ބޮލީވުޑް

އަދްނާން ސާމީ އިންޑިއާގެ ރައްޔިތަކަށް

Jan 2, 2016
1

ޕާކިސްތާންގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދްނާން ސާމީ އިންޑިޔާގެ ރައްޔިތަކަށް ވެއްޖެ އެވެ.

އިންޑިއާގެ ރައްޔިތަކަށް އަދްނާން ވިކަމުގެ ލިޔުން އޭނާއާއި ޑިސެމްބަރު 31 ގައި ހަވާލުކޮށްފައިވަނީ މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމް ކިރެން ރިޖީޖޫ އެވެ.

މޭމަހުގައި އަދްނާންގެ ޕާސްޕޯޓުގެ މުއްދަތު ހަމަވުމުން، ޕާކިސްތާނުން އޭނާގެ ޕާސްޕޯޓް ހަދައިނުދޭނެ ކަމަށް ބުނުމުން އަދްނާން ވަނީ އިންޑިއާގެ ހޯމް މިނިސްޓްރީއަށް އޭނާ ޑީޕޯޓްކޮށް ނުދީ ބެހެއްޓުމަށް އެދިފަ އެވެ. އޭނާ އެދުނު ގޮތަށް އިންޑިއާގެ ރައްޔިތަކަށް ބަދަލުވެފައވާތީ އަދްނާނ ވަނީ އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ އަށާއި ހޯމް މިނިސްޓަރު ރަޖްނާތު ސިންގް އަށް ޝުކުރު އަދާކޮށްފަ އެވެ.

ރަސްމީކޮށް އިންޑިއާގެ ރައްޔިތަކަށްވީކަން އޭނާގެ ޓްވިޓާގައި އާންމު ކުރަމުން އަދްނާން ވަނީ "މުޅިން އާ ފެށުމެއް، އާ އިހްސާސްތަކެއް. އާ ނިސްބަތެއް. އާ ލޯތްބެއް. އާގައުމެއް" މިހެންނެވެ. މީގެ އިތުރުން ވެސް އަދްނާން ވަނީ ރިޖީޖޫގެ އަތުން އިންޑިއާގެ ރައްޔިތަކަށް އޭނާ ވީ ކަމުގެ ލިޔުމާއި ހަވާލުވާ ފޮޓޯއެއްވެސް އާންމުކޮށްފަ އެވެ.

އަދްނާން އިންޑިއާގެ ރައްޔިތަކަށްވީ ކަމުގެ ލިޔުން ހަވާލުކުރިތާ އެއް ދުވަސް ކުރިން ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާހަތް ފަތޭހް އަލީ ޚާން ވަނީ އިންޑިއާއިން ޑިޕޮޓްކޮށްލާފަ އެވެ. ރާހަތް އިންޑިއާއިން ޑީޕޯޓްކޮށްފައިވާ ކަމަށް އެ ގައުމުގެ އިމިގްރޭޝަނުން ބުނެފައިވަނީ ޕާކިސްތާނުގް ރައްޔިތުން އިންޑިއާއަށް އެތެރެވާން ވިސާ ދޫކުރާ ހާއްސަ ޕޯޓްތަކެއް ހުންނަ ކަމަށެވެ. އަދި އޭނާ އާއަހަރު ފާހަގަކުރުމަށް ބޭއްވި ޝޯއެއް ހުށަހަޅައިދޭން އައިސް އިންޑިއާއަށް އެތެރެ ވާން އުޅެފައިވަނީ ވިސާ ދޫނުކުރާ ތަނަކުން ކަމަށް ބުނެފަ އެވެ.

ޕާކިސްތާނުގެ ރައްޔިތުންނަށް އިންޑިއާއިން އޮންއެރައިވަލް ވިސާ ދޫކުރަނީ ދިއްލީ، މުމްބައި، ޗެންނާއި އަދި ކަލްކަތާގެ އެއާޕޯޓުންނެވެ.

އަދްނާން އެންމެ ފުރަތަމަ އިންޑިއާ އަށް ގޮސްފައިވަނީ 2001 ވަނަ އަހަރު، އެއް އަހަރު ދުވަހުގެ ވިސާއެއްގަ އެވެ. އޭގެ ފަހުން މިހާތަނަށް ވެސް އޭނާ އިންޑިޔާގައި ހުރީ ވިސާ އަހަރުން އަހަރަށް އާ ކޮށްގެންނެވެ.

އަދްނާން މިހާތަނަށް ބޮލީވުޑްގެ ފިލްމުތަކަސް ގިނަ ލަވަތައް ކިޔައިދީފައިވާއިރު، އިންޑިއާއިން އޭނާ އަށް ވަރަށް ބޮޑު ސަޕޯޓެއް ވެސް ލިބެ އެވެ. އޭނާ ކިޔައިދީފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި، "ކަބީތޯ ނަޒަރް މިލާއޯ"، "ލިފްޓް ކަރާދޭ" ހިމެނެ އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ޒަމާންވީ ރުޅިވެރިކަމެއް އޮތް ނަމަވެސް، ޕާކިސްތާނުގެ ތަރިންނާއި ލަވަކިޔުންތެރިން އަންނަނީ ބޮލީވުޑްގައި ވިދަމުންނެވެ.

މީގެ ކުރިން އިންޑިއާއިން ވަނީ ޕާކިސްތާނުގެ ކަރާޗީ އަށް ނިސްބަތްވާ ފިރިހެނަކު އިންޑިއާގެ އަންހެނަކާއި ކައިވެނުކުރުމުން 1994 ވަނަ އަހަރު އޭނާ އިންޑިއާގެ ރައްޔިތަކަށް ބަދަލުކޮށްފަ އެވެ. އަދްނާން އަކީ މީގެ ކުރިން ކެނެޑާގެ ސިޓިޒަންޝިޕް ވެސް އޮތް މީހެކެވެ.