އައިޖީއެމްއެޗް

ޑރ. ޝާން ރާއްޖެ ދޫކޮށް ޔޫއޭއީގެ ހޮސްޕިޓަލަކަށް

May 21, 2022
2

އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވަމުން ގެންދެވި ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރު، ޔޫސުފް ޝާން އައިޖީއެމްއެޗުން ވަކިވެވަޑައިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ހޮސްޕިޓަލަކާ ގުޅިވަޑައިގެންފި އެވެ.

އައިޖީއެމްޗުން ވެސް ވަނީ މިކަން ޔަގީންކޮށްދީފަ އެވެ. އެ ހޮސްޕިޓަލުން ބުނީ ޑރ. ޝާން ޔޫއޭއީގެ އަބޫދާބީގެ ހޮސްޕިޓަލަކާ ގުޅިވަޑައިގަތީ އާ ކަންތައްތަކެއް ތަޖުރިބާ ކުރެއްވުމަށް ކަމަށެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ޑރ. ޝާން މިވަގުތު ހުންނެވީވެސް އަބޫދާބީގަ އެވެ.

އައިޖީއެމްއެޗުން ޝާން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ އެ ހޮސްޕިޓަލްގެ މެޑިކަލް ޑިރެކްޓަރުގެ މަގާމުގަ އެވެ. އެ މަގާމު އޭނާ އަދާކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މިމަހު ވަޒީފާ އިން ވަކިވެވަޑައިގަތުމާ ހަމައަށެވެ.

ޑރ. ޝާން ވަނީ އޭނާއަށް ލިބިވަޑައިގަންނަވާ އިތުރު ވަގުތުތަކުގައި މާލޭގެ ބައެއް އަމިއްލަ ކްލިނިކްތަކުގައި އާއި އަތޮޅު ތެރެއަށް ވަޑައިގެން ބައެއް ރަށްރަށުގެ ހޮސްޕިޓަލްތަކުގައިވެސް ބަލިމީހުންނަށް ފަރުވާ ދެއްވާފަ އެވެ.

އައިޖީއެމްއެޗުން ޑރ. ޝާން ވަކިވެވަޑައިގަންނަވާތީ އެ ހޮސްޕިޓަލުން ބޭއްވި ހަފްލާގައި ވެސް ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވެފައިވެ އެވެ.

ޑރ. ޝާން ވަނީ ޑޮކްޓަރުންގެ މުސާރައާއި އެލަވަންސްގެ މައްސަލައިގައި މިދިޔަ ދުވަސްތަކުގައި ޑޮކްޓަރުންގެ ހައްގުގައި ވަރަށް ބޮޑަށް ވަކާލާތުވެސް ކުރައްވާފަ އެވެ.