ހަބަރު

ދިރޭ މާލު ގެންގުޅުމުގެ ޕްރޮގްރާމް ފުޅާކުރުމަށް ނިންމައިފި

ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ތަކެތި އުފައްދައި، ކާނާގެ ބާވަތްތައް ލިބޭނެމަގު ތަނަވަސްކޮށްދީ ކާނާގެ ޔަގީންކަން އިތުރު ކުރުމުގެ ސިޔާސަތުގެ ދަށުން ކުކުޅާއި ދިރޭ މާލު ގެންގުޅުމުގެ ޕްރޮގްރާމް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ. -- ދިރޭ މާލަކީ ރުއްގަހާއި ގެރި ބަކަރި ފަދަތަކެތި --

ފިޝަރީޒް މިނިސްޓްރީންކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން މި އަހަރު ރާއްޖޭގެ ރަށެއްގައި ވިޔަފާރި އުސޫލުން ބަކަރި ގެންގުޅެން ބޭނުންވާ ކޮށި ގާއިމުކޮށްދީ، ފަށައިގަތުމަށް ބޭނުންވާ ބަކަރި ހޯދައިދޭން ވަނީ ނިންމާފަ އެވެ. ޕްރޮގްރާމުގެ ދަށުން މަސައްކަތް ކުރާ ދަނޑުވެރިންނަށް ބަކަރި ގެންގުޅުމާގުޅޭ ފަންނީ މައުލޫމާތު ފޯރުކޮށްދީ، މީހުން ބިނާކުރުމުގެ މަސައްކަތްވެސް ކޮށްދޭނެ އެވެ.

މި ޕްރޮގްރާމް ހިންގައިދިނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލް، އެރަށެއްގައި ހަރަކާތްތެރިވާ ޖަމްއިއްޔާ ޖަމާއަތްތައް އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށް ވަނީ ހުޅުވާލާފަ އެވެ.

ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމް ހިންގާނޭ ރަށްތައް ކަނޑައެޅުމުގައި ކޮށި ގާއިމު ކުރުމަށްޓަކައި މީހުން އުޅޭ ހިސާބާ ގާތްގަނޑަކަށް 100 މީޓަރު ދުރުން އެކަށީގެންވާވަރުގެ ބިމެއް އޮތުމާއި ބަކަރީގެ ކާނާގެ ގޮތުގައި ބޭނުން ކުރާނެ ފަތްޕިލާވެލީގެ ބާވްތައް ލިބެން ހުރި މިންވަރާއި ރަށުގައި ދަނޑުވެރިކަން ކުރަމުންދާ މިންވަރާއި ގާއިމުކޮށްދޭ ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމުގެ ގާބިލުކަން ހުރި މިންވަރާއި މަސައްކަތުގެ ސަބަބުން ރަށުގައި ހަރަކާތްތެރިވާ ދަނޑުވެރިންނަށް ކުރާނެ ފައިދާއަށް ބަލާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.