"ބޫލް ބުލައްޔާ 2" ގެ ކާމިޔާބަށްފަހު ކާރްތިކް އާރްޔަން ފިލްމު ކުޅެދޭ އަގު ބޮޑު ކޮށްފައިވާ ކަމަށް އިންޑިޔާގެ ބައެއް ފިލްމީ ނޫސްތަކުން ބުނެފި އެވެ. "ބޫލް ބުލައްޔާ 2" އަކީ ޖެހިޖެހިގެން ބޮޑު ކާމިޔާބެއް ލިބުނު ކާރްތިކްގެ ދެ ވަނަ ފިލްމެވެ. މިއަހަރު ކުރީކޮޅު ރިލީޒްކުރި "ދަމާކާ" އަށް ވެސް ވަރަށް ބޮޑު ކާމިޔާބެއް ލިބުނެވެ.
ނަމަވެސް ފިލްމު ކުޅޭ އަގު ބޮޑު ކުރިކަމަށް ފެތުރެމުންދާ ޚަބަރުތައް ކާރްތިކް ވަނީ ދޮގުކޮށްފަ އެވެ.
"ދިރިއުޅުން ޕްރޮމޯޓް ވެއްޖެ. ނަމަވެސް ފީ ބޮޑެއް ނުވޭ. ހަގީގަތެއް ނެތް ވާހަކަތަކެއް،" ކާރްތިކްގެ ޓުވީޓުގައި ލިޔެފައި ވެއެވެ.
ކާރްތިކްގެ ޓުވީޓާއެކު އޭނާގެ ފޭނުން ވަނީ ކާރްތިކް އަށް ތައުރީފުކޮށްފަ އެވެ. ފީ ބޮޑުކުރި ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއްކަން އޭނާ ހާމަކޮށް ދިނީތީ އެވެ.
ބޮލީވުޑްލައިފްގައިވާ ޚަބަރެއްގައިވާ ގޮތުން "ބޫލް ބުލައްޔާ 2" ކާމިޔާބުވުމުގެ ކުރިން ކާރްތިކް ފިލްމެއް ކުޅެދެނީ 15-20 ކްރޯޑު ރުޕީސް އަށެވެ. ފިލްމުގެ ކާމިޔާބަށްފަހު މިހާރު އޭނާ ފިލްމެއް ކުޅެދެނީ 35-40 ކްރޯޑަށެވެ.
މިހާރު ކާރްތިކް ކުޅެމުންދަނީ ކްރީތީ ސެނޯން އާއެކު ކުޅޭ "ޝެހެޒާދާ" އެވެ. އަދި "ކެޕްޓަން އިންޑިއާ" އާއި "ފްރެޑީ" ކިޔާ ފިލްމެއް ކުޅެން ސޮއިކޮށްފައި ވެއެވެ.