އެމްއެންޑީއެފް

އިންޑިއާ އިން ދިވެހި ސިފައިންނަށް ދެ އެމްބިއުލާންސް ހަދިޔާކޮށްފި

May 25, 2022
1

އިންޑިއާ އަސްކަރިއްޔާއިން ދިވެހި ސިފައިންނަށް "ފީލްޑް އެމްބިއުލާންސް"ގެ ދެ އެމްބިއުލާންސް ހަދިޔާކޮށްފި އެވެ.

ބަނޑާރަކޮށީގައި އޮންލައިންކޮށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެމްބިއުލާންސްތައް އިންޑިއާގެ ފަރާތުން ދިވެހި ސިފައިންނާ ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން މަހޭޝް ޗަންދްރާއެވެ. އެމްއެންޑީއެފްގެ ފަރާތުން މި އެމްބިއުލާންސްތަކާ ހަވާލުވެވަޑައިގަތީ އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. އަލީ ޝާހިދު މުހައްދު އެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވީ މި އެމްބިއުލާންސްތަކުގެ ސަބަބުން އެމްއެންޑީއެފް މެޑިކަލް ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. ދިވެހި އަސްކަރިއްޔާގެ ކުރިއެރުމާއި ތަރައްގީއަށް އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް އާއި އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. އަލީ ޝާހިދު މުހައްދުގެ އިތުރުން އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން މެހޭޝް ޗަންދްރާ ބައިވެރިވެ ވަޑައިގެންނެވި އެވެ.

އިންޑިއާއިން މި ރަސްމިއްޔާތުގައި އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ޑރ. އަޖޭ ކުމާރު އިސްފަރާތެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވިއިރު، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޝްރީ މުނު މަހާވަރް ވެސް މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.