ބޮލީވުޑް

އަމީތާބުގެ ޑުޕްލިކޭޓް - އަމީތާބާ ހާދަ ވައްތަރޭ!

އަމީތާބް ބައްޗަން އަކީ އެތައް މިލިއަން ބަޔަކު ވަރަށް ލޯބިވާ އެކްޓަރެކެވެ. އަދި އޭނާ އާއެކު ބޮލީވުޑްގައި މަސައްކަތްކުރާ އެކްޓަރުން ނަމޫނާއަކަށް ބަލައި ގަދަރު ކުރާ އެކްޓަރެއް ވެސް މެއެވެ. މީގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެކްޓްކުރަން ދަސްކުރީ ވެސް ލޯގަނޑު ކުރިމަތީގައި ހުރެގެން އަމީތާބުގެ ފިލްމުތަކުގައި އޭނާ ޖައްސާ ވައްތަރުތައް ޖައްސައި އެ ގޮތްތައް ކޮޕީ ކޮށްގެންނެވެ. ނަމަވެސް އަސްލު އަމީތާބަށް ވުރެ އޭނާއާ މާ ވައްތަރު މީހެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟

ޝަޝީކާންތު ޕެޑްވާލް ނަމަކަށް ކިޔާ މި މީހާއަކީ ޕޫނޭގައި ދިރިއުޅޭ ޕްރޮފެސަރެކެވެ. ޝަޝީކާންތު އާއި އަމީތާބު ވައްތަރު ކަމުން އެއްވެސް މީހަކަށް އެ ދެ މީހުން ވަކިކުރާކަށް ނޭނގޭނެ އެވެ. ޝަޝީކާންތުގެ އިންސްޓަގްރާމް ޕޭޖު ބަލާލުމުން މިއީ ތެދެއްކަން ވަރަށް ރަނގަޅަށް ހާމަވެ އެވެ.

މިހާރު ވައިރަލް ވެގެން އުޅޭ އެއް ވީޑީއޯ އަކީ ރޭގަނޑުގެ ވަގުތެއްގައި ޝަޝީކާންތު މަގުމަތީގައި ހިނގާފައި ދާ މަންޒަރެވެ. މި ވީޑިއޯ ޝެއާކުރި މީހާ ވަނީ ވީޑިއޯ އާއެކު އަމީތާބުގެ ފިލްމެއް ކަމަށްވާ "ޝެހެންޝާހް" ގެ ވަރަށް މަޝްހޫރު ލަވައެއް ކަމަށްވާ "އަނދޭރީ ރާތޯންމެ ސުންސާނު ރާހޯންޕަރް" ލަވަ ވެސް ވީޑިއޯގައި ހިމަނާފަ އެވެ. އެހެންވެ މި ވީޑިއޯ ބަލާލުމުން އެއްގޮތަކަށް ވެސް އެ ލަވައިގައި ފެންނަނީ އަމީތާބު ނޫންކަމެއް ބުނާކަށް ނޭނގެ އެވެ.

މި ވީޑީއޯ ބަލާފައި މީހުން ވަރަށް މަޖާ ކޮމެންޓުތައް ކޮށްފައި ވެއެވެ. އެތަނުން އެކަކު ބުނީ އަމީތާބުގެ ޑުޕްލިކޭޓް ޚުދް އޭނާއަށް ވުރެ އޭނާއާ މާ ވައްތަރު ކަމަށެވެ.

އެހެން މީހަކު ބުނީ މިއީ ކޮޕީރައިޓް ގަވާއިދާ ޚިލާފުވުން ކަމަށާއި މި މީހާގެ މައްޗަށް ދައުވާ ކުރަން ޖެހޭ ކަމަށެވެ.

އަނެއް ބަޔަކު ބުނީ އަމީތާބުގެ ބަދަލުގައި މި މީހާ ލައްވާ ފިލްމު ކުޅުވަން ފެންނަ ކަމަށެވެ. އޭރުން އަމީތާބަށް ދޭން ޖެހޭ ފީ އަށް ވުރެ ކުޑަ އަގެއްގައި "އަމީތާބު" ލައިގެން ފިލްމުތައް އުފެއްދޭނެ ކަމަށެވެ.