ދުނިޔެ

ޕަންޖާބުގެ އެއާފޯސް ބޭސް އަކަށް ހަމަލާދީ ދެ މީހުން މަރާލައިފި

އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ސަރަހައްދު ކައިރީ އޮންނަ ޕަންޖާބު އަވަށެއްގައި ހުރި އިންޑިއާ އެއާފޯސް ބޭސް އަކަށް އަމާޒުކޮށްގެން، ކާކު ކަން ނޭނގޭ ބަޔަކު ބަޑީގެ ހަމަލާތަކެއް ދީފި އެވެ. މި ހަމަލާތަކުގެ ރައްދުގައި އިންޑިއާ އިން ދިން ހަމަލާތަކެއްގައި ބަޑިން ހަމަލާދިން މީހުންގެ ތެރެއިން ދެ މީހުން ވަނީ މަރާލާފަ އެވެ.

ޕާކިސްތާނާއި އިންޑިއާ ގުޅޭ ބޯޑަރާއި 50 ކިލޯ މީޓަރު ދުރުގައި ހިނގި މި ކުރިމަތިލުންތަކުގައި ބަޑިން ހަމަލާދިން މީހުންގެ ތެރެއިން ދެ މީހަކު ނުވަތަ ތިން މީހުން ވަނީ އެއާ ފޯސް ބޭސްގެ އިމާރާތްތަކުގެ ތެރެއަށް ވަދެ ފިލާފަ އެވެ.

އޮފިޝަލުން ވިދާޅޫވީ މި ކުރިމަތިލުން ތަކުގައި އިންޑިއާ ސިފައިންގެ ދެ މީހުންވެސް މަރުވެފައިވާ ކަމަށެވެ. މި ކުރިމަތުލުންތައް ހިނގާފައިވަނީ ރޭ ދަންވަރު 3:30 ހާއިރު މިލިޓަރީ ޔުނިފޯމް އަޅައިގެން ތިބި ބަޔަކު އެއާފޯސް ބޭސްގެ ތެރެއަށް ވަދެ ހަމަލާތައް ދޭން ފެށުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ އަހަރުވެސް ޕަންޖާބުގައި ހުންނަ އެއާފޯސް ބޭސްގެ ތެރެއަށް ބަޔަކު ވަދެ ބަޑިން ދިން ހަމަލާތަކެއްގައި ނުވަ މީހުން ވަނީ މަރާލާފަ އެވެ.

މި ހަމަލާތަކުގެ ޒިންމާ ޕާކިސްތާނުން އުފުލަން ޖެހޭނެ ކަމަށް އިންޑިއާއިން ބުނަމުން ދާއިރު، މިހަމަލާތަކަކީ މިދިޔަ ޑިސެމްބަރު މަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ޕާކިސްތާނަށް ޒިޔާރަތް ކުރައްވާ، އެގައުމުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް އާއި ބައްދަލުކުރައްވައި ނިއުކްލިއަ ރޮނގުން ދެއްކެވި ވާޙަކަ ތަކާއި ގުޅިގެން ދިން ހަމަލާތަކެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެ އެވެ.

މިހަމަލާ އާއި ގުޅިގެން ޕަންޖާބު އަދި ޖައްމޫ ސަރަހައްދުގައި، ދީފާނެ ޓެރަރިސްޓް ހަމަލާއަކަށް ތައްޔާރުވެ ސިފައިން ވަނީ ސެކިޔުރިޓީ ވަރުގަދަކޮށްފަ ކަމަށް އިންޑިއާގެ ހޯމް މިނިސްޓްރީން ބުނެއެވެ.