"އިންޑިއާ އައުޓް" ޖަހާފައި ހުރި ބޮޑު ބެނާ ހަރުކޮށްފައި ހުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ގެ، ހ. ދޫވެހީގައި ކަމަށާއި އެއީ އާންމު ތަނެއް ނޫން ކަަމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި ވިދާޅުވެއްޖެ އެވެ.
ކޯޓު އަމުރަކާއެކީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ފުލުހުން ދޫވެއްސަށް ވަދެ އެގޭގައި ހަރުކޮށްފައިހުރި ބޮޑު ބެނާ ނެގި އެވެ.
އެ ކޯޓު އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށް ވިދާޅުވެ، ކޯޓު އަމުރު ބާތިލުކޮށްދިނުމަށް އެދިވަޑައިގެން ޔާމީންގެ ފަރާތްޕުޅުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. މައްސަލަ ރައްދުވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށެވެ.
މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ހައިކޯޓުގައި ބާއްވާފައިވާއިރު ޔާމީންގެ ފަރާތްޕުޅުން ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވާފަ އެވެ.
ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒު ވިދާޅުވި ގޮތުގައި ކޯޓު އަމުރެއް ނެރެގެން އަމިއްލަ މުދަލުގައި ދަމާފައި ހުރި ބެނާއެއް ގެންދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެ އަމުރުގައި ޔާމީންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ އާންމު މަސްލަހަތަށް ގެއްލުންވުމުގެ އަމަލެއް ހިންގިކަމުގެ ކުށަށްވާއިރު، އާންމު މަސްލަހަތަށް ގެއްލުންވަނީ ކޮންގޮތަކަށްތޯ ފުލުހުންނަށް ބަޔާންކޮށްދެވިފައި ނުވާ ކަމަށެވެ.
![](https://images-01.avas.mv/post/big_4vm8Zr1sjqkjvNtjpoFbdVEJZ.png)
ޝިޔާޒު ވިދާޅުވީ ގާނޫނުން ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން އަމިއްލަ ގޭގައި ހުރެގެން ފާޅުކުރާ ހިޔާލަކީ އާންމު ތަނެއްގައި ހުރެ ފާޅުކުރި އަދި އާންމު މަސްތަހަތު ގެއްލޭ ކަމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ކުށުގެ އަމަލާއި ފުލުހުން އެ އަމުރު ހޯދަން ހުށަހަޅާފައިވާ ހުށަހެޅުމާ ދިމާ ނުވާ ކަމަށް ވެސް ޝިޔާޒް ވިދާޅުވި އެވެ.
ޝިޔާޒް އިތުރަށް ވިދާޅުވީ އެ ބެނާގެ ސަބަބުން ނުރައްކަލެއް އަތުވެދާނެ ކަމަށް އޮތީ ފުލުހުން ބުނާ ބުނުމެއް އެކަނި ކަމަށެވެ. އޭގެ ސަބަބުން މުޖުތަމައުގެ ރައްކާތެރިކަން ގެއްލޭ ސަބަބު ފުލުހުންނަށް ބުނެދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީއަތުގެ އަޑުއެހުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވުމުން ދައުލަތުގެ ރައްދު އިއްވާފައެއް ނުވެ އެވެ. މި އަޑުއެހުމުގައި ފުލުހުންގެ އިސް ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މި މައްސަލަ ހައިކޯޓުގައި ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ.