އެފްއެސްއެމް

އެފްއެސްއެމް އިން އިތުރު ދެ ބާޖު ގެނެސްފި

May 27, 2022

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތެޔޮ އުފުލުމަށް އިތުރު ދެ ބާޖު ގެނެސްފި އެވެ.

މިއީ މިސްރުގެ ކުންފުންޏަކާ ހަތަރު ބާޖު ބަންނަން 2019 ވަނަ އަހަރު ހަވާލުކުރި މަޝްރޫއުގެ ދަށުން މަސައްކަތް ނިންމާ ރާއްޖެ ގެނައި ދެ ބާޖެވެ.

އެއް ޑިޒައިނަކަށް ހަދާފައިވާ 'އެމްވީ ހުނިކެ' އަދި 'އެމްވީ ބުރެކި' ނަމަކަށް ކިޔާ ދެ ބާޖުގެ ތެރެއިން ކޮންމެ ބާޖަކީ ވެސް 260،000 ލީޓަރު ތެޔޮ އުފުލޭ އުޅަނދުތަކެކެވެ.

ކޮންމެ ބާޖަކަށް އެފްއެސްއެމް އިން 11 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ބާކީ އޮތް ދެ ބާޖު ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ ގެނައުމުގެ މަސައްކަތް ވެސް އެފްއެސްއެމް އިން ދަނީ ކުރަމުންނެވެ.

އެފްއެސްއެމް އިން ބުނީ އަލަށް ގެނައި ބާޖުތައް ވަރަށް އަވަހަށް ބޭނުންކުރަން ފެށޭނެ ކަމަށާއި އޭރުން ތެޔޮ ސަޕްލައި ކުރުމަށް ބައެއް ފަހަރު ލަސްވާ މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އެފްއެސްއެމް އިން އަލަށް ގެންނަ ހަތަރު ބާޖާ އެކު އެ ކުންފުނީގެ އުޅަނދުތަކުގެ އަދަދު 18 އަށް އިތުރު ވާނެ އެވެ.