގުންތަކާ ހިލާފުވެއްޖެނަމަ "ކޮލެޖްތަކާއި އިންސްޓިޓުއުޓްތަކުގެ ދަފްތަރު" ނުވަތަ "ޔުނިވަސިޓީތަކުގެ ދަފްތަރު"ން އެ މަރުކަޒެއްގެ ނަން އުނިކުރުމަށްވެސް ފުރުސަތު ދީފައިވެ އެވެ. މިނިސްޓްރީން އެފަދަ ފިޔަވަޅެއް އަޅައިފިނަމަ އެތަނެއް އަލުން ދަފްތަރުގައި ހިމަނާނީ މިނިސްޓްރީން އިސްލާހުކުރަން އަންގާ ކަންކަން އެ މަރުކަޒަކުން އިސްލާހުކޮށް އެކަން މިނިސްޓްރީއަށް އެންގުމުންނެވެ. މަތީ ތައުލީމު ދޭ މަރުކަޒެއް ދަފްތަރުން އުނިކޮށްފިނަމަ އެމްކިއުއޭއާއި އެމްއެންއެސްޑީއޭ އިން މަރުކަޒުތަކަށް ދެމުންދާ ހުއްދަތަކާއި ހިދުމަތްތައް ވަގުތީގޮތުން ހުއްޓާލެވިދާނެ ކަމަށްވެސް ގަވައިދުގައިވެ އެވެ. އަދި މަތީ ތައުލީމުދޭ މަރުކަޒުތަކަށް މިނިސްޓްރީން ފަހިކޮށްދޭ ތައުލީމީ ފުރުސަތުތަކާއި މާލީ ފުރުސަތުތައްވެސް ވަގުތީ ގޮތުން ހުއްޓާލަން ފުރުސަތު ދީފައިވެ އެވެ. ނަމަވެސް އެފަދަ ހާލަތެއްގައިވެސް މަރުކަޒުގައި އެވަގުތު ކިޔވަމުންދާ ދަރިވަރުންގެ ކިޔެވުން ނިމެންދެން ކުރިއަށް ގެންދެވޭނެ ކަމަށް ގަވައިދުގައިވެ އެވެ.

ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރުމުން ޖޫރިމަނާގެ ފައިސާ ދައްކަން ޖެހެނީ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ޓްރަސްޓް ފަންޑަށެވެ.

ގަވާއިދުގައިވާ ގޮތުން މަތީ ތައުލީމާއި ތަމްރީންގެ ދާއިރާގައި ހިމެނޭ އެއްވެސް ފަރާތަކާމެދު ހުށައެޅޭ ޝަކުވާއަކާ ގުޅިގެން މިނިސްޓްރީން ހިންގަންޖެހޭ ތަހުގީގުތައް ހިންގުމަށްފަހު އެކަމަކީ މިނިސްޓްރީގެ އިޚްތިސޯސުން ބޭރުން އިތުރު ފިޔަވަޅެއް އަޅަންޖެހޭ ކަމަކަށް ވަނާމަ އެކަމެއް އިތުރަށް ތަހުގީގުގުކޮށް ޒިންމާ ނަގަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހެޅިދާނެ އެވެ.

މިގަވައިދުގެ މަގުސަދަކީ މަތީ ތައުލީމާއި ތަމްރީންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ގާނޫނާއި ގަވައިދުތަކުގެ ދަށުން ލާޒިމުކުރާ މިންގަޑުރަކަށް އަމަލުކުރަމުންދާ ކަށަވަރުކުރުމެވެ. އަދި ގަވާއިދާ ހިލާފު ކަންކަން މިނިވަންކަމާއި މުސްތަގިއްލުކަމާއި އިންސާފުވެރިކަމާއެކު ބަލައި އެ ފަރާތްތަކާމެދު އިސްލާހީ ފިޔަވަޅު އަޅާ އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުންވެސް މަގުސަދުގައި ހިމެނެ އެވެ. މީގެއިތުރުން އެފަދަ ތަންތަނަކީ ހުރިހާ ގޮތަކުންވެސް އާންމުންގެ އިތުބާރު ލިބިފައިވާ ތަންތަންކަމުގައި ހެދުމާއި މުޖުތަމައު ގަބޫލުކުރާ ފެންވަރުގެ ތަންތަން ކަމުގައި ހެދުންވެސް ހިމެނެ އެވެ. އަދި މަތީ ތައުލީމުދޭ މަރުކަޒުތަކާއި އެތަންތަނުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ މަސްލަހަތާއި ހައްގުތައް ހިމާޔަތްކުރުން ވެސް ގަވައިދުގެ މަގުސަދުގައި ހިމެނެ އެވެ.