މޯލްޑިވްސް ޕޮލިސް ސާވިސް

ގޮތް ނޭނގޭ މަރުތަކުގައި ޕޯސްޓްމޯޓަމް ހެދުން ފުލުހުންނަށް

May 24, 2022

މީހަކު މަރުވި ސަބަބު ދެނެގަތުމަށާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމާ ބެހޭ ގަވައިދެއް އެކުލަވާލާ މިއަދު އަމަލުކުރަން ފަށައިފި އެވެ.

ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން ހެދި މި ގަވައިދު ތަންފީޒު ކުރުމުގެ ބާރު ދީފައިވަނީ ފުލުހުންނަށެވެ.

ގަވައިދު އެކުލަވާލާ ފުލުހުންނަށް އަމަލުކުރަން ފެށިފައި މިވަނީ ގަވާއިދު ހަދަންޖެހޭ މުއްދަތު ހަމަވިތާ ދޮޅު އަހަރު ފަހުންނެވެ.

ގަވައިދުގެ މަގުސަދަކީ ޖިނާއީ ކުށަކާ ގުޅިގެން މަރުވެފައިވާ މީހަކު މަރުވި ސަބަބު ދެނެގަތުމަށްޓަކައި އަދި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށްޓަކައި މަރުވެފައިވާ މީހާގެ ޕޯސްޓްމޯޓަމް އެގްޒެމިނޭޝަން ހެދުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުތައް ކަނޑައެޅުމެވެ.

ޕޯސްޓްމޯޓަމް ހަދަންޖެހޭ ބާވަތުގެ މަރުގެ މައްސަލަތައް

  • އެކްސިޑެންޓަކާ ގުޅިގެން މީހަކު މަރުވެފައިވާ މައްސަލަ
  • އަމިއްލައަށް މަރުވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ
  • ގަސްދުގައި މީހަކު މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ
  • އިހުމާލުގެ އަމަލަކުން މީހަކު މަރުވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ
  • ގޮތް ނޭނގޭ މަރުގެ މައްސަލަ
  • ގުދުރަތީ ގޮތުން ނޫން އެހެން ކޮންމެވެސް ގޮތަކުން މަރުވެފައިވާ ކަމަށް ތުހުމަތުކުރެވޭ މަރުގެ މައްސަލަ

ގަވައިދުގައިވާ ގޮތުން ޕޯސްޓްމޯޓަމް ހަދަންޖެހޭ ހަށިގަނޑު އެއްތަނުން އަނެއް ތަނަށް ގެންދަންވާނީ މަރުވެފައިވާ މީހުން ލުމަށް ހާއްސ ބޮޑީ ބޭގް -- (ކެޑޭވާ ޕައުޗް) އަކަށް ލައިގެންނެވެ. ނުވަތަ އެފަދަ ހާއްސަ ބޭގެއް ލިބެން ނެތް ހާލަތެއްނަމަ ސާފު ފޮތިގަނޑެއް ބޭނުންކޮށްގެން ހަށިގަނޑު ނިވާކޮށްގެންނެވެ. ހަށިގަނޑު އުފުލާ ގެންގުޅުމުގައި ހަށިގަނޑަށް އިތުރު ގެއްލުމެއް ނުލިބޭ ގޮތަށް އަދި ހަށިގަނޑުން ލިބިދާނެ ހެއްކެއް ތަޣައްޔަރު ނުވާނެ ގޮތަކަށް އަމަލުކުރުމަށްވެސް ގަވައިދުގައި ލާޒިމުކުރެ އެވެ.

ޕޯސްޓްމޯޓަމް ހަދަންޖެހެނީ ދިވެހި ސަރުކާރުން ގަބޫލުކުރާ ރާއްޖޭގެ މަރުކަޒުތަކާއި ބޭރު ގައުމުތަކުގައި އެ ގައުމެއްގެ ސަރުކާރުގެ ހުއްދަ އޮތް ތަނަކުންނެވެ. ގަވައިދު އޮތް ގޮތުން ޕޯސްޓްމޯޓަމް ހަދަން ހުއްދަ ދެވޭނީ ހަމައެކަނި ކޮމިޝަނާ އޮފް ޕޮލިސް އަށެވެ.

ޕޯސްޓްމޯޓަމް ހެދުމަށްފަހު އިތުރު ތަހުލީލެއް ހަދަން ނެތް ނަމަ މަރުވި މީހާގެ އާއިލާއާ ހަށިގަނޑު ހަވާލު ކުރަން ޖެހެ އެވެ. ބިދޭސީއެއް ނަމަ ހަށިގަނޑާ ހަވާލުވުމަށްޓަކައި ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެ ގައުމެއްގެ އެމްބަސީއަށް އަންގަން ޖެހެ އެވެ.

ޕޯސްޓްމޯޓަމް ހަދަނީ ކާކުކަން ނޭނގޭ މީހެއްގެ ހަށިގަނޑު ނަމަ އެ ހަށިގަނޑަށް އައިޑެންޓިފިކޭޝަން ނަންބަރެއް ދިނުމަށްފަހު ހާއްސަ ޑާޓާބޭސްއެއްގައި އެ މައުލޫމާތު ރެކޯޑް ކުރުމަށްފަހު ނޫނީ ޕޯސްޓްމޯޓަމް ހަދައިގެން ނުވާނެ ކަމަށްވެސް ގަަވައިދުގައި ބުނެފައިވެ އެވެ.