މޯލްޑިވިއަން

މޯލްޑިވިއަންއަށް އެއާބަސްގެ އިތުރު ބޯޓެއް ހޯދަނީ

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތަކުގައި ބޭނުންކުރާނެ މަތިންދާބޯޓެއް ވިއްކާނެ އަދި ވަކި މުއްދަތަކަށް ކުއްޔަށް ދޭނެ ފަރާތެއް ހޯދަން މޯލްޑިވިއަން އިން އިއުލާނު ކޮށްފިއެވެ.

މޯލްޑިވިއަން އިން މިދިޔަ މަހު ނެރުނު އިއުލާނެއްގައި ބުނީ ޑޭޝް 8 މަރުކާގެ މަތިންދާ ބޯޓެއް ވިއްކާނެ އަދި އޭ 321 މަރުކާގެ ބޯޓެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

ހަ އަހަރާއި އަށް އަހަރު ދުވަހުގެ މުއްދަތަށް ބޯޓެއް ކުއްޔަށް ހޯދާއިރު އެބޯޓަކީ 180 މީހުންނާއި 200 އާއި ދެމެދުގެ ޖާގައިގެ ބޯޓަކަށް ވާން ޖެހެއެވެ. އަދި އެބޯޓަކީ ބޭނުންކުރާތާ އެންމެ ގިނަވެގެން 15 އަހަރު ނުވާ ބޯޓަކަށްވެސް ވާން ޖެހެއެވެ.

މަތިންދާބޯޓު އުފައްދާ ކުންފުނި، އެއާބަސް އިން އުފެއްދި އޭ320 ސީރީޒްގައި ހިމެނޭ އެންމެ ބޮޑު މަތިންދާބޯޓު ކަމުގައިވާ އޭ321 މަރުކާގެ ބޯޓުގައި 6 ވީވީއައިޕީ ސީޓު އަދި 20 ވީއައިޕީ ސީޓު ހުންނަން ޖެހެ އެވެ.

މޯލްޑިވިއަން އިން ވަނީ މީގެ ތިން މަސްދުވަސް ކުރިންވެސް ބޯޓެއް ގެނެސްފަ އެވެ. އެއީ އައިއޭއެސް ޑޭޝް އަށެއް މަރުކާގެ 50 ސީޓުގެ ބޯޓެކެވެ.

މޯލްޑިވިއަންގެ ފުލީޓުގައި މިހާރު ޖުމްލަ 16 ބޯޓު އޮންނަ އިރު އޭ321 އަކާއި އޭ320 ގެ އިތުރުން ޑޭޝް 8 މަރުކާގެ އަށް ފުލައިޓު ހިމެނެ އެވެ.