ރިޕޯޓް

ކޭޓްއަށް އިނާމް ލިބުނީ ފުރަތަމަ އައި ދެ މީހުން މާބޮނޑީގައި ނުހިފުމުން!

އިއްޔެ ހެނދުނު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް ސައުދީން އައި އޮމާން އެއާގެ ފްލައިޓަކީ އަހަރުގެ ފުރަތަމަ ފްލައިޓެވެ. އޭރު ބޮޑު އިންތިޒާމެއް ރާވައި މާބޮނޑިތަކާއި ބޮޑުބެރު ގްރޫޕާއެކީ ތައްޔާރުވައި އޮތީ އަހަރުގެ ފުރަތަަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔާށެވެ. އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ބޮޑެތި އިނާމުތަކާއެކު ހޫނު މަރުހަބާއެއް ކިޔެ އެވެ. އެ ނަސީބުވެރިޔަކަށްވީ އިނގިރޭސި ރައްޔިތެއް ކަމަށްވާ ކޭޓް ހޯމްސް އެވެ. އޭނާއަށް އައުޓްރިގާ ކޮނޮއްޓަ ރިސޯޓުގައި ހިލޭ ހުރެވޭނެ އެވެ.

މި ހާއްސަ ނަސީބުވެރިޔާއަށް ކޭޓް ހޯމްސް ވީ ކިހިނެއްހެއްޔެވެ؟ އަހަރުގެ އެންމެ ފުރަތަމަ ޓޫރިސްޓްގެ ލަގަބު ދޭން ހަމަޖެހިއޮތީ ޖެނުއަރީ އެއްވަނަ ދުވަހު ފުރަތަމަ އަންނަ ފްލައިޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ފުރަތަމަ އެއާޕޯޓް އިމިގްރޭޝަނުން ވިސާ ޖަހާ މީހާ އަށެވެ. ކޭޓީ ހޯމްސް އަށް އެ ނަސީބު ލިބުނީ އެންމެ ފުރަތަމަ ވިސާ ޖަހައިގެނެއް ނޫނެވެ. އޭނާއަކީ މި އަހަރު ރާއްޖެ އައި ތިންވަނަ ފަތުރުވެރިޔާ އެވެ. އެންމެ ފުރަތަމަ އަށް ރާއްޖެ އައި ފަތުރުވެރިޔަކީ ކަޅުހެދުމުން މުޅި ހަށިގަނޑާއި މޫނު ނިވާކޮށްފައި ހުރި އަރަބި އަންހެނެކެވެ. ދެވަނަ ފަތުރުވެރިޔާއަކީ އޭނާގެ ފިރިމީހާ އެވެ.

އަރަބި އެ އަންހެންމީހާއަށް އެ ޝަރަފު ނުލިބުނީ އެއް ނޫނެވެ! އޭނާ ބޭނުން ނުވީ އެވެ. އޭނާގެ ފިރިމީހާވެސް ބޭނުން ނުވީ އެވެ. ކިއޫގައި ދެން ހުރީ ކޭޓް ހޯމްސް އަށްވުމުން އޭނާގެ ކަރަށް މާފަތި "ވެއްޓުނީ" އެވެ.

ނޫސްވެރިންގެ ކުރިމަތީގައި ފުރަތަމަ އައި ފްލައިޓުން އެންމެ ފުރަތަމަ ފޭބީ އަރަބި ދެމަފިރިންނެވެ. ފުރަތަމަ ވިސާ ޖަހަން ފުރަތަމަ އިމިގްރޭޝަން ކައުންޓަރު ކައިރީ ހުއްޓުނީ އޭގެ ތެރެއިން އަންހެންމީހާ އެވެ. އޭނާ ކައުންޓަރު ކައިރީ ހުއްޓުނު އިރު ނޫސްވެރިން ދިޔައީ ވަރަށް ފޮޓޯ ނަގަމުންނެވެ. ނަމަވެސް އެ ދެމަފިރިންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްމަ ނުޖެހުމާއި ހާސްކަމެވެ. ވިސާ ޖެހުމަށް ފަހު ކައުންޓަރު ކައިރިން ނިކުތްތަނާ އެމްއެމްޕީއާރްސީގެ މުވައްޒިފެއް މަރުހަބާ ކިޔުމުގެ ގޮތުން އަންހެން މީހާއަށް މާބޮނޑިއެއް ދިއްކޮއްލި އެވެ. ނަމަވެސް ކޮންމެސް ވަރަކަށް ވާނުވާ ނޭނގިފައި ހުރި އަރަބި އަންހެން މީހާ މަރުހާބާގެ އެ މާބޮޑި ގަބޫލެއް ނުކުރި އެވެ. އެމްއެމްޕީއާރްސީގެ މުވައްޒިފުން މަރުހަބާ ކިޔައި ފުރަތަމަ އައި ފަތުރުވެރިޔާ ކަމުގެ ލިޔުންދޭން އުޅުމުންވެސް އޭގައި ހިފާކަަށް ބޭނުމެއް ނުވި އެވެ. އެ އަންހެންމީހާ ސަލާމްކޮށްލުން ފިޔަވައި އެއްވެސް ކަމެއް ނުކޮށްދިޔައީ އެވެ.

ކަންދިމާ ކުރި ގޮތުން ތިންވަނަ އަށް ވިސާޖެހީ ކޭޓ އެވެ. ފުރަތަމަ ޓޫރިސްޓްގެ ގޮތުގައި މަރުހަބާ ކިޔުމުން ކޭޓީއަށްވީ ވަރަށް ބޮޑު ސަޕްރައިޒެކެވެ. އަރަބި އަންހެން މީހާއާ ހިލާފަށް ކޭޓް އުފަލުން އިނާމުތަކާއި ލިޔުން ގަބޫލު ކުރި އެވެ. ބައެއް ފަހަރު ނަސީބު އަންނަނީ ހީވެސް ނުކުރާ ގޮތަށެވެ.