އައިޖީއެމްއެޗް

މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މީހުންނަށް ފިޔަވަޅު އަޅަނީ

ވިލިމާލެ ހޮސްޕިޓަލުން ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލް ހިންގަމުންދާ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފި އެވެ.

ކުޑަކުދިންތަކަކަށް ދުވަސް ހަމަވެފައިވާ ވެކްސިން އެއް ވިލިމާލެ ހޮސްޕިޓަލްގައި ދީފައިވާ ކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށް ވިދާޅުވެ އެކަން އާންމުންގެ ސަމާލު ކަމަށް ގެންނެވީ އެ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަހުމަދު އުޝާމް އެވެ.

އައިޖީއެމްއެޗް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ވިލިމާލެ ހޮސްޕިޓަލްގައި ތުއްތު ކުދީންގެ ގަޔަށް ޖަހާފައިވާ މައްސަލަ އެ ހޮސްޕިޓަލްގެ ސަމާލު ކަަމަށް އައިސްފައިވާ ކަމަށެވެ. މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ހޮސްޕިޓަލާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

"މި މައްސަލާގައި އިހުމާލުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު އަޅާ މިފަދަ ކަމެއް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅަން ޖެހޭ އެންމެހައި ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން އަރުވަމެވެ. އަދި ވިލިމާލެ ހޮސްޕިޓަލްގައި ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ވާހަކަވެސް މައުލޫމާތަކަށްޓަކައި ދެންނެވީމެވެ،" އައިޖީއެމްއެޗްގެ ބަޔާނުގައިވެއެވެ.