ދުނިޔެ

ސައުދީގައި އެއް ދުވަސްތެރޭ 47 މީހަކު ދަން ޖައްސައި މަރައިފި

ސައުދި އަރަބިއްޔާގައި މަރުގެ ހުކުމް އިއްވާފައި ތިބި 47 މީހަކަށް އެހުކުމް ތަންފީޒުކޮށްފި އެވެ. އޭގެ ޝީއީންގެ ބޮޑު އިމާމަކު ވެސް ހިމެނެ އެވެ.

ޓެރަރިޒަމްގެ ދައުވާ އުފުލައި މަރުގެ ހުކުމް އިއްވާފައި ހުރި މިމީހުންނަށް ހުކުމް ތަންފީޒުކުރި ކަން ސައުދީގެ އިންޓީރިއާ މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެގައުމުގެ އިންޓީރިއަ މިނިންޓްރީން ނެރުނު ބަޔާނެއް ކަމަށްބުނެ ސައުދީގެ ސްޓޭޓް ޓީވީން ގެނެސްދިން ބަޔާނެއްގައި ބުނީ އެމީހުންގެ ތެރޭގައި ނިމްރް އަލް ނިމްރް އަދި އަލްގައިދާ އާއި ގުޅުން އޮންނަ ފާރިސް ބިން ޝުވެލް ހިމެނޭ ކަމަށެވެ.

ނިމްރް އަކީ ޝީއީ ޖަމާއަތުގެ ޝޭހެކެވެ. އޭނާ ހައްޔަރުކުރީ ސަރުކާރާއި ދެކޮޅަށް ކުރި މުޒާހަރާއެއްގައި، ސަލާމަތީ ކަންކަން ބަލަހައްޓަމުންދިޔަ ސިފައިންގެ އަމުރަށް ނުކިޔަމަންތެރިވެގެން 2011 ވަނަ އަހަރެވެ. އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ސައުދީގެ ސުޕްރީމް ކޯޓުންނެވެ.

ނިމްރްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމުން އިރާން ވަނީ އެކަމާއި ރުޅިގަދަ ވެފަ އެވެ. އެހެން ނަމަވެސް އެކަމާއި ގުޅިގެން ސައުދީން ބުނީ ސަރުކާރުން ސުންނީންނާއި ޝީއީންނާއި ދެމެދު ތަފާތުކުރުންތަކެއް ނުގެންގުޅޭ ކަމަށެވެ. އަދި މީގެއިތުރުން ސައުދީން ވަނީ އިރާނުން އެކަމުގެ ތެރެއަށް ވަނުމުން ނުރުހުން ފާޅުކޮށް، އެކަމާއި ދެކޮޅަށް އިރާނުން ދައްކާ ވާހަކަތައް ކުށްވެރިކޮށްފަ އެވެ.

ފާރިސް އަލް ޒަހްރާނީ އަކީ ސައުދީގައި ހުރި އެންމެ ބޮޑު ޓެރަރިސްޓު ކަމަށްވަނީ ތުހުމަތުކޮށްފަ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2004 ވަނަ އަހަރު އެވެ.

އިންޓީރިއަ މިނިސްޓްރީން ބުނީ މަރުގެ ހުކުމް ތަންފީޒުކުރި މީހުންގެ ތެރޭގައި ހިމެނެނީ ސަރުކާރު އިމާރާތްތަކާއި އާއްމު ސަރަހައްދުތަކަށް ޓެރަރިސްޓު ހަމަލާދިން މީހުންގެ ތެރޭގައި ހިމެނޭ މީހުން ކަމަށެވެ.

ސައުދީގައި މިދިޔަ އަހަރު އެކަނިވެސް 150 މީހުންނަށް މަރުގެ ހުކުމް ތަންފީޒު ކޮށްފަ އެވެ.