ރައްޔިތުންގެ މަޖިލިސް

ޖަރުމަން ސަފީރަކަށް ޝާން އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

May 16, 2022

ދިވެހިރާއްޖޭން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް ގ. ޕެންޒީމާގެ އައިޝަތު ޝާން ޝާކިރު ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކަންތައްތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

ޝާން އަށް ރުހުން ދޭން ކޮމިޓީން މިއަދު ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޖަރުމަންގައި ހުންނަވާ ދިވެހި ސަފީރަކަށް އެންމެ ފުރަތަމަ ހަމަޖެއްސެވީ ހ. ސީވީޑް، އަހްމަދު ލަތީފް އެވެ. އޭނާ އެ މަގާމަށް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވީ ޖެނުއަރީ 20، 2019 ގައެވެ.

ލަތީފް ރާއްޖެ ގެނެސް، ޖަރުމަންގައި ހުންނަވާ ސަފީރު ކަމަށް ޝާން އައްޔަންކުރަން ނިންމަވާ އެ ބަދަލު ގެނައުމަށް ރައީސް ސޯލިހް މަޖިލީހަށް ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ ތަޅުމަށް އިއްވީ މިދިޔަ އޭޕްރީލް 25 ވަނަ ދުވަހު އެވެ. މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވީ ވެސް އެ ދުވަހު އެވެ.

މިބަދަލު ގެންނެވި ވަކި ސަބަބެއް ރައީސް ސޯލިހް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައެއް ނުވެ އެވެ.

ރާއްޖޭގެ ފުރަތަމަ އަންހެން ޕްރޮޓޮކޯލް ޝާން މިވަގުތު ހުންނެވީ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގަ އެވެ. އެ މަގާމަށް ޝާން އައްޔަންކުރެެއްވީ ނޮވެމްބަރު 15، 2020 ގައެވެ. އޭގެ ކުރިން ހުންނެވީ ބަންގްލަދޭޝްގައި ހުންނެވި ދިވެހި ސަފީރުގެ މަގާމުގަ އެވެ.