ދުނިޔެ

ޔުކްރޭނުން ހަތިޔާރު ހުސްވިޔަކަ ނުދޭނަން: އީޔޫ

ޔުކްރޭނުން ހަތިޔާރު ހުސްވެގެން ރަޝިއާގެ ބާރުގެ ދަށަށް ދިޔަ ނުދެއްވާނެ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ފޮރިން އެފެއާޒް ރެޕްރެޒެންޓޭޓިވް، ޖޯސެފް ބޮރެލް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ޔޫރަޕް ގައުމުތައް ތިބީ ޔުކްރޭނާއެކު ކަމަށާއި ޔުކްރޭނުން އަސްކަރީ ބާރުކެނޑިގެން ނުދާނެ ކަމަށެވެ.

ބޮރެލް ވިދާޅުވި ގޮތުގައި ޔުކްރޭނަށް މިހާރު ހިފަހައްޓާލެވެނީ ޔޫރަޕާއި ބައިވެރިންގެ އެހީތެރިކަމުންނެވެ. ޔޫރަޕުން އަޅާނުޅައިފިނަމަ ޔޫކްރޭން މިހާރު ފެންނަން ވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ އަދިވެސް ކޮޅެއްގައި ނުޖެހޭ ކަމަށް ވިދާޅުވެ ބޮރެލް ވިދާޅުވި ގޮތުގައި ރަޝިއާއަށް ޔުކްރޭން ބަލިނުކުރެވިގެން އުޅެނީ ރައްދު ހަމަލާތައް ވަރުގަދަކަމުންނެވެ.

ޔޫރަޕު ގައުމުތަކުން ޔުކްރޭނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާހާ ހިނދަކު ރަޝިއާއަށް މާބޮޑު ކަމެއް ނުކުރެވޭނެ ކަމަށް ވެސް ބޮރެލް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ރަޝިއާ ބޭނުންވަނީ ދުނިޔޭގެ ޗާޓުން ޔުކްރޭން ފޮހެލައި، އެއީ ރަޝިއާގެ ބަޔަކަށް ބަދަލުކުރަން ކަމަށެވެ.

ބޮރެލް ވިދާޅުވި ގޮތުގައި ނޭޓޯގެ ސިޔާސަތަކީ ނޭޓޯގެ މެމްބަރަކަށް ދަތި ހާލަތެއް ޖެހިއްޖެ ނަމަ އެހީތެރިވުމެވެ.

ޔުކްރޭނަކީ އަދި ނޭޓޯ ގައުމެއް ނޫން ނަމަވެސް ޔޫރަޕުން އަމަލުކުރަނީ އެއީ ނޭޓޯ ގައުމެއް ގޮތަށެވެ. ބޮރެލް މިހެން ވިދާޅު ނުވި ނަމަވެސް، ޔޫރަޕް ގައުމުތަކުން ޔުކްރޭނަށް ހަތިޔާރާއި އަސްކަރީ އާލާތްތައް ސަޕްލައިކުރަނީ ނޭޓޯ ގައުމެއް ފަދައިންނެވެ.

އެމެރިކާ އާއި ޔޫރަޕް އެދެނީ ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދިނުމަށެވެ. މިއީ ރަޝިއާ ވަރަށް ދެކޮޅު ކަމެކެވެ. ޔޫރަޕާއި ބައިވެރިންނަށް އެކަން ކުރަން ނުކެރިގެން އުޅޭނީ ރަޝިއާއާ ހެދި އެވެ.

ނޭޓޯ މެމްބަރުކަން ޔުކްރޭނަށް ދީފި ނަމަ ރަޝިއާ ކަންކުރާނެ ގޮތެއް ވެސް ޔޫރަޕަށާއި އެމެރިކާއަށް އަންދާޒާ ކުރަން ވެސް ނޭނގެ އެވެ. އެނގޭހާ ވެސް އެއްޗަކީ ރަޝިއާއިން ދޭ ރައްދު ދިލަގަދަވާނެ ކަމެވެ.