ބޮލީވުޑް

މި އަހަރު އިންތިޒާރު ކުރަންވީ ކޮން ފިލްމަކަށް؟

Jan 2, 2016

ނިމި ދިޔަ އަހަރަކީ ބޮލީވުޑަށް މާ ފާގަތި އަހަރެކޭ ނުބުނެވޭނެ އެވެ. ގިނަ ފިލްމުތަކެއް ފުލުފުލުގައި ރިލީޒްވި ނަމަވެސް ފާހަގަކޮށްލެވޭ ވަރުގެ ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ ގުނާލެވޭ މަދު ފިލްމުތަކެކެވެ. ނަމަވެސް ނިކުތް ގިނަ ފިލްމުތަކަށް މާބޮޑު ކާމިޔާބީއެއް ނުލިބުނު ނަމަވެސް، ނިމިދިޔަ އަހަރަކީ ބޮލީވުޑުގެ ހަރީފު މޫސުމެކޭ ނުބުނެވޭނެ އެވެ.

މިދިޔަ އަހަރުގައި ވެސް ބެލުންތެރިން ހެއްވާލައި ބޮކްސް އޮފީސް ފަތަހަކުރާ ވަރުގެ ފިލްމުތައް ރިލީޒްވެފައިވާއިރު، މިއަހަރަކީ ވެސް ބޮޑެތި ތަރިންގެ ގިނަ ފިލްމުތަކެއް ނިކުތުމަށް ހަމަޖެހިފައި ހުރި އަހަރެކެވެ.

މިއަހަރުގައި ރިލީޒްކުރަން ހަމަޖެހިފައި ހުރި ފިލްމުތައް ރިލީޒްކުރާ ދުވަސްތައް ކުރީ ބައިގައި ހަމަޖެހި، އެފިލްމުތަކުގެ ވާހަކަތައް ހުއްޓުމެއް ނެތި ދެކެވެމުން އަންނަތާ މިހާރު ލައްކަ ދުވަސްވެފައިވާއިރު، ގިނަ ފިލްމުތަކެއް ރިލީޒްކުރަން ހުރުމުން ބަލަން އެންމެ އެކަށީގެންވާނީ ކޮންމެ ފިލްމެއްތޯ ބެލުން ކުޑަކޮށް އުނދަގޫވެދާނެ އެވެ.

އެހެންކަމުން، މިއަހަރުގެ ކޮންމެ ހަފްތާ ބަންދެއްގައި ރިލީޒްކުރަން މިހާރު ހަމަޖެހިފައިހުރި ފިލްމުތަކުގެ ތެރެއިން ކޮންމެވެސް ދޫކޮށްލައިގެން ނުވާނެ ފިލްމުތަކަށް ބަލައިލަމާ ހިނގާށެވެ.

ވާޒިރް

މިއަހަރުގެ އެންމެ ފުރަތަަ ރިލީޒްކުރާ މިފިލްމުގެ މުހިންމު ރޯލުން ފެނިގެންދާނީ މެގަސްޓާ އަމީތާބް ބައްޗަން އާއި ފަރްހާން އަޚްތަރު އާއި ނީލް ނިތިން މުކޭޝް އަދި އަދިތީ ރާއޯ ހައިދްރީ އެވެ. "ވާޒިރް" ގައި އަމީތާބް ނުކުޅެދޭ ރާޒުވާ ކުޅުންތެރިއެއްގެ ރޯލުން ފެނިގެންދާއިރު، ފަރްހާން ކުޅެފައިވަނީ އެންޓި ޓެރަރިޒަމް ސްކޮޑްގައި މަސައްކަތްކުރާ އޮފިސަރެއްގެ ރޯލުންނެވެ. "ޕީކޭ"ގެ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އާއި ޕްރޮޑިއުސަރު ވިންދޫ ވިނޯދު ޗޯޕްޅާ ޕްރޮޑިއުސްކޮށްފައިވާ "ވާޒިރް" އަށް އެންމެ ފުރަތަމަ ކިޔާފައިވަނީ "ދޯ" އެވެ. ނަމަވެސް ފަހުން މިފިލްމުގެ ނަން ވަނީ ބަދަލުކޮށްފަ އެވެ. ޖެނުއަރީ 8 ވަނަ ދުވަހު ރިލީޒްކުރާ މިފިލްމު ޑައިރެކްޓްކޮށްފައިވަނީ ބެންޖޯ ނަމްބިއާ އެވެ. މިފިލްމުގެ "އަތުރަންގީ ޔާރީ" މިލަވަ ކިޔައިދީފައިވަނީ ވެސް އަމީތާބާއި ފަރްހާން އެވެ.

ގާޔަލް ވަންސް އެގެއިން

ސަނީ ޑިއޯލް ލިޔެ، ޑައިރެކްޓްކޮށް އަދި އެކްޓްވެސްކޮށްފައިވާ މިފިލްމަކީ ރިލީޒްކުރުމުގެ ކުރިން ވެސް އެފިލްމުގެ ވާހަކަ ވަރަށް ގަދައަށް ދެކެވެމުން އަންނަ ވާހަކަ އެވެ. މިފިލްމާއި ދެކޮޅަށް ކޯޓަށް ވެސް މައްސަލަތަކެއް ހުށަހަޅާފައިވާއިރު، މިފިލްމު އެންމެ ފުރަތަމަ ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތީ މިދިޔަ ނޮވެމްބަރު މަހުގެ މެދުތެރޭގަ އެވެ. ނަމަވެސް ފަހުން ވަނީ މިއަހަރުގެ ކުރީކޮޅު ރިލީޒްކުރާ ގޮތަށް ބަދަލުކޮށްފަ އެވެ. ސަނީގެ ބައްޕަ ދަރްމެންދުރަގެ ހޯމް ޕްރޮޑަކްޝަން ކުންފުނިން ޕްރޮޑިއުސްކުރާ މިފިލްމުގެ މުހިންމު ރޯލުން ސޮހާ އަލީ ޚާން އާއި ރިޝަބް އަރޯރާ އާއި އާންޗަލް މުންޖަލްގެ އިތުރުން ޑަޔާނާ ޚާން ފެނިގެންދާނެ އެވެ. ޖެނުއަރީ 15 ވަނަ ދުވަހު ރިލީޒްކުރާ މިފިލްމަކީ އެކްޝަން މަންޒަރުތަކާއި ތަޅާފޮޅާ ގިނަ މަންޒަރުތަކެއް ފެނިގެންދާނެ ފިލްމެކެވެ.

އެއާލިފްޓް

ޖެނުއަރީ މަހުގެ ތެރޭގައި ރިލީޒްކުރުމަށް ހުރި ފިލްމުތަކުގެ ތެރެއިން، މިހާރުން ފެށިގެން އެންމެ ގަދަޔަށް ޕްރޮމޯޓްކުރަމުން އަންނަ ފިލްމަކީ މިފިލްމެވެ. "އެއާ ލިފްޓް" އަކީ ގަލްފް ހަންގުރާމައިގެ ދުވަސްވަރު ކުވެއިތްގައި ހައްޔަރުވެފައި ތިބި އިންޑިއާގެ މީހުން ސަލާމަތްކުރުމަށް އަކްޝޭ ކުމާރު ކުރާ ބުރަ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. ރާޖާ މެނޮން ޑައިރެކްޓްކޮށްފައިވާ މިފިލްމުގައި އަކްޝޭ އާއެކު ބަތަލާއެއްގެ ރޯލުން ފެނިގެންދަނީ "ދަ ލަންޗް ބޮކްސް" އިން ވިދާލީ ނިމްރަތް ކޯރް އެވެ. މިފިލްމުު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހާއި ދިމާކޮށް ޖެނުއަރީ 22ގަ އެވެ. މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ސާލާ ކަޑޫސް

މިފިލްމަކީ ކޯޗަކާއި އޭނާގެ ދަރިވަރުންގެ ދެމެދުގައި އޮންނަ ވަރަށް ވަރުގަދަ ގުޅުމެއް ދައްކުވައިދޭ ފިލްމެކެވެ. އަދި ކޯޗު އޭނާގެ އަންހެން ދަރިވަރުންތަކަކަށް ބޮކްސިން ތަޅަން ދަސްކޮށްދީގެން ކާމިޔާބީއާ ހަމަޔަށް ގެންގޮސްދޭތަން ފެނިގެންދާ މިފިލްމުގައި އާރް މާދަވަން ފެނިގެންދާނީ ކޯޗްހެ ރޯލުންނެވެ. މާދަވަން އާއެކު މިފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާނީ ބޮލީވުޑަށް މުޅިން އަލަށް ތައާރަފުވާ ރިތިކާ ސިންގް އެވެ. ދެހާސް ހަތަރު ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓްކޮށް ނިންމާފައިވާ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އެވެ.

ނީރްޖާ

އަންނަ އަހަރުގައި ރިލީޒްކުރަން ހުރި ފިލްމުތަކުގެ ތެރެއިން، "ނީރްޖާ" އަކީ ގިނަބަޔަކު އެންމެ އިންތިޒާރުކުރާ ފިލްމެވެ. ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މިފިލްމަކީ 1986 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ޕާކިސްތާނުގެ ކަރާޗީގައި ހައިޖެކްކުރި ޕޭން އޭމް ފްލައިޓް 73ގެ ތެރޭގައި ޓެރަރިސްޓުންގެ ކިބައިން ޕަސިންޖަރުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި މަރާލި އުމުރުން އެންމެ 23 އަހަރުގެ އިންޑިއާގެ ފްލައިޓް އެޓެންޑެންޓް ނީރްޖާ ބެނޮތުގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ނީރްޖާގެ ރޯލު ކުޅެފައިވަނީ ޒުވާން ބަތަލާ ސޯނަމް ކަޕޫރެވެ. ނީރްޖާ އަށް ވަނީ ހިތްވަރުގަދަ މީހުންނަށް އިންޑިއާގެ ސަރުކާރުން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ އަޝޯކް ޗަކްރާ އެވޯޑް ލިބިފަ އެވެ. އަދި އޭނާ އަކީ މި އެވޯޑް ލިބުނު އުމުރުން އެންމެ ހަގު މީހާ ވެސް މެ އެވެ. ޝަބާނާ އާޒްމީ ވެސް މިފިލްމުގައި ސޯނަމްގެ މަންމަގެ ރޯލުން ފެނިގެންދާނެ އެވެ. އެޑް ފިލްމް މޭކާ ރާމް މަދްވާނީ ޑައިރެކްޓްކުރާ މިފިލްމު ޕްރޮޑިއުސްކުރަނީ ފޮކްސް ސްޓާ އިންޑިއާ އާއި ބްލިންގް އެންޓަޓެއިންމަންޓްގެ ފަރާތުންނެވެ. ޓެރަރިސްޓުން ހަމަލާތަކުގައި ވަރަށް ޒުވާން އުމުރުގައި ނީރްޖާ މަރުވެފައިވާއިރު، ފެބްރުއަރީ 19 ވަނަ ދުވަހު ރިލީޒްކުރާ މިފިލްމަކީ އޭނާގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެއް ކަމުން މިފިލްމަކީ ގިނަބަޔަކު ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.

ފިތޫރް

އަދިތްޔަ ރޯއި ކަޕޫރާއި ކެޓްރީނާ ކައިފް ލީޑްރޯލުން ފެނިގެންދާ "ފިތޫރް" އަކީ ޗާލްސް ޑިކެންސްގެ ވާހަކަ ''ދަ ގްރޭޓް އެކްސްޕެކްޓޭޝަން'' ގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ކަޝްމީރާއި ދިއްލީގެ އިތުރުން ޕޮލޭންޑް ގައި މަންޒަރުތައް ނަގާފައިވާ މިފިލްމުގައި ކެޓްރީނާ ޕާކިސްތާން އަންހެން ކުއްޖެއްގެ ރޯލުން ފެންނައިރު، އަދިތްޔާ ކުޅެނީ ކަޝްމީރު ޒުވާން ފިރިހެން ކުއްޖެއްގެ ރޯލެވެ. މިދެތަރިންގެ އިތުރުން މިފިލްމުގައި މުހިންމު ރޯލަކުން ތާބޫ ވެސް ފެނިގެންދާނެ އެވެ. މިފިލްމަކީ ވެސް ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ. މިފިލްމުގައި ތާބޫ ކުޅެފައިވާ ރޯލު އެންމެ ފުރަތަމަ ކުޅެފައިވަނީ ރޭކާ އެވެ. ނަމަވެސް ފިލްމުގެ ބޮޑުބައެއްގެ މަންޒަރުތައް ނަގައި ނިމުނު ފަހުން ޑައިރެކްޓަރު އަބީޝެކް ކަޕޫރް އާއި ރޭކާއާ ދެމެދު ޖެހުނު މައްސަލައެއްގައި އޭނާ ވަނީ މިފިލްމު ނުކުޅެ ދޫކޮށްލާފަ އެވެ. ފެބްރުއަރީ 12 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމުގެ މުހިންމު ރޯލުން އަދިތީ ރާއޯ ހައިދްރީ އާއި ލާރާ ދައްތާގެ އިތުރުން ރާހުލް ބަޓް ފެނިގެންދާނެ އެވެ.

ޖޭ ގަންގާޖަލް

"ޖޭ ގަންގާޖަލް" އަކީ 2003 ވަނަ އަހަރު ނިކުތް ކްރައިމް އެކްޝަން ޑްރާމާ ފިލްމު "ގަންގާޖަލް"ގެ ދެވަނަ ބަ އެވެ. ޕްރަކާޝް ޖާ ޑައިރެކްޓްކޮށް ޕްރިޔަންކާ ޗޯޕްޅާ ފުލުސް އޮފިސަރެއްގެ ރޯލުން ފެނިގެންދާ މިފިލްމުގައި ފެނިގެންދާނީ ފުލުހުންނާއި މުޖުތަމައުއާ ދެމެދު އޮންން ގުޅުމެެވެ. އިތުރުން މިފިލްމުގައި މުޖުތަމައު އާއި ފުލުހުންނާއި ސިޔާސީ ބާރުގަދަ ފަރާތްތަކާއި ދެމެދު އޮންނަ ގުޅުން ވެސް ފެނިގެންދާނެ އެވެ. "ޖޭ ގަންގާޖަލް" ގައި ޕްރިޔަންކާ ކުޅެފައިވަނީ މުޖުތަމައުގައި ހަމަޖެހުން ގެނައުމަށް މަސައްކަތްކުރާ ޖެހިލުން ކުޑަ ފުލުސް އޮފިސަރެއްގެ ރޯލުންނެވެ. މީގެއިތުރުން ވެސް މިފިލްމުގައި އިންޑިއާގައި އަންހެން ފުލުސް އޮފިސަރުންނަށް ދިމާވާ ގޮންޖެހުންތައް ވެސް ފެނިގެންދާނެ އެވެ. މިފިލްމުގެ ވާހަކަ ލިޔެ ޑައިރެކްޓްކުުރުމުގެ އިތުރަށް ޕްރަކާޝް ޖާ މިފިލްމުގައި މުހިންމު ފުލުސް އޮފިސަރެއްގެ ރޯލުން ވެސް ފެނިގެންދާނެ އެވެ. މިހާރު ޓްރެއިލާ އާންމުކޮށްފައިވާ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ ތެރޭގަ އެވެ.

އަބިނަވް ޑިއޯ ޑައިރެކްޓްކޮށްފައިވާ "ފޯސް 2" އަކީ 2011 ވަނަ އަހަރު ނިކުތް ހިޓް ފިލްމު "ފޯސް"ގެ ސީކުއަލް އެކެވެ. ޖޯން އަބްރަހަމް އާއި ސޮނާކްޝީ ސިންހާގެ އިތުރުން ތާހިރް ރާޖް ބަސީމް މުހިންމު ރޯލުން ފެނިގެންދާ މިފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ލަންޑަން އާއި ބުޑާޕެސްޓްގަ އެވެ. ޖޯންގެ އެކްޝަން މަންޒަރުތައް ފެނިގެންދާނެ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެދު ތެރޭގަ އެވެ.

ކަޕޫރް އެންޑް ސަންސް

ޝަކުން ބަޓްރާ ޑައިރެކްޓްކޮށް، މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ޕްރޮޑިއުސްކޮށްފައިވާ މިފިލްމަކީ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ. ހަގީގީ ދެލޯބިވެރިން ކަމަށް ބުނާ ސިދާތް މަލްހޯތުރާ އާއި އާލިއާ ބަޓްގެ އިތުރުން ޕާކިސްތާނުގެ އެކްޓަރު ފަވަދް ޚާން ލީޑްރޯލުން ފެނިގެންދާ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ. މިތަރިންގެ އިތުރުން މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރު ވެސް މުހިންމު ރޯލަކުން ފެނިގެންދާނެ އެވެ. ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މިފިލްމުގައި މިޒަމާނުގެ އާއިލީ ދިރިއުޅުން ފެނިގެންދާނެ އެވެ. ސިދާތް އާއި އާލިއާ އުޅެނީ ރައްޓެހިވެގެން ކަމަށް ބުނާތީ މިދެތަރިންގެ ކެމިސްޓްރީ ބަލައިލަން މިފިލްމު ބަލަން ވަންނަ މީހުން ހަމަޔަގީނުންވެސް ގިނަވާނެ އެވެ.

ކީ އެންޑް ކާ

އާރް ބަލްކީ ޑައިރެކްޓްކޮށްފައިވާ މިފިލްމަކީ އަރްޖުން ކަޕޫރާއި ކަރީނާ ކަޕޫރު އެކުގައި ކުޅެފައިވާ ފުރަތަމަ ފިލްމެވެ. ގެވެހި ފިރިއަކާއި ބިޒީ އަނބިމީހާގެ ދިރިއުޅުން ދައްކުވައިދޭ މިފިލްމުގައި އަރްޖުން ކުޅެނީ ކެރިއަރުގައި ކުރިއަށްދާން ބުރަ މަސައްކަތްކުރާ އަންބަކަށް އެހީތެރިވާ ގެވެހި ފިރިއެއްގެ ރޯލެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިއްލީގައި އާއި ދުބާއީގައި މަންޒަރުތައް ނަގައި ނިންމާލެވުނު މިފިލްމުގެ މުހިންމު މަންޒަރެއްގައި އަމީތާބް ބައްޗަން އާއި އަންހެނުން ޖާޔާ ބައްޗަން ވެސް ފެނިގެންދާނެ އެވެ.

ފޭން

މިދިއަ އަހަރު ސުޕަސްޓާ ޝާހްރުކް ޚާންގެ އެންމެ ފިލްމެއް ރިލީޒްވުމުން އޭނާގެ ފޭނުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. ނަމަވެސް މިއަހަރު ޝާހްރުކްގެ ދެފިލްމެއް މިއަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، މިދެފިލްމުގެ ތެރެއިން އެންމެ ފުރަތަމަ ރިލީޒްކުރާނީ އެޕްރީލް މަހުގެ 15 ވަނަ ދުވަހު ނިކުންނަ "ފޭން" އެވެ. ޔާޝް ރާޖް ފިލްމުގެ ވެރިޔާ އަދިތްޔަ ޗޯޕްޅާ ޕްރޮޑިއުސްކޮށް މަނީޝް ޝަރްމާ ޑައިރެކްޓްކޮށްފައިވާ މިފިލްމުގައި ޝާހްރުކް ފެނިގެންދާނީ ޑަބަލް ރޯލުންނެވެ. އެއީ ސުޕަސްޓާއެއްގެ ރޯލުންނާއި އެސުޕަސްޓާގެ ފޭނެއްގެ ރޮލުންނެވެ. ދެމީހުން ގައިގަ ވެސް އެއް ވައްތަރެއް ޖެހުމުން ގިނަމީހުންނަށް ސުޕްސްޓާ އާއި އޭނާގެ އެންމެ ބޮޑު ފޭނާއި އޮޅޭއިރު، މިފިލްމުގައި ހެއްވާ މަޖާ ކަންތައްތަކެއްވެސް ފެނިގެންދާނެ އެވެ. މިފިލްމުގެ ޝޫޓިން ނިމުނު ފަހުން، ޝާހްރުކް ވަނީ އޭނާގެ ފިލްމީ ކެރިއަރުގައިވެސް ކުޅުނު އެންމެ އުނދަގޫ ރޯލުތައް ކުޅެފައިވަނީ މިފިލްމުގައި ކަމަށް ބުނެފަ އެވެ.

ބާޣީ- ރިބެލް ފޯ ލަވް

ޒުވާން ދެތަރިން ކަމަށްވާ ޝްރަދާ ކަޕޫރާއި ޓައިގާ ޝްރޮފް ލީޑްރޯލުން ފެނިގެންދާ މިފިލްމަކީ މިދެތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. މީޑިއާ އަށް ފޮރުވައިގެން މިފިލްމުގެ ޝޫޓިންގެ ހުރިހާ ކަމެއް ކުރިއަށް ގެންދާއިރު، މިފިލްމުގައި ކުޅޭ ރޯލަށް ފިޓް ވުމުގެ ގޮތުން ޓައިގާ ވަނީ އޭނާގެ ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށްފަ އެވެ. "ބާޣީ"ގައި ޓައިގާ ފެނިގެންދާނީ ލޯބި ހާސިލުކުރުމަށް މަސައްކަތްކުރާ ޒުވާނެއްގެ ރޯލުންނެވެ. އަދި މިފިލްމުގައި އެކްޝަން މަންޒަރުތައް ގިނަ އަދަދަކަށް ހިމެނޭތީ ޓައިގާ ވަނީ އެކްޝަން ސްޓަންޓްތަކަށް ހާއްސަ ތަމްރީނުތަކެއް ބެންކޮކްގައި ހަދާފަ އެވެ. ސަބީރް ޚާން ޑައިރެކްޓްކޮށް ސާޖިދު ނަޑިއަޑްވާލާ ޕްރޮޑިއުސްކޮށްފައިވާ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ.

ބާރް ބާރް ދޭކޯ

ޑައިރެކްޝަން ގޮނޑީގައި މުޅިން އަލަށް އިށީންނަ ނިތްޔާ މެހްރާ ޑައިރެކްޓްކޮށް، ސިދާތް މަލްހޯތުރާ އާއި ކެޓްރީނާ ކައިފް ލީޑްރޯލުން ފެނިގެންދާ މިފިލްމަކީ ލޯބީގެ ހާދިސާތަކެއް ފެނިގެންދާނެ ފިލްމެކެވެ. ސިދާތް އާއި ކެޓްރީނާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމުގެ ޝޫޓިން މިހާރު ކުރިއަށްދަނީ ލަންޑަނުގަ އެވެ. ސިދާތް މެތްމެޓިކްސް ޕްރޮފެސަރެއްގެ ރޯލުން ފެނިގެންދާ މިފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ރިތޭޝް ސިދްވާނީ އާއި ފަރްހާން އަޚްތަރު އާއި ކަރަން ޖޯހަރެވެ. އަދި މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ

އަޒްހަރު

ކުރީގެ އިންޑިއާގެ ކްރިކެޓް ޓީމްގެ ކެޕްޓަން މުހައްމަދު އަޒްހަރުއްދީންގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމު "އަޒްހަރު"ގެ އަކީ މިއަހަރު ރިލޒްކުރުމަށް ހުރި ފިލްމުތަކުގެ ތެރެއިން ބޮޑު ފިލްމެކެވެ. އިމްރާން ހާޝިމީ އަޒްހަރުގެ ރޯލުން ފެނިގެންދާއިރު އޭނާގެ އަނބިންގެ ރޯލުން ފެނިގެންދަނީ ޕްރާޗީ ދޭސާއީ އާއި ނަރްގިސް ފަކްރީ އެވެ. މެއި މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރާ މިފިލްމުގައި އޭނާ މަޝްހޫރުވެގެން އައި ދުވަސްވަރު އޭނާގެ ޖާދުލުގައި އެތަކެއް އަންހެންކުދީންނެއް ޖެހިފައި ތިބިއިރު، 2000 ވަނަ އަހަރު ފެންމަތިވި މެޗް ފިކްސިންގް މައްސަލައިގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވުމާއިއެކު އެތައް ބައެއްގެ ނުރުހުމާއި ނަފްރަތާއި ކުރިމަތިލާން ޖެހުނު ގޮތް ފެނިގެންދާނެ އެވެ. މީގެއިތުރުންވެސް މެޗް ފިކްސިންގް މައްސަލައިގެ ސަބަބުން އިންޑިއާގެ އެންމެ ކާމިޔާބު ކެޕްޓަން ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އަޒްހަރު އުމުރު ދުވަހަށް ކްރިކެޓް ކުޅުން އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން މަނާކުރުމުގެ ސަބަބުން ކަންތައްވާ ގޮތްވެސް މިފިލްމުގައި ފެނިގެންދާއިރު އޭނާ ކެޕްޓަން ކަމުގެ ދަށުން ހޯދާދީފައިވާ ކާމިޔާބީތަކުގެ ވާހަކަވެސް ފެނިގެންދާނެ އެވެ. ޓޯނީ ޑިސޫޒާ ޑައިރެކްޓްކޮށްފައިވާ މިފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ބަލާޖީ މޯޝަން ޕިކްޗާސް އާއި އެމްއެސްއެމް މޯޝަން ޕިކްޗާސް އިންނެވެ.

ރޮކް އޮން 2

ދެ ހާސް އަށް ވަނަ އަހަރު ނިކުތް ކާމިޔާބު ރޮކް މިއުޒިކް ފިލްމު "ރޮކް އޮން" ސިލްސިލާގެ ދެވަނަ ފިލްމު "ރޮކް އޮން 2” ފެށޭނީ މިސިލްސިލާގެ ފުރަތަމަ ފިލްމު ނިމުނު ހިސާބުންނެވެ. ފުރަތަމަ ފިލްމުގައި ހިމެނު ތަރިންގެ އިތުރުން އާ ތަރިއަކަށް މިފިލްމއި ގުޅިފައިވަނީ ޝްރަދާ ކަޕޫރެވެ. އޮގަސްޓް މަހުގެ ތެރޭގައި ޝޫޓުން ފެށި މިފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ޝިލޮންގްގަ އެވެ. އެކްޓްކުރުމުގެ އިތުރުން މިފިލްމުގެ ލަވަތައްވެސް ޝްރަދާ ކިޔަން ހަމަޖެހިފައިވާއިރު، މީގެ ދުވަސްތަކެއް ކުރިން ވަނީ ލަވަކިޔުމުގެ ޓްރެއިންނިން ތަކެއް ހަދާފަ އެވެ.
މުޅިން އަލަށް ޑައިރެކްޓަރުގެ ގޮނޑީގައި އިށީންނަ ޝޫޖާތް ސައުދާގަރް ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވާ މިފިލްމުގެ ޕްރޮޑިއުސަރުންނަކީ ރިތޭޝް ސިދުވާނީ އާއި ފަރްޚާން އަޚްތަރެވެ.

ފޯސް 2

އަބިނަވް ޑިއޯ ޑައިރެކްޓްކޮށްފައިވާ "ފޯސް 2" އަކީ 2011 ވަނަ އަހަރު ނިކުތް ހިޓް ފިލްމު "ފޯސް"ގެ ސީކުއަލް އެކެވެ. ޖޯން އަބްރަހަމް އާއި ސޮނާކްޝީ ސިންހާގެ އިތުރުން ތާހިރް ރާޖް ބަސީމް މުހިންމު ރޯލުން ފެނިގެންދާ މިފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ލަންޑަން އާއި ބުޑާޕެސްޓްގަ އެވެ. ޖޯންގެ އެކްޝަން މަންޒަރުތައް ފެނިގެންދާނެ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެދު ތެރޭގަ އެވެ.ޗ

ސަރްބްޖިތް

މިފިލްމަކީވެސް ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ޕާކިސްތާނަށް ޖާސޫސްކޮށް ޓެރަރިޒަމްގެ ހަމަލާތައް ދޭން ރޭވިކަމަށް ބުނެ ޕާކިސްތާނުގެ ޖަލަށްލައިގެން އަނިޔާކުރުމުން މަރުވި އިންޑިއާގެ ދަނޑުވެރިއެއް ކަމަށްވާ ސަރަބްޖިތް ސިންގްގެ ހަޔާތުގެ ވާހަކަ އެވެ. ސަރަބްގިތް ސިންގްގެ ކޮއްކޮ ދަލްބީރް ކޯރްގެ ރޯލުން އައިޝްވާރިޔާ ފެނިގެންދާއިރު، ސަރަބްގިތްގެ ރޯލުން ފެނިގެންދަނީ ރަންދީޕު ހޫޑާ އެވެ. އަދި އޭނާގެ އަންހެނުންގެ ރޯލުން ފެނިގެންދަނީ ރިޗާ ޗައްޑާ އެވެ. މިހާރު މިފިލްމުގެ ޝޫޓިން ފެށިގެން ކުރިއަށްދާއިރު، މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 20 ވަނަ ދުވަހު އެވެ.

ޖައްގާ ޖާސޫސް

ހަގީގީ ލޯބިވެރިންކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް ލީޑްރޯލުން ފެނިގެންދާ މިފިލްމަކީ މިދެތަރިން އެކުގައި ކުޅެފައިވާ ފިލްމެއް ރިލީޒްނުވާތާ އަހަރުތަކެއް ފަހުން ރިލީޒްވާ ފިލްމެކެވެ. އަނޫރާގް ކަޝްޔަޕް ޑައިރެކްޓްކޮށް، ރަންބީރާއި އަނޫރާގް ޕްރޮޑިއުސްކޮށްފައިވާ މިފިލްމުގައި ރަންބީރު ފެނިގެންދާނީ ވީނުވީއެއް ނޭނގި ގެއްލިފައިވާ ބައްޕަ ހޯދުމަށް މަސައްކަތްކުރާ ފުރާވަރުގެ އުމުރުގެ ޑިޓެކްޓިވް އެއްގެ ރޯލުންނެވެ. ރަންބީރަށް މިފިލްމުގައި ވާހަކަ ދެއްކުމަށް އުނދަގުލެއް ހުންނައިރު، އޭނާ ވާހަކަ ދައްކަން ބޭނުންވާ ވަގުތުތަކުގައި ލަވަ ކިޔާ ކަމަށްވެ އެވެ. މީގެކުރިންވެސް މިފިލްމު ރިލީޒްކުރާ ދުވަސް ލަސްކޮށްފައިވާއިރު، މިހާރު ރިލީޒްކުރަ ގޮތަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ތިންވަނަ ދުވަހު އެވެ. މިފިލްމުގެ މަސައްކަތް ކުރަމުން އަންނަތާ މިހާރު ދެއަހަރެއްހާ ދުވަސްވެފައިވާއިރު، އަދި ޝޫޓްނުކުރާ ގާތްގަނޑަކަށް 50 އިންސައްތައިގެ ޝޫޓިން އެބަހުއްޓެވެ. ނުނިމި ހުރި މަންޒަރުތައް ޖެނުއަރީ މަހުގެ ތެރޭގައި ޝޫޓްކުރަން ފަށާނެ އެވެ.

އުޅްތާ ޕަންޖާބް

މިފިލްމަކީ ކުރީގެ ދެލޯބިވެރިން ކަމަށްވާ ކަރީނާ ކަޕޫރާއި ޝާހިދު ކަޕޫރު ރުޅިވިފަހުން އެކުގައި ކުޅޭ ދެވަނަ ފިލްމެވެ. މިދެތަރިންގެ ޖޯޑަކީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ޖޯޑަކަށްވީއރު، މިފިލްމަކީ ވެސް ބެލުންތެރިން ވަރަށް އިންތިާރުކުރަމުން އަންނަ ފިލްމެކެވެ. ޕަންޖާބުގެ މަސްތުވާތެކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންގެ އަނދިރި ފަރާތް ދައްކުވައިދޭ މިފިލްމުގައި ކަރީނާ އާއި ޝާހިދުގެ އިތުރުން ޒުވާން ބަތަލާ އާލިއާ ބަޓް ވެސް ފެނިގެންދާނެ އެވެ. އަދި މިއީ ޕަންޖާބުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދިލްޖިތް ދޮސާންޖް ބޮލީވުޑަށް ތައާރަފުވާ ފިލްމުވެސްމެ އެވެ. "އުޅްތާ ޕަންޖާބު" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 22 ޖެނުއަރީގަ އެވެ.

ސުލްތާން

ނިމި ދިޔަ އަހަރަކީ ސުޕްސްޓާ ސަލްމާން ޚާންގެ ފިލްމީ ކެރިއަރުގައި ވަރަށް އުޖާލާ އަހަރެކެވެ. އޭނާގެ ދެފިލްމެއް ރިލީޒްވެ، އެދެފިލްމަށް ވެސް ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު، ބެލުންތެރިން ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން އެދަނީ ސަލްމާންގެ އިތުރު ފިލްމެއ ރިލީޒްވާނެ ދުވަހަކަށެވެ. މިއަހަރުގެ ފިތުރު އީދާއި ދިމާކޮށް ސަލްމާން މިހާރު ކުޅެމުން އަންނަ ޔާޝް ރާޖް ފިލްމްސްގެ "ސުލްތާން" ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު މިފިލްމުގައި ކުޅޭ ރެސްލިންތަޅާ މީހެއްގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން ވަނީ ހަށިގަނޑުގެ މަސްތައް ކުރިއަށްވުރެން ވަރުގަދަކޮށް، ބަރުދަން އިތުރުކޮށްފަ އެވެ. އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ މިފިލްމަކީ އެފިލްމެއް އުފައްދާކަން އިއުލާން ކުރެވިގެން ދިއުމާއެކު ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަހޯދަމުން އަންނަ ފިލްމެކެވެ. މިފިލްމުގެ ބަތަލަކީ ސަލްމާންކަން އިއުލާންކުރެވުނު ނަމަވެސް އަދިވެސް މިހާތަނަށް ވަނީ ބަތަލާއަކު ހަމަނުޖެހިފަ އެވެ. އެހެންކަމުން ބަތަލާއަކު ހަމަނުޖެހެނީސް، މިފިލްމުގެ ޝޫޓިން މިހާރު ފެނިގެން ކުރިއަށް އެބަދެ އެވެ.

ރައީސް

މިއީ މިއަހަރުގައި ނިކުންނާއި ޝާހްރުކް ޚާންގެ ދެވަނަ ފިލްމެވެ. އިންޑިއާގެ ގުޖްރާތަށް ނިސްބަތްވާ ޑޯންއެއްގެ ރޯލުން ޝާހްރުކް ފެނިގެންދާ މިފިލްމުގައި ޝާހްރުކާއެކު ފެނިގެންދާނީ ޕާކިސްތާނުގެ ބަތަލާ މާހިރާ ޚާން އެވެ. މިދެތަރިންގެ އިތުރުން މުހިންމު ރޯލުން ނަވާޒުއްދީން ސިއްދީގީ ވެސް ފެނިގެންދާނެ އެވެ. "ރައީސް" ވެސް ސަލްމާންގެ "ސުލްތާން"އާ އެއްދުވަހެއްގައި ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވާއިރު، ގިނަބަޔަކު އަންނަނީ މިއީ މިއަހަރުގައި ބޮކްސް އޮފީހުގައި ފެނިގެންދާނެ އެންމެ ބޮޑު ކުރިމަތިލުން ކަމަށް ބުނެފަ އެވެ. މިގަދަ ހިފުމުން މޮޅ ވާނީ ކޮން ތަރިއެއްކަން އެނގޭނީ މިދެފިލްމު ރިލީޒްވުމުންނެވެ.

މޮހެންޖޯ ޑަރޯ

ނިމިދިޔަ އަހަރު ރިތިކް ރޯޝަންގެ ފިލްމެއް ރިލީޒްވެފައެއް ނުވެ އެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަސް ރިތިކް ހޭދަކޮށްފައިވަނީ ޑައިރެކްޓަރު އާޝުތީޝް ގޮވަރިކާގެ "މޮހެންޖޯ ޑަރޯ" ގެ މަންޒަރުތައް ނެގުމުގަ އެވެ. އެންމެ ފުރަތަމަ އިންސާނުން ދުނިޔޭގައި އުޅެން ފެށި ދުވަސްވަރަށް ބިނާކޮށްފައިވާ މިފިލްމަކީ ހުރިހާ ގޮތަކުން ވެސް ރިތިކަށް ވަރަށް ހާއްސަ ފިލްމެކެވެ. މިދިޔަ އަހަރުގެ ތެރޭގައި ރިތިކްގެ ފިލްމެއް ރިލީޒްނުވާއިރު، މިފިލްމަށް ރިތިކް އަންނަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. ކުރީ ޒަމާނުގެ ތާރީހީ ވާހަކައެއްގެ މައްޗަށް އުފައްދާ މިފިލްމުގައި ރިތިކް އާއެކު ފެނިގެންދާނީ ބޮލީވުޑަށް އަލަށް ތައާރަފުވާ ޕޫޖާ ހެގްޅޭ އެވެ. އޮގަސްޓް މަހުގެ 22 ވަނަ ދުވަހު ރިލީޒޒްކުރާ މިފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ގުޖްރާތްގެ އަވަށެއް ކަމަށްވާ ބުޖްގަ އެވެ.

އެމް. އެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ

މިއަހަރުގައި ދެކްރިކެޓް ކުޅުންތެރިއެއްގެ ހަޔާތުގެ މައްޗައް އުފައްދާފައިވާ ދެފިލްމެއް ފެނިގެންދާނެ އެވެ. ކްރިކެޓަކީ އިންޑިއާގެ އެއް ނަންބަރު ކުޅިވަރަށްވުމުން މިފިލްމުތަކަށް މިފިލްމުތަކަށް ބެލުންތެރިންގެ ބޮޑު ސަޕޯޓެއް ލިބޭނެ ކަމާއި މެދު ޝައްކެއްވެސް ނެތެވެ. އިންޑިއާއަށް ވޯލްޑް ކަޕް ކާމިޔާބކޮށްދީފައިވާ ކްރިކެޓްކުޅުންތެރިޔާ މެހެންދްރަ ސިންގް ދޯނީގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ "އެމް. އެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ" އަކީ ދޯނީގެ ކްރިކެޓްގެ ކާމިޔާބީއާއި އޭނާގެ އަމިއްލަ ދިރިއުޅުމުގެ އާންމުންނަށް ނޭނގޭ ކަންތައްތައް އެނގިގެންދާނެ ފިލްމެވެ. ޝުޝާންތް ސިންގް ރާޖްޕުތް ދޯނީގެ ރޯލު ކުޅެފައިވާ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު އެވެ. މިފިލްމަކީ ދޯނީގެ ސަޕޯޓަރުން ބަލަން ކޮންމެހެން ވެސް ޖެހޭނެ ފިލްމެކެވެ.

ރަންގޫން

ބޮލީވުޑްގެ ކުއީން ކަމަށްވާ ކަންގަނާ ރަނާވަތު އާއި އެކްޓަރު ޝާހިދު ކަޕޫރު އަދި ސައިފް އަލީ ޚާން ލީޑްރޯލުން ފެނިގެންދާ ފިލްމު "ރަންގޫން" އަކީ މިއަހަރު ނިކުންނާނެ ފިލްމުތަކުގެ ތެރެއިން ބޮޑު ފިލްމެކެވެ. ޝާހިދުގެ ކުރީގެ ލޯބިވެރިޔާ ކަރީނާ ކަޕޫރާއި ސައިފް ކައިވެނި ކުރި ހިސާބުން ފެށިގެން މިދެތަރިންގެ ދެމެދުގައި މާ ރަނގަޅު ގުޅުމެއް އޮވެފައިނުވާއިރު، މިދެތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށް މިފިލްމުވުމުން މިފިލްމު އަޑުވަނީ ބެލުންތެރިންގެ މެދުގައި ގަދަވެފަ އެވެ. މިފިލްމަކީ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި 1940ގެ އަހަރުތަކުގައި ހިނގި ވަރަށް އަސަރުގަދަ ލޯބީގެ ހާދިސާއެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ، މިފިލްމުގައި ފެނިގެންދާނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީން އިންޑިއާގެ ސިފައިންނާއި ދެކޮޅަށް ބުރްމާގައި ކުރި ހަނގުރާމަ އެވެ. ޝާހިދު މިފިލްމުގައި ފެނިގެންދަނީ އާމީ އޮފިސަރެއްގެ ރޯލުންންވެ. "ރަންގޫން"ގެ ޝޫޓިން މިހާރު ފަށާފައިވާއިރު، ކަންގަނާ މިފިލްމުގައި ފެނިގެންދާނީ އެޒަމާނުގައި ވަރަށް މަޝްހޫރު ބަތަލާއެއްގެ ރޯލުންނެވެ. މިފިލްމު ރިލީޒްކުރާ ދުވަސް އަދި ހާމަކޮށްފައިނުވާއިރު، މިފިލްމުވެސް މިއަހަރުގެ ތެރޭގައި ރިލީޒްވާނެ އެވެ.

އެއި ދިލްހޭ މުޝްކިލް

މިފިލްމަކީ ޑައިރެކްޓަރު ކަރަން ޖޯހަރުގެ ވަރަށް ބޮޑު ހުވަފެނެކެވެ. މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީ ހިމަނައިގެން ކަރަން ފިލްމެއް އުފައްދަން ދެކެމުން އައި އެތަކެއް އަހަރެއްވީ ހުވަފެން މިފިލްމާއެކު ހަގީގަތަކަށްވީ އެވެ. އައިޝްވާރިޔާ އާއި ޒުވާން ދެތަރިންކަމަށްވާ ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރްމާ ލީޑްރޯލުން ފެނިގެނދާ މިފިލްމަކީ ލޯބި އޭގެ އެންމެ ފުންމިނަށް ގެނެސްދޭނެ ފިލްމެކެވެ. މިތަރިންގެ އިތުރުން ލީސާ ހޭޑަން އާއި ޕާކިސްތާނުގެ މަޝްހޫރު ދެތަރިން ކަމަށްވާ ފަވާދް ޚާން އާއި އިިމްރާން އައްބާސް ވެސް މިފިލްމުގެ މުހިންމު ރޯލުން ފެނިގެންދާނެ އެވެ. މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެވެ.

ޑަންގާލް

އާމިރް ޚާންގެ މިފިލްމުގެ ވާހަކަ ދެކެވެމުން އަންނަތާ ވަރަށް ދުވަސްވެއްޖެ އެވެ. އާމިރް ރެސްލިން ތަޅާ މީހެއްގެ ރޯލުން ފެނިގެންދާ މިފިލްމުށް ހަށިގަނޑުގެ ބަރުދަން 90 ކިލޯއަށް ޖައްސައި، ހަށިގަނޑަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާއިރު، މިފިލްމަށް އާމިރް ތައްޔާރުވާން ފެށީއްސުރެން މިފލްމު ވާހަކަ އަންނަނީ ދެކެވެމުންނެވެ. ރެސްލިންތެޅުންތެރިޔާ މަހާވިރް ސިންގް ޕޮގަތްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު "ޑަންގާލް" އަކީ ޕޯގަތް ގޭގައި އޭނާގެ ދެއަންހެންދަރިންނަށް ރެސްލިންތަޅަން ދަސްކޮށްދީގެން ތާރީހީ ކާމިޔާބަށް ގެންގޮސްދޭ ގޮތް ދައްކުވައިދޭ ފިލްމެކެވެ. ނިތިޝް ތިވާރީ ޑައިރެކްޓްކުރާ މިފިލްމުގައި އާމިރް ތަފާތު ތިން އުމުރެއްގައި ފެނިގެންދާގޮތް ދައްކާލާނެ އެވެ. އެގޮތުން މިހާރު ކުރިއަށްދާ މިފިލްމުގެ ފުރަތަމަ ބައިގެ ޝޫޓިން ނިމުމުން، އަލުން އަނބުރާ ބަރުދަނުން 20 ވަރަކަށް ކިލޯ އާމިރް ލުއިކޮށް، ވަރުގަދަ މަސްތައް ދުއްވާލާނެ އެވެ. މިދިޔަ އަހަރު އާމިރްގެ ފިލްމެއް ރިލީޒްވެފައިނުވާއިރު، އޭނާ ކުޅުނު ކާމިޔާބު ފިލްމު "ޕީކޭ" އަށް ފަހު ފިލްމަކުން ފެނިގެންދާނެ އިރަކަށް އިންތިޒާރުކުރާ މީހުން މަދެއް ނޫނެވެ.

ބޮލީވުޑްގެ އެންމެ މަޝްހޫރު ތިން ޚާނުންގެ ތެރެއިން ޝާހްރުކް ޚާންގެ ދެ ފިލްމެއް މިއަހަރު ރިލީޒްވާއިރު، ސަލްމާން ޚާން އާއި އާމިރް ޚާންގެ ރިލީޒްވާނީ އެންމެ ފިލްމެކެވެ. މީގެތެރެއިން އާމިރް އާއި ސަލްމާންގެ ފިލްމަކީ ރެސްލިސްގެ މައްޗަށް އުފައްދާފައިވާ ފިލްމަކަށްވީއިރު، މިއަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ދެފިލްމަކީ ދެމީހެއްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އަދި އިތުރު ދެފިލްމަކީ މަޝްހޫރު ދެ ކްރިކެޓްކުޅުންތެރިއެއްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

މިދިޔަ އަހަރާއި އަޅާބަލާއިރު، މިއަހަރު ރިލީޒްކުރުމަށް ތަފާތު އެކި ރަހަތަކުގެ ފިލްމު ހުރި އިރު ބެލުންތެރިންގެ ހިތް އަތުލައި ބޮކްސް އޮފިސް ފަތަހަކުރާނެ ފިލްމެއް އިނގޭނީ ހަމަ އެފިލްމެއް ރިލީޒްވުމުންނެވެ.