ދުނިޔެ

މެކްސިކޯގެ މޭޔަރަކު އޮފީހަށް ނުކުތްނެވި ފުރަތަމަ ދުވަހު އަވަހާރަކޮށްލައިފި

މެކްސިކޯގެ ސިޓީ ސެންޓްރަލް ނުވަތަ ސިޓީ ސައުތުގައި އަލަށް އިންތިހާބުކުރި މޭޔަރު ގިސޭލާ މޯޓާ އޮފީހަށް ނުކުންނަން ފެށިތާ އެއްދުވަސް ވެސް ނުވަނީސް އަވަހާރަކޮށްލައިފި އެވެ.

ގިސޭލާ އަވަހާރަކޮށްލީ މޮރެލެސް ސްޓޭޓްގެ އަވަށެއް ކަމުގައިވާ ޓެމިކްސްކޯގައި ހުންނަ އޭނާގެ ގޭގައި ހުންނަވަނިކޮށް މީހަކު ދިން ބަޑީގެ ހަމަލާއެއްގަ އެވެ.

މިހަމަލާގައި އިތުރު ދެމީހަކު ވެސް މަރުވެފައި ވެއެވެ. މޮރެލެސްގެ ސެކިއުރިޓީ ކޮމިޝަނާ އަލްބާޓޯ ކަޕެއްލާ ވިދާޅުވީ މިހަމަލާ އާއި ގުޅިގެން ތިން މީހުން ހައްޔަރުކޮށްފައިވާނެ ކަމަށާއި ބެލެވޭ ގޮތުގައި މިއީ ވެހިކަލެއްގައި ތިބެ ދީފައިވާ ހަމަލާއެއް ކަމަށެވެ.

މޮރެލެސްގެ ގަވަރުނަރު ގްރޭސޯ ރަމީރެޒް ވިދާޅުވީ މޭޔަރުގެ މަރަކީ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި މީގެ ކުރިން ވެސް ސަރުކާރުގެ އޮފިޝަލުންނަށް މިފަދަ ހަމަލާތައް އަމާޒުވެފައިވާކަން އޭނާ ފާހަގަ ކުރި އެވެ.