ބޮލީވުޑް

ދިމާކުރާ މީހުންނަށް އަމީތާބު ދިނީ އިބުރަތްތެރި ޖަވާބެއް

ރޭގަނޑު ހަތަރުދަމު ޝޫޓިންގްގައި އުޅުމުގެ ސަބަބުން އަމީތާބް ބައްޗަން އަށް އޭނާގެ އެތައް މިލިއަން ފޭނުންނަކަށް ހެނދުނުގެ ސަލާމް ކޮށްލެވުނީ ތަންކޮޅެއް ލަހުންނެވެ. އޭނާ "ގުޑް މޯނިން" ކިޔާ ލުމާއެކު ބަޔަކު މީހުން އޭނާ އާ ދިމާކޮށްލައި ވަރަށް ގަދަރުކުޑަ ގޮތަކަށް ފާޑުފާޑުގެ ކޮމެންޓުތައް ކުރަން ފެށި އެވެ.

އަމީތާބަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވްކޮށް އުޅޭ މީހެކެވެ. އަދި އޭނާގެ ދިރިއުޅުމުގެ ވާހަކަތައް ވަރަށް ގިނައިން ފޭނުންނާ ހިއްސާކުރާ އެކްޓަރެއް ވެސް މެއެވެ. ގިނަ ފަހަރަށް އަމީތާބުގެ ޕޯސްޓްތަކަށް އޭނާގެ ފޭނުން ވަރަށް އަދަބު އިހުތިރާމާއެކު ކޮމެންޓުތައް ކޮށްފައި ވެއެވެ. ނަމަވެސް މިފަހަރު މިވީ ގޮތެއް އަމީތާބަކަށް ވެސް ނޭނގުނެވެ.

ފޭނުން ހީކުރީ އަމީތާބު ލަހުން ގުޑް މޯނިން ކީ މާ ލަހުން ހޭލެވިގެން ކަމަށެވެ. އެހެންވެ ލަހުން ހޭލާތީ ވެސް މައްސަލައަކަށް ވެގެން ހުތުރު ބަސް ބަހުން އޭނާއާ މުހާތަބުކޮށް ކޮމެންޓުތައް ކުރަން ފެށީ އެވެ.

އަމީތާބު އެ ދުވަހު އޭނާގެ ފޭސްބުކް އެކައުންޓްގައި އެއްޗެއް ލިޔެލީ އާދިއްތަ ދުވަހު ހެނދުނު 11.30 ހާއިރު އެވެ. އެހިސާބުން އޭނާގެ "ގުޑް މޯނިން" އަށް ބައެއް މީހުން ޖަވާބުދިން އިރު އަނެއް ބަޔަކު "މުސްކުޅި މީހާއޭ ކަލެއަކަށް ނޭނގޭހޭ މީ ހެނދުނެއް ނޫނޭ މެންދުރު ވެއްޖެއޭ،" ފަދަ ކޮމެންޓުތައް ވެސް ކުރި އެވެ.

އޭނާއަށް ހުތުރު ބަހުން މުހާތަބުކުރި މީހުންނަށް އަމީތާބު ޖަވާބު ދިނީ ވަރަށް އިހްތިރާމާ އެކުގަ އެވެ.

"އަހަރެން ދުއާ ކުރަން ކަލޭ ދިގު އުމުރެއްގައި ދުނިޔޭގައި ލަހައްޓަވާތޯ އަދި ކަލޭ މުސްކުޅިވާ ދުވަހު މީހަކު ކަލެއާ ދިމާލަށް މުސްކުޅި އޭ ކިޔާފައި ނުގޮވާތޯ،" އަމީތާބާ ދިމާކުރި މީހާއަށް އޭނާ ޖަވާބު ދިނެވެ.

އަމީތާބާ ދިމާކުރި އެހެން މީހަކު އޭނާ ރާބޮއި މަސްތުވެގެން މާ ލަހުން ނިދީމަ ހެނދުނު ނުހޭލެވުނީއޭ ކިޔާފައި ވެސް ކޮމެންޓް ކޮށްފައި ވެއެވެ. މި މީހާ އަށް ވެސް އަމީތާބު ޖަވާބު ދީފައި ވެއެވެ. އޭނާ ބުނީ އޭނާ ރާ ނުބޯ ކަމަށެވެ.