ރައްޔިތުންގެ މަޖިލިސް

ގާނޫނުތައް ވުޖޫދަށް ގެނެސް މުއައްސަސާތައް ޒިންމާދާރު ކުރާނަން: މަސީހު

ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ރައްޔިތުންނަށް ބޭނުންވާ ގާނޫނުތައް ވުޖޫދަށް ގެނެސް ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް ޒިންމާދާރު ކުރުމުގެ ދައުރު ރައްޔިތުންގެ މަޖިލީހުން އަދާކުރަމުން ގެންދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވެއްޖެއެވެ.

މިލާދީ އާ އަހަރުގެ ތަހުނިޔާއާއެކު މަޖިލީހުގެ ރައީސް ދެއްވި މެސެޖެއްގައިވާ ގޮތުން އާ އަހަރަކަށް ދިވެހިން ކުރިމަތިލާ އިރު، ދިވެއްސަކަށްވާތީ ފަހުރުވެރިވެ، ދިވެހި ގައުމު ދެކެ ލޯބިވުން އިތުރުކުރުމުގެ އަޒުމް އާކޮށް، ވަރުގަދަކޮށް ރާއްޖޭގެ ތަރައްގާގެ ދުވެލި އަވަސްކުރުމުގެ އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ. އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގައި ފައިތިލަ ސާބިތުކޮށް ކުރިއަށް ދިއުމުގެ އަޒުމް ކަނޑައަޅަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މަސީހު ވިދާޅުވެފައިވަނީ އިގުތިސާދީ އަދި އިޖްތިމާއީ ގޮތުން ރާއްޖެ ކުރިއަރުވައި ތަރައްގީކުރުމުގައި ފަރުދީ ހިއްސާ އިތުރުކޮށް، ފަރުދީ ޒިންމާ އިސް ކުރުމުގެ އަޒުމް އާކުރަންޖެހޭ ކަމަށާއި ރީތި ދިވެހިރާއްޖެއެއްގެ ގޮތުގައި ދެމެހެއްޓުމުގެ އަޒުމް އާ ކުރަންޖެހޭ ކަމަށެވެ. އަދި ތަހުޒީބީ މުޖުތަމައުއެއްގައި ގެނެވޭ ކުރިއެރުމާއި ތަރައްގީގެ ކުލަތަކާއި ރަހަތައް ހިއްސާކުރުމުގެ އަޒުމް އާ ކުރަންޖެހޭ ކަމަށްވެސް މަސީހުގެ މެސެޖްގައިވެއެވެ. ހަމައެގޮތަށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކޮށް ދެމެހެއްޓުމުގެ އަޒުމް ވަރަގަދަކުރަންޖެހޭ ކަމަށް ވެސް މެސެޖްގައިވެއެވެ.

މަސީހު ވިދާޅުވީ، މިކަންކަން ކުރުމުގެ އަޒުމް އާކުރާއިރު، ރައްޔިތުންގެ މަޖިލިހުގެ ދައުރު ސާބިތުކަމާއިއެކު އަދާ ކުރުންމަތީ ދެމިއޮންނާނެ ކަމަށެެވެ. ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ރައްޔިތުންނަށް ބޭނުންވާ ގާނޫނުތައް ވުޖޫދަށް ގެނެސް ސަރުކާރާއި މުއައްސަސާތައް ޒިންމާދާރު ކުރުމުގެ ދައުރު ރައްޔިތުންގެ މަޖިލީހުން އަދާކުރަމުން ގެންދާނެ ކަމަށެވެ.