ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދެކުނު އެފްރިކާގެ ޕްރިޓޯރިއާގައި ދިވެހި އެމްބަސީއެއް ހުޅުވަނީ

May 17, 2022
2

ދެކުނު އެފްރިކާގެ ޕްރިޓޯރިއާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިއަދު މިކަން ހާމަކުރެއްވީ ދެކުނު އެފްރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ސެންޑިލް އެޑްވިން ޝޯކް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް ސޯލިހަށް އެރުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ކުރިއަށް ދިޔަ ރަސްމިއްޔާތަށްފަހު ދެކުނު އެފްރިކާގެ ސަފީރާ ބައްދަލުކުރެއްވުމަށްފަހު ރައީސް ސޯލިހް ވަނީ ދެކުނު އެފްރިކާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ގާއިމުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތު ސަފީރާ ހިއްސާކުރައްވާފަ އެވެ. އެގޮތުން ދިވެހި އެމްބަސީ ގާއިމުކުރަނީ ޕްރިޓޯރިއާގައި ކަމުގައި ވިދާޅުވި އެވެ.

ދެކުނު އެފްރިކާގައި ގާއިމުކުރާ ދިވެހި އެމްބަސީ އަކީ އެފްރިކާ ބައްރުގައިވެސް ދިވެހި ސަރުކާރުން ހުޅުވާ ފުރަތަމަ އެމްބަސީ އަށް ވެގެންދާނެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ދެކުނު އެފްރިކާގައި އެމްބަސީއެއް ހުޅުވިގެންދިއުން ވެގެންދާނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަކަށެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ޓޫރިޒަމާއި އުމްރާނީ ތަރައްގީ އަދި ބައިނަލްއަގްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމުގެ އަޒުމު އާކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލިސް 2019 ވަނަ އަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާންގައި ރައީސް ސޯލިހް ވަނީ ދެކުނު އެފްރިކާ، ރަޝިއާ އަދި އެމެރިކާގެ ވޮޝިންޓަންގައި ދިވެހި އެމްބަސީއެއް ހުޅުވުމަށް ނިންމަވާފައިވާ ކަމަށް އިއުލާންކުރައްވާފަ އެވެ. ނަމަވެސް ދެކުނު އެފްރިކާގައި އެމްބަސީ ހުޅުވާ ވަކި ސިޓީއެއްގެ ނަމެއް ސަރުކާރުން ކުރިން ހާމަކޮށްފައެއް ނުވެ އެވެ.

އެ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވަނީ ސައުދި އަރަބިއްޔާގެ ޖިއްދާގައި ދިވެހި ކޮންސިއުލޭޓެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިއުލާންކުރައްވާފަ އެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޖިއްދާގައި ނުރަސްމީ ގޮތަކަށް މިވަގުތުވެސް ދިވެހި ކޮންސިއުލޭޓެއް ހިންގަމުންދާ ކަމަށެވެ. އަދި ދެކުނު އެފްރިކާގައި ގާއިމުކުރާ އެމްބަސީ ހުޅުވުން ވަރަށް ބޮޑަށް ލަސްވެގެން ދިޔައީ ކޮވިޑް 19އާއި ގުޅިގެން ދިމާވި ދަތިތަކާއި ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ. މިއަހަރު ނިމުމުގެ ކުރިން ދެކުނު އެފްރިކާގައި ދިވެހި އެމްބަސީ ހުޅުވުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.

އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން ދެކުނު އެފްރިކާ އަކީ އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދި ރާއްޖޭގެ ޓޫރިޒަމްގައި އުއްމީދީ މާކެޓެކެވެ.

މިއަހަރުގެ ފުރަތަމަ ތިން މަހު ދެކުނު އެފްރިކާ އިން ރާއްޖެއަށް 2،932 ފަތުރުވެރިން ރާއްޖެ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު 1،671 މީހުން އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ދެކުނު އެފްރިކާ އިން ރާއްޖެ އައިސްފައިވަނީ 1،261 ފަތުރުވެރިންނެވެ.

ދިވެހިރާއްޖެއާއި ދެކުނު އެފްރިކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 27، 1994 ވަނަ އަހަރު އެވެ.