އެޗްޑީސީ

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހުޅުވާލައިފި

May 17, 2022

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަސްވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިއުލާންކޮށް، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއަހަރުގެ ޕްރޮގްރާމްގައި 100 ބައިވެރިންނަށާއި އެޗްޑީސީގައި މަސައްކަތް ކުރަމުންދާ 30 މުވައްޒަފަކަށް ފުރުސަތު ދިނުމަށް ނިންމާފައިވެ އެވެ. މި ޕްރޮގްރާމުގެ 20 އިންސައްތަ ޖާގަ ދިނުމަށް ނިންމާފައިވަނީ އަންހެން ކުދިންނަށެވެ.

މި ޕްރޮގްރާމްގެ ދަށުން ތަމްރީންތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަޑްސް" ތަކާ އެއްގޮތަށެވެ. ޕްރޮގްރާމް ފުރިހަމަ ކުރާ ބައިވެރިންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ނެޝަނަލް ލެވެލް ތިނެއްގެ ސަނަދެއް ދިނުމާއެކު މަސައްކަތުގެ ތަޖުރިބާ ވެސް ހޯދައިދޭނެ އެވެ.

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި އެޗްޑީސީން މީގެކުރިން ވަނީ ޔޫތު މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއާ އެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފަ އެވެ.

ބައިވެރިން ތަމްރީންވާ 10 ދާއިރާ

  • ހެވީވެހިކަލް
  • އިލެކްޓްރިކަލް
  • ރެފްރިޖަރޭޝަން އެންޑް އެއާކޮންޑިޝަނިން މެކޭނިކް
  • މޭސަނަރީ،
  • ބިލްޑިންގް މެއިންޓަނަންސް
  • ކާޕެންޓަރ
  • ވެލްޑިން
  • ކޮންސްޓްރަކްޝަން ސައިޓް ސްޕަވައިޒަރ
  • ގާޑަނިން
  • ޕްލަމްބިން

މި ޕްރޮގްރާމް ހަމަސް ދުވަހަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު ކޮންމެ ބައިވެރިޔަކަށް ވެސް އެލަވަންސެއްގެ ގޮތުގައި ކޮންމެ މަހަކު 6،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ. މި ޕްރޮގްރާމުގައި ކްލާސްރޫމް ސެޝަންތަކުގެ އިތުރުން ހަ ގަޑިއިރުގެ ސޮފްޓް ސްކިލްސް ޓްރެއިނިން ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މަގުސަދަކީ ވަކި ދާއިރާތަކަކަށް ފަންނީ އަދި ގާބިލް މީހުން ބިނާކުރުމެވެ. އަދި ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި މީހުންނަށް ފުރުސަތުތަކެއް ހުޅުވާލައި ނެޝެނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި މަސައްކަތުގެ މާހައުލަށް ބިނާކުރަނެވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ ވަޒީފާތަކަށް ނެރުމަށް އެހީތެރިވުމެވެ.

އެޗްޑީސީން ބުނީ މިޕްރޮގްރާމް ނިމުމުން އެންމެ ރަނގަޅު ފަރާތްތަކަށް އެޗްޑީސީގައި ވަޒީފާގެ ފުރުސަތުތައް ހުރި މިންވަރަކުން ވަޒީފާ ހަމަޖައްސައި ދެވޭނެ ކަމަށެވެ.