ހަބަރު

ގާނޫނީ ވަކީލުން ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

ގާނޫނީ ވަކީލުންގެ ދަފުތަރުގައި ރެޖިސްޓްރީކުރުމުގެ މުއްދަތު ޑިޕާޓްމެންޓް އޮފް ޖުޑިޝިއަލް އެޑްމިނިސްޓްރޭޝަންއިން އިތުރުކޮށްފިއެވެ. ކުރިން އޮތް ގޮތުންނަމަ އިއްޔެ ވަނީ އެ ފުރުސަތު ބަންދުވެފައެވެ.

އެ ޑިޕާޓްމެންޓްއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، "ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ގަވައިދަ" ށް އަމަލުކުރަން ފެށުމާ ގުޅިގެން، ގާނޫނީ ވަކީލުންގެ ދަފުތަރު އެކުލަވައިލައި އެ ދަފުތަރު އާންމުކުރުމުގެ މަސައްކަތް އެ ޑިޕާޓްމެންޓުން ކުރަމުން ގެންދާ ކަމަށެވެ.

ވަކީލުންގެ ދަފުތަރުގައި މިހާތަނަށް ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް އަދިވެސް އެ ފުރުސަތު ހުޅުވާލެވިފައިވާކަން އެ އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ.

އެ ޑިޕާޓްމެންޓުން ވަނީ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ކުރިން ގާނޫނީ ވަކީލުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކޮށް، ހުށަހަޅަން އަންގާފަ އެވެ.

ގާނޫނީ ވަކީލުންގެ ދަފުތަރުގައި ހިމަނާފައިވާ ވަކީލުންގެ މައުލޫމާތު އަޕްޑޭޓްވަމުންދާ މިންވަރަކުން އެ ޑިޕާޓްމެންޓްގެ ވެބްސައިޓުގައި އާންމު ކުރެ އެވެ.