ލައިފްސްޓައިލް

"ކެޝޫނަޓް ބިސް" އަޅާ ކުކުޅު ސެލެބްރިޓީއަކަށް!

ގުދުރަތުގެ އަޖައިބުތަކަކީ މީހުންގެ ސިކުނޑިއަށް ވިސްނޭ ވަރަށް ވުރެ ބޮޑެތި އަޖައިބު ތަކެކެވެ. މިފަހަރުވެސް ދިމާވެގެން މިއުޅެނީ ހަމަ މިފަދަ ކަމެކެކެވެ. މި ކަހަލަ ގިނަ އަޖައިބުތަކުގެ ހަގީގަތް ސައިންސްވެރިންނަށް ވެސް އޮންނަނީ ނޭނގިފަ އެވެ. މިވާ ގޮތެއް ނޭނގި އެމީހުން ވެސް ތިބެނީ ބޯ ކަހާލަ ކަހާލަ އެވެ.

އިންޑިއާގެ އަވަށެއްގައި ދާދިފަހުން ވަނީ މިފަދަ އަޖައިބު ކަމެއް ހިނގާފަ އެވެ. އެ އަވަށުގެ މީހަކު ގެންގުޅުނު ކުކުޅެއް އެޅި ބިސްތަކެއް އާދައިގައި ކުކުޅު އަޅާ ބިހުގެ ބައްޓަން ނޫން ބައްޓަމަކަށް ހުރީމަ އެވެ.

އާއްމުކޮށް ކުކުޅުބިސް ހުންނަނީ ކުކުޅުބިސް ބުރަށެވެ. ނަމަވެސް މި ކުކުޅު އެޅި ބިސް ހުރީ ކެޝޫނަޓް ބައްޓަމަށެވެ. މި ކުކުޅުގެ ވެރިޔާ ޕްރަޝާންތު އަށް މިކަން ފާހަގަ ކުރެވިގެން މިއީ އެންމެ ފަހަރަކު ދިމާވި ކަމެއް ކަމަށް ހިތާ އިތުރަށް މި ކުކުޅު ބިސް އަޅަން ދެން މި ވާހަކަ ނުދައްކާ މަޑުކޮށްގެން ހުރީ އެވެ.

ޖެހިޖެހިގެން ތިން ފަހަރު އެ ކުކުޅު ބިސް އެޅިއިރު ވެސް އެ ބިސްތައް ހުރީ ހަމަ ކެޝޫނަޓް ބައްޓަމަށެވެ. އެހެންވެ އަވަހަށް ޖަނަވާރުންގެ ޑޮކްޓަރަކަށް މި ކުކުޅު ދެއްކީ އެވެ.

ޕްރަޝާންތު ކައިރީ ޖަނަވާރުންގެ ޑޮކްޓަރު ބުނި ކަމަށް ވަނީ ކުކުޅުގެ ބިހުގެ ތޮށި އުފައްދާ ގްލޭންޑްގައި މައްސަލައަށް އުޅެނީ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ނޫނީ އެސޮރުގެ ރިޕްރޮޑަކްޓިވް އޯގަންސްގައި ފަނި ހުރީމަ ވެސް މިހެން ވެދާނެ ކަމަށެވެ.

ދާދި އަވަހަށް މި ޚަބަރު އެ އަވަށުގައި ފެތުރި އެންމެން ވެސް މި ކުކުޅާއި ކުކުޅު އަޅާފައި ހުރި ބިސްތައް ބަލާލާހިތުން ޕްރަޝާންތުގެ ގޭދޮށަށް އެއްވާން ފެށި އެވެ. އަދި ކުކުޅާއި އެ ސޮރު އަޅާފައިހުރި ބިހުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވެ ސެލެބްރިޓީއެއްގެ ދަރަޖަ މި ކުކުޅަށް މިހާރު ވަނީ ލިބިފަ އެވެ.

މިއީ ބިހުގެ އަސްލު ބައްޓަން ނޫން ބައްޓަމަކަށް ކުކުޅެއް ބިސް އެޅި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ދުވަސްކޮޅެއް ކުރިން އިންޑިއާގެ އެހެން އަވަށެއްގެ ކުކުޅެއް އެޅި ބިސްތަކެއް އަނބުގެ ބައްޓަމަށް ހުރެގެން އެ ޚަބަރު ވެސް އެ ގައުމުގެ ނޫސްތަކުގައި ޖަހާފައި ވެއެވެ.