ދުނިޔެ

ސޯމާލިއާގެ ޖާނުން ފިދާވުމުގެ ހަމަލާއެއްދީ ދެމީހަކު މަރާލައިފި

ސޯމާލިއާގެ ވެރިރަށް މޮގާދިޝޫގެ ރެސްޓޯރެންޓެއް ކައިރީ ބޮމެއް ހަރުކޮށްގެން ޖާނުން ފިދާވުމުގެ ހަމަލާއެއް ދީ ދެ މީހުން މަރާލައިފި އެވެ.

ދެ މީހުން މަރުވެ ދެމީހުން ޒަހަމްވި މި ހަމަލާ އަމާޒުކޮށްފައިވާ ރެސްޓޯރެންޓަކީ ނޫސްވެރިން ގިނަ އަދަދަކަށް ގޮސް އުޅޭ ރެސްޓޯރެންޓެއް ކަމަށް ހަބަރުތައް ބުނެއެވެ.

މިހާތަނަށް އެއްވެސް ގުރޫޕަކުން މި ހަމަލާގެ ޒިންމާ ނުނެގި ނަމަވެސް މި ހަމަލާ ދިނީ އަލް ޝަބާބް ގުރޫޕުން ކަމަށް ހަބަރުތައް ބުނެއެވެ. މި ރެސްޓޯރެންޓަކީ ހައްދު ފަހަނައަޅާފައިޗާ އަލް ޝަބާބް ގުރޫޕަކުން މީގެކުރިންވެސް ހަމަލާދީފައިވާ ރެސްޓޯރެންޓެކެވެ.

ސޯމާލިއާ ފުލުހުން ބުނީ މިހަމަލާ ދީފައިވަނީ މިއަދު ހެނދުނު 09:45 ހާއިރު ކަމަށާއި ޒަހަމްވި މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މިހަމަލާ ދީފައިވަނީ މޮގާދިޝޫގެ ހޮޓަލެއްގައި ބޮމެއް ގޮއްވާލައި 15 މީހުން މަރާލިތާ ދެމަހެއްހާ ދުވަސް ފަހުންނެވެ. އެހަމަލާގައި އަލް ޖަޒީރާގެ ކޮންޓްރިބިއުޓަރ އެއްވެސް ވަނީ މަރުވެފަ އެވެ.