ދުނިޔެ

އެކްސްޗޭންޖް ލިސްޓުގައި 189 ގައިދީންގެ ނަން މަދު: ޕާކިސްތާން

ގައިދީން ބަދަލުކުުރުމުގެ އެކްސްޗޭންޖް ލިސްޓުގައި ޕާކިސްތާނުގެ ގައިދީންތަކެއްގެ ނަން މަދު ކަމަށް ޕާކިސްތާނުން ބުނެފި އެވެ. ޕާކިސްތާނުން ބުނީ އިންޑިއާގެ ނިއު ދިއްލީގެ ޖަލުތަކުގައި ތިބި 189 ގައިދީންގެ ނަން އެ ލިސްޓުގައި ހިމަނާފައި ނުވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ޕާކިސްތާނުން ނެރުނު ބަޔާނެއްގައި ބުނީ އެ ގައިދީންގެ ތެރޭގައި މަސްވެރިންނާއި އަދިވެސް އެހެން ކުށްތަކުގައި ޖަލަށް ލާފައި ތިބި މީހުން ހިމެނޭ ކަމަށެވެ. މިދިޔަ ހުކުރު ދުވަހު ދެ ގައުމުން ބަދަލުކުރި މި ލިސްޓަކީ 2008 ވަނަ އަހަރު ދެގައުމު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ގައިދީން ބަދަލު ކުރުމަށް، ބަދަލުކުރާ ލިސްޓެކެވެ. މި އެގްރިމެންޓްގައިވާ ގޮތުން ކޮންމެ އަހަރަކު ދެ ފަހަރު މި ލިސްޓް ބަދަލުކޮށް ގައިދީން ބަދަލުކުރަން ޖެހޭނެއެވެ.

އިންޑިއާއިން ހުށަހެޅި ލިސްޓުގައި އެގައުމުގައި ތިބީ ޕާކިސްތާނުގެ 271 ގައިދީންގެ ނަން ކަމުގަިއ ވިޔަސް ޕާކިސްތާނުން ބުނީ އިންޑިއާގެ ޖަލުތަކުގައި 460 ގައިދީން އެބަ ތިބި ކަމަށެވެ. އޭގެ ތެރެއިން 113 މީހުންނަކީ މަސްވެރިންނެވެ.

މި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރާ ކަމަށާއި އިންޑިއާގެ ފޮރިން ސެކެޓްރީ އެސް ޖައިޝަންކަރު މިމަހުގެ 25ގައި ޕާކިސްތާނަށް ދިއުމުގެ ކުރިން އެމައްސަލަ ހައްލުކުރާނެ ކަމަށް އިންޑިއާން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ބޭއްވި ބައްދަލުވުމެއްގައި ދެ ގައުމުގެ ޖަލުތަކުގައި ތިބި މަސްވެރިންތައް ދޫކޮށްލުމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ހައްޔަރު ކުރާތާ 15 ދުވަސްތެރޭ ބޯޓައެކު ދޫކޮށްލުމަށް ވަނީ ނިންމާފަ އެވެ. އަދި އޭގެ ފަހުން އިންޑިއާއިންވަނީ ރަމަޟާން މަހުގެ ތެރޭގައި ޕާކިސްތާނުގެ މަސްވެރިން ދޫކޮށްލާނެ ކަމަށް ބުނެފަ އެވެ.

މިދިޔަ އޮގަސްޓުމަހު އިންޑިއާއިން ވަނީ ޕާކިސްތާނުގެ 16 މަސްވެރިއަކު ދޫކޮށްލާފަ އެވެ.