ރީކޯ މޫސާ މަނިކު

އެމްޑީޕީއަކީ އާއިލީ ނުފޫޒުން އެއްކިބާވެފައިވާ ޕާޓީއަކަށް ހަދާނަން: މޫސަ

މި އަހަރުގެ ތެރޭގައި އެމްޑީޕީއަކީ އާއިލީ ނުފޫޒުން އެއްކިބާވެފައިވާ، އެ ޕާޓީގެ މެންބަރުންގެ ބައިވެރިވުމާއެކު ހިނގާ ޕާޓީއަކަށް ހަދާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވެ މިއަދު ޓްވީޓްތަކެއް ކުރައްވާފައިވާއިރު އޭނާ މިއަދު ވަނީ ސިންގަޕޫރުގައި ހުންނަވައިގެން އަވަސް އަށް ގުޅުވައި އެ މައުލޫމާތު ހިއްސާވެސް ކުރައްވާފަ އެވެ.

ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ މޫސަ މިއަދު ވިދާޅުވީ، އެމްޑީޕީއަކީ އާއިލީ ނުފޫޒުން އެއްކިބާވެފައިވާ ޕާޓީއަކަށް ހައްދަވާނެ ކަމަށާއި އެކަމާ ޝައްކެއް ނެތްކަމަށެވެ.

"ބާޣީންއަށް އެމްޑީޕީގެ ވެރިން މަރުހަބާ ކިޔައި އެމީހުން ޕާޓީގެ ތެރެއަށް ގެންނައިރު އަޅުގަނޑުމެންނަށް އެފަދަ ފުރުސަތެއް ނެތް، އެހެންވީމަ އެމްޑީޕީ ހަމައަކަށް އަޅުވަން ޖެހޭ،" މޫސަ ވިދާޅުވި އެވެ. "އެމްޑީޕީގެ ކޮންގްރެސް ނުބައްވާ ވަކި ބަޔަކަށް ކޮންޓްރޯލް އޮންނަ ލަފާދޭ ކޮމެޓީއަކުން އެމްޑީޕީ ހިންގަނީ ކޮންގްރެސް ބާއްވައިފިނަމަ ވަކި ބަޔަކަށް ބާރު ކެނޑިދާނެތީ،"

މޫސަ ވިދާޅުވީ އޭނާ އެ ޕާޓީއަށް މެންްޝިޕް ފޯމެއް ފޮނުވީ އެ ޕާޓީގެ މެންބަރަކަށް ނުވާތީ ނޫން ކަމަށާއި އިލެކްޝަންސް ކޮމިޝަނުގައި އޮންނަ އެމްޑީޕީގެ މެންބަރުންގެ ދަފުތަރުން އޭނާގެ ނަން އުނިކޮށްފައި ނުވާ ކަމަށެވެ.

"އެހެން އޮއްވާ ފިންގަޕްރިންޓްގެ މައްސަލަ ދިމާވީމާ އަޅުގަނޑު އެދުމުން ކޮމިޝަނުން ވިދާޅުވީ އަލުން ފިންގަޕްރިންޓް ޖަހާފައި ޕާޓީއަށް ފޯމް ފޮނުވަން. ފޮނުވީމާ ދިން ޖަވާބެއް އެއީ." މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އެ ޖަވާބާ ގުޅިގެން އިނގިރޭސިވިލާތުގައި ހުންނެވި ޕާޓީގެ ޗެއާޕާސަން އަލީ ވަހީދަށް އޭނާ ގުޅުއްވި ކަމަށާއި އަލީ ވިދާޅުވީ އެފަދަ ޖަވާބެއް އެމްޑީޕީން މޫސައަށް ދީފައި ވަނީ އޭނާއަށް އެއްވެސް މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.

"އަލި ވަހީދު ވިދާޅުވީ އޭނާއާ އެއްވެސް މަޝްވަރާއެއް ނުކުރެއޭ. އަދި އެގޮތަށް މޫސަ ބޭރުކޮށްލާކަށް އެމްޑީޕީއަކުން ނިންމާފައެއްވެސް ނުވެއޭ. ދެން ޕާޓީގައި އިސްކޮށް މިހުންނަވަނީ ނައިބު ރައީސް މުހައްމަދު ޝިފާޒް އޭނާއަށް ވެސް އެކަމެއް އެނގިވަޑައެއް ނުގަންނަވާ،" މޫސަ ވިދާޅުވި އެވެ.

މުސާ ވިދާޅުވީ އޭނާއަށް އެފަދަ ޖަވާބެއް ދީފައި ވަނީ އެމްޑީޕީ ހައިޖެކްކޮށްގެން އުޅޭ ވިއްސަކަށް މީހުންގެ ތެރެއިން އިސްވެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ކަމަށާއި އެގޮތަށް އޭނާއަށް އެކަން ތައް ނުކުރެއްވޭނެ ކަމަށެވެ.

މޫސަ ބުނީ އެމްޑީޕީގެ ކަންކަން މިހާރު ނިންމަންޖެހޭނީ ކޮންގްރެސްއެއް ބާއްވައިގެން ކަމަށާއި ޕާޓީ "ހައިޖެކޮށްގެން އުޅޭ ވިއްސަކަށް މީހުން" ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އޭނާއަށް ތާއީދު ކުރާ ބަޔަކާއި އަދި އެމީހުންނާއި ގުޅިގެން ސްރީލަންކާގަ އާއި އިނގިރޭސި ވިލާތުގައި ތިބެގެން ރާއްޖޭގެ އިގްތިސޯދަސް ގެއްލުންދޭން މަސައްކަތް ކުރާ "ގްރޫޕެއް" ބޭނުންވޭ ގޮތަށް އެމްޑީޕީ ނުހިންގޭނެ ކަމަށާއި އެކަންކަން ބަދަލު ކުރާނެ ކަމަށެވެ.

މޫސަގެ ސިޓީގެ ޖަވާބުގައި ބުނެފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރެއްގެ ގޮތުގައި މޫސަ ހުންނެވިއިރު އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި މައްސަލާގައި ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއިން އެ މައްސަލަ ބަލައި ޑިސެމްބަރު 22، 2014ގައި މޫސަ ޕާޓީން ވަކި ކުރަން ނިންމާފައިވާ ކަމަށާއި އަލުން މޫސަ ޕާޓީއަށްވަދެވަޑައިގަތުމަށް ސޮއިކުރައްވާނަމަ މި ޕާޓީގެ މެމްނަރުންގެ އިތުބާރު މޫސައާމެދު އަލުން އުފެއްދުމަށްޓަކައި ޕާޓީގެ އެންމެހައި މެމްބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެން، ޕާޓީގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކުރުމަށްޓަކައި މުސާ މަނިކު ބަޔާނެއް ޕާޓީ ސެކްރެޓޭރިއޭޓަށް ފޮނުއްވުމަށާއި، އަލުން ޕާޓީއަށް ސޮއިކުރައްވާނަމަ، މޫސާ މަނިކުއާއެކު އިތުރު 50 މެމްބަރުން، ގޮތްޕެއް ހެދުމަށް ކަނޑައަޅާފައިވާ އަދަދަށް ޕާޓީއަށް މެންބަރުން އަލަށް ވެއްދުމަށް މެމްބަޝިޕް ފޯމު ހުށަހެޅުއްވުމަށެވެ.