ހުޅުމާލެ

ކްރޫޒް ލައިނާ ޓާމިނަލް އަޅަން ހަތަރު ޕާޓީއަކުން ޝައުގުވެރިވެއްޖެ

  • ޕްރޮކެޖްޓަށް 300 މިލިޔަން ޑޮލަރު ހޭދަވޭ
  • ކޮންޓްރެކްޓާ ހޮވާނީ އެންމެ ގާބިލު ބައެއް ބަލައިގެން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ކްރޫޒް ލައިނާ ޓާމިނަލް އަޅައިދޭން ހުޅުވާލުމުން ބޭރުގެ ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ. ހުޅުމާޅެ ކްރޫޒް ލައިނާ ޓާމިނަލް އަކީ ޔޮޓް މެރީނާއެއް ހިމެނޭ ގޮތަށް ހަދާ ތަނެކެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އެޗްޑީސީގެ ޗެއާމަން އަހުމަދު ސައިމަން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަންކުރާ ވައްޓަފާޅި ބަދަލުކޮށް، މާސް ޓުރިޒަމަކަށް ފަތުރުވެރިކަން ބަދަލުކުރުމަށް ފަށާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހުޅުމާޅޭގައި ކްރޫޒްލައިނާ ޓާމިނަލެއް އެޅުން ހިމަނައި ކްރޫޒް ލައިނާ ޓާމިނަލް ރާއްޖޭގައި އަޅާނެ ފަރާތެއް ހޯދަން ދުނިޔެއަށް ހުޅުވާލާއިު މިހާރުވެސް ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ހުޅުމާލޭގައި ގާއިމްކުރަން 300 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.

ސައިމަން ވިދާޅުވީ، ބޭރުގެ ރަނގަޅު ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ވަކި ފަރާތެއް ހޮވާނީ އަދި ފަހުން ކަމަށެވެ. އިންފްރާ ސްޓްރަކްޗާގެ މިފަދަ ބިޔަ މަޝްރޫއުތަކަކީ ރާއްޖެއަށް މުޅިން އާ ކަންތައްތަކެއް ކަމުން، މަޝްރޫއުތައް ކުރިއަށްގެންދާނީ ބޭރުގެ ތަޖުރިބާކާރުންގެ ލަފައާ އިރުޝާދުގެ ދަށުން ކަމަށް ވެސް ސައިމަން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލާނީ ކުރިމަތިލާ އެންމެ ރަނގަޅު ބަޔަކަށް. ވަކި ގައުމަކަށް، ވަކި ބަޔަކަށް ޓާގެޓް ކޮށްގެނެއް ނޫން ކޮންޓްރެކްޓާ ހޮވާނީ. ބޭނުންވަނީ އެންމެ ގާބިލު ފަރާތް ހޯދަން،" ސައިމަން ވިދާޅުވި އެވެ.

ހުޅުމާޅެ ދެވަނަ ފިޔަވަހީގައި ކްރޫޒް ލައިނާ ޓާމިނަލެއް ގާއިމްކުރަން ސަރުކާރުން މަސައްކަތް ފަށާފައިވާއިރު އެއާ ގުޅިގެން ހަދާ ހެރިޓޭޖް އައިލެންޑް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.