ރިސޯޓުތަކުގެ ކުލި ކުޑަ ކުރަން ޓޫރިޒަމް ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހު ޕްރެޝަރު ބޮޑުވެ އެންމެ ފަހުން އަނބުރާ ގެންނަން ނިންމައިފި އެވެ.
ސަރުކާރުން ވަނީ ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސް ހަދާފައިވާ ރިސޯޓުތަކުގެ ބިމު ކުލި ކުޑަ ކުރަން ޓޫރިޒަމް ގާނޫނަށް އިސްލާހެއް ގެންނަން ނިންމާފަ އެވެ. މި އިސްލާހުގެ ސަބަބުން 590 މިލިއަން ޑޮލަރު ދައުލަތުގެ އާމްދަނީއިން އުނި ވެގެންދާނެ އެވެ. މިކަން ކުރާ ސަބަބެއް ކަމަށް ކުރިން އަޑުފެތުރުނީ މިނިމަން ވޭޖު ތައާރަފު ކުރުމާއެކު ރިސޯޓު އޯނަރުންނަށް "ބަދަލުގައި ދޭ އެއްޗެ" ކެވެ.
މި އިސްލާހު ދިފާއުކުރައްވައި ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވާ ގޮތުގައި ދައުލަތަށް ފައިސާ ހޯދަން އެންމެ ފައިދާ ހުރި ގޮތަކީ ރިސޯޓުތަކުން ބިމު ކުލި ނެގުން ނޫން ކަމަށާ ކުލި ކުޑަކުރުމުގެ އަލަށް ގިނަ ރިސޯޓުތައް ހުޅުވި ޓެކްސް ނިޒާމުގެ ތެރެއިން ލިބޭ ފައިދާ ބޮޑު ވާނެ އެވެ.
ވަރަށް ޔަގީންކަމާއެކު ދަންނަވަން ކެރޭ ދުރު މުސްތަގުބަލަށް ބަލާއިރު ދައުލަތަށް އަދި ރައްޔިތުންނަށް ފައިދާ ހުރި ގޮތަކީ ވިޔަފާރި ބޮޑަށް ހިންގާލައި ޓެކްސް އިން ދައުލަތަށް ފައިދާ ލިބުން،" މައުސޫމް ވިދާޅުވެފައިވެ އެވެ.
ނަމަވެސް، ޓޫރިޒަމް ބިމު ކުލި ކުޑަކުރަން ގެންނަން މަސައްކަތް ކުރި އިސްލާހާ ދެކޮޅަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވެސް މަޖިލީހުގައި ވަނީ ވާހަކަ ދައްކަވާފަ އެވެ. ގަވަރުނަރު ވަނީ މި ވަގުތު އެ ފަދަ ފިޔަވަޅެއް އަޅައިފިނަމަ އާމްދަނީ އަށް އަސަރުކޮށް "ސްރީލަންކާއަށް ވީ ގޮތް" ވެދާނެ ކަމަށް ބުނެ ވަނީ މަޖިލީހުގައި އިންޒާރު ދެއްވާފަ އެވެ.
އެންމެފަހުން، މި އިސްލާހު އަނބުރާ ގެންނަން އިކޮނޮމިކް ކައުންސިލުގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.
މި ނިންމެވުމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ޓޫރިޒަމް ބިމުކުލި ކުޑަ ކުރަން ނިންމާފައިވަނީ ޔޫކްރޭން ހަނގުރާމައިގެ ކުރިން ކަމަށާ، ނަމަވެސް މިހާރުގެ ހާލަތަށް ބެލުމަށްފަހު އެ އިސްލާހު ނުގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.