މޯލްޑިވްސް ޕޮލިސް ސާވިސް

12 ކިލޯގެ ޑްރަގު މައްސަލަ: ދެ މީހުން ދޫކޮށްލައިފި

May 19, 2022

ފުލުހުންގެ އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހުން ދޫކޮށްލަން ނިންމައިފި އެވެ.

މިމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސްމޭޝް ކޭއޭ ކްރިޝްނާން ކުޓީ އާއި ބަންގްލަދޭޝްގެ ކަވްސަރު އަލަމްގެ އިތުރުން ނ. ވެލިދޫ، މަރިޔާޒް, މުހައްމަދު އަބްދުއްލަތީފް އެވެ.

ރާއްޖެއަށް ކަނޑުގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މިދިޔަ މާޗް 14 ވަނަ ދުވަހު މި މީހުން ހައްޔަރުކުރީ ލޯންޗެއްގައި ދަތުރުކޮށްފައި ދަނިކޮށެވެ.

ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ކަވްސަރާއި މުހައްމަދު އަބްދުއްލަތީފް ދޫކޮށްލީ އެމީހުންގެ ބަންދަށް ދީފައިވާ މުއްދަތު ހަމަވުމުން އިތުރަށް ކޯޓަށް ހާޒިރުނުކޮށެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމުން ދައުވާކުރަން ޕީޖީ އޮފީހަށް ނުފޮނުވަން ވެސް ނިންމާފައިވެ އެވެ.

މިމައްސަލައިގައި ފުލުހުންގެ ބަންދުގައި ހުރި ސްމޭޝްގެ ބަންދަށް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ދީފަ އެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި 12 ކިލޯގެ މަސްތުވާތަކެތީގެ އެންމެ އިސް މީހަކީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ސްމޭޝް އެވެ. އޭނާގެ ދިފާއީ ވަކީލުން ކޯޓުގައި ވިދާޅުވި ގޮތުގައި ސްމޭޝްް އަށް ތުހުމަތުކުރާ މައްސަލައިގައި އެކަށީގެންވާ ވަރަށް ހެއްކެއް ނެތެވެ. އެހެންވެ އޭނާ ޝަރުތުތަކަކާ އެކު އޭނާ ދޫކޮށްލުމަށްވެސް ދިފާއީ ވަކީލުން އެދުނެވެ.

ޑްރަގާއި ބަނގުރަލުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ޑްރަގާއި ބަނގުރަލާއެކު މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ސްމޭޝް ހައްޔަރުކޮށްފައި ވަނިކޮށް ކޯޓުން ދޫކޮށްލި ކަމަށްވެސް ފުލުހުން ފާހަގަކޮށްފައިވެ އެވެ. ސްމޭޝް އަކީ މަސްތުވާތަކެތީގެ އިތުރުން މާރާމާރީގެ ކުށުގެ ރެކޯޑު ވެސް އޮތް މީހެކެވެ.

މުއްދަތު މަޖިލީހުގައި ފުލުހުން ބުނެފައިވަނީ ލޯންޗް ދުއްވި ކެޕްޓަން -- މުހައްމަދު އަބްދުއްލަތީފް 12 ކިލޯގެ މަސްތުވާތަކެތި ބަލައި ދަތުރުކުރީ އެ ދަތުރަކީ މަސްތުވާތަކެތި ބަލާދިއުމަށް ކުރާ ދަތުރެއްކަން އެނގިހުރެ ކަމަށެވެ. ހެއްކެއްގެ ގޮތުގައި ފުލުހުން ހުށަހަޅާފައިވަނީ އިންޓެލިޖެންސް ރިޕޯޓަކާއި މޯބައިލް އެކްސްޓްރެކްޝަން ރިޕޯޓެކެވެ.

ހެކި ނެތިގެން މުހައްމަދު އަބްދުއްލަތީފް ދޫކޮށްލި ނަމަވެސް ކޯޓުގައި ފުލުހުން ކުރިން ބުނީ ފުލުހުން ފެނުމާ އެކު މަސްތުވާތަކެތި އަޅާފައިހުރި ދަބަސް އެއްލައިލުމަށްފަހު އޭނާ ދުވޭ ފިލާފައިވާ ކަމަށެވެ. އަދި އޭނާގެ ކުޑަކަމުންދާ ތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށެވެ. މުހައްމަދު އަބްދުއްލަތީފަކީ މާރާމާރީއާއި ވައްކަމާއި މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ..