ހޮލީވުޑް

ހޮލީވުޑް ފިލްމުގެ މަސައްކަތް ފެށިއިރު އާލިއާ ހިތްނުތަނަވަސް ވެފައި

އާލިއާ ބަޓްގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" ގެ ޝޫޓިންގަށް އޭނާ މިހާރު ހުރީ ލޮސް އެންޖަލިސް ގައެވެ. އާލިއާ ބުނި ގޮތުގައި އަލަށް ފިލްމު ކުޅެން ފަށާއިރު ކުރެވޭ ކަހަލަ އިހްސާސްތަކެއް މިހާރު އަނެއްކާވެސް އޭނާއަށް ކުރެވެ އެވެ. އަދި މިވަގުތު އޭނާ ހުރީ ވަރަށް ހާސް ކަމުގަ އެވެ.

ބުރާސްފަތި ދުވަހު އާލިއާ އިންސްޓަގްރާމްގައި ޝެއާ ކުރި ޕޯސްޓެއްގައި ނެޓްފްލިކްސްގެ "ހާޓް އޮފް ސްޓޯން" ކުޅެން ފުރާ ވާހަކަ އާއި އޭނާއަށް ކާމިޔާބީއަށް އެދުމަށް އެދިފައި ވެއެވެ.

"މި ފުރަނީ އަހަރެންގެ ފުރަތަމަ ހޮލީވުޑް ފިލްމު ކުޅެން ދާން. އަލަށް ފިލްމު ކުޅެން ފަށާއިރު ކުރެވޭ ކަހަލަ އިހްސާސް ކުރެވެނީ. ވަރަށް ހިތްނުތަނަވަސްވެފައި މިހިރީ،" ސެލްފީ އަކާއެކު އާލިއާ ޝެއާ ކުރި ޕޯސްޓުގައި ވެއެވެ.

މި ފިލްމުގައި އާލިއާ އާއެކު ބައިވެރިވަނީ ހޮލީވުޑް ބަތަލާ ގަލް ގެޑޮޓް އާއި "ފިފްޓީ ޝޭޑްސް އޮފް ގްރޭ"ގެ ބަތަލު ޖެމީ ޑޯނަން އެވެ.

އާލިއާގެ މެސެޖަށް އޭނާގެ މަންމަ ސޯނީ ރާޒްދާން އާއި ފަހަރި، ރިދިމާ ސަހާނީ އަދި ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން އޭނާގެ އެކުވެރި ގިނަ ބަޔަކު ކޮމެންޓުތައް ކޮށް އޭނާއަށް ހެޔޮއެދުންތައް ފޮނުވާފައި ވެއެވެ.

އާލިއާގެ ބޮލީވުޑް ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒްވާނީ ރަންވީރު ސިންގް އާއެކު ކުޅެފައިވާ "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. މިއީ ކަރަން ޖޯހަރް ޑައިރެކްޓްކުރާ ފިލްމެކެވެ.

ފިރިމީހާ ރަންބީރު ކަޕޫރާއެކު ކުޅެފައިވާ "ބްރަހްމަޝްތުރާ" ވެސް މި އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާއިރު ޕްރިޔަންކާ ޗޯޕްޅާ އާއި ކެޓުރީނާ ކައިފް އާއެކު ކުޅޭ "ޖީ ލޭ ޒަރާ" ކިޔާ ފިލްމެއްގައި ވެސް ބައިވެރިވާކަން ވަނީ އިއުލާން ކޮށްފަ އެވެ.