ބޮލީވުޑް

އާމިރުގެ "ލާލް ސިންގް ޗައްޑާ" ޓްރެއިލާއަށް ތައުރީފު

ހިންދީ ފިލްމު ބަލަން ލޯބިކުރާ ގިނަ ބަޔަކު ދިގު އިންތިޒާރެއް ކުރަމުންދިޔަ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ"ގެ ޓްރެއިލާ ރިލީޒްކޮށްފި އެވެ. ކަރީނާ ކަޕޫރާއި އާމިރު ލީޑް ރޯލު ކުޅެފައިވާ މި ފިލްމުގެ ޓްރެއިލާ ރިލީޒްކުރީ އިންޑިއާގެ ކްރިކެޓް ލީގު ނިމުން ފާހަގަކުރަން ބޭއްވި ވަރަށް ބޮޑު ރަސްމިއްޔާތެއްގަ އެވެ.

ޓްރެއިލާ ފެށޭއިރު ދައްކަނީ ޚާއްސައެހީއަށް ބޭނުންވާ ކުއްޖެއްގެ ގޮތުގައި އާމިރު ކުޑައިރު އުޅެމުންދިޔަ ގޮތެވެ. އޭނާ ދިރިއުޅެމުންދިޔަ މުޖުތަމައުން އޭނާއަކީ "ތަފާތު" ކުއްޖެއް ކަމަށް ލޭބަލް ކުރަމުންދިޔައިރު އޭނާގެ މަންމަ (މޯނާ ސިންގް) އޭނާއަށް ވިސްނައިދެމުން ގެންދިޔައީ އޭނާގެ ހަށިގަނޑުގައި ނުކުޅެދުމެއް ހުއްޓަސް ބޭނުން ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަމެވެ.

ޓްރެއިލާއިން ފެނުނު މަންމަ އާއި ދަރިއެއްގެ ލޯބި ވަރަށް ގިނަ ބަޔެއްގެ ހިތަށް އަސަރުކުރުވި މޮޅު މަންޒަރުތަކެއް ކަން ފާހަގަ ކުރެވުނެވެ. ނަމަވެސް އާމިރާއި ކަރީނާގެ ލޯބީގެ މަންޒަރުތައް މި ޓްރެއިލާގައި މާ ބޮޑަކަށް ހިމަނާފައެއް ނުވެ އެވެ. އެހެންވެ އެ ދެ މީހުންގެ ކެމިސްޓްރީ އެއް ނުފެނެ އެވެ.

ކަރީނާގެ ކެރެކްޓާ ފުރަތަމަ ޓްރެއިލާގައި މާބޮޑަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އާމިރާއި ކަރީނާގެ ކެރެކްޓާ ލޯބީގެ ގޮތުން ގުޅިގެން އުޅެފައިވާ ވަކިވެ ދެ މީހުންގެ ވެސް ހިތް ހަލާކުވެފައިވާކަން ޓްރެއިލާ އިން ދޭހަވެ އެވެ.

"ލާލް ސިންގް ޗައްޑާ" އަކީ ވަރަށް އާދައިގެ މީހެއްގެ އާދަޔާޚިލާފު ދަތުރެއްގެ ވާހަކަ އެވެ. އެ ދަތުރު ފުރިފައިވަނީ ލޯތްބާއި އުފާވެރިކަމާއި ހިނިތުންވުމުންނެވެ.

މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ. ފިލްމު ޑައިރެކްޓްކޮށްފައިވަނީ އަދަވައިތު ޗަންދަން އެވެ.
މި ފިލްމުގެ ދެ ލަވައެއް ރިލިޒްކޮށްފައިވެ އެވެ. އެއީ "ކަހާނީ" އާއި "މައި ކީ ކަރަން" އެވެ. މި ދެ ލަވަ ވެސް މިއުޒިކަށް ލޯބިކުރާ މީހުންގެ މެދުގައި ވަރަށް މަގްބޫލުވެފައި ވެއެވެ.

"ލާލް ސިންގް ޗައްޑާ"އަކީ ހޮލީވުޑް މަޝްހޫރު ފިލްމު "ފޮރެސްޓް ގަމްޕް"ގެ ހިންދީ ވާޝަން އެވެ.