ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޑަބްލިއުއެޗްއޯގެ މަންދޫބް ރައީސް ސޯލިހާ ބައްދަލުކުރައްވައިފި

May 31, 2022

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ޑރ. ނާޒްނީން އަންވަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުކުރީގައި ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވާފަ އެވެ. މިގޮތުން އެމަނިކުފާނު ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާއްސަކޮށް ކޮވިޑް-19ގެ ބަލިމަޑުކަމުގައި ރާއްޖެއަށް ދީފައިވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ.

ޑރ. ނާޒްނީން ވަނީ ރާއްޖެއިން ކޮވިޑް މެނޭޖްކުރުމުގައި އެޅި ވިސްނުންތެރި ފިޔަވަޅުތަކާއި، ރާއްޖޭގެ އާބާދީގެ 70 އިންސައްތަ ވެކްސިނޭޓް ކުރުމަށް ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން މި ސަރަހައްދުގެ އެހެން ބައެއް ގައުމުތަކަށްވުރެ ކުރިން ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރެވުނު ކަން ފާހަގަކުރައްވައި ތައުރީފް ކުރައްވާފަ އެވެ.

ރައީސް ސޯލިހް ވަނީ ރާއްޖޭގައި ތިބި ނާޒުކު ގިންތިތަކުގެ މީހުންނަށް އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދޭ ސަމާލުކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރައްވާފަ އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ނަފްސާނީ އެހީތެރިކަންދިނުމުގެ ދާއިރާއަކީ މިހާރު ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާއެއްކަން ފާހަގަކުރައްވާފަ އެވެ.

ރައީސް އިތުރަށް ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަކީ ރާއްޖެއަށް މުހިންމު ބައިވެރިއެއްކަން ހާމަކުރައްވާފައެވެ. އަދި، ޑޮކްޓަރ ނާޒްނީން އަންވަރު ވަނީ ރާއްޖޭގައި ފަސޭހައިން މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

ޑރ. ނާޒްނީންގެ ވާހަކަފުޅުގައި އެކަމަނާ ވަނީ މި ސަރަހައްދުގައި ރަނގަޅު ފެންވަރުގެ ތަޖުރިބާކާރު ސައިކޭޓްރިސްޓުން މަދުކަން ފާހަގަކުރައްވައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިސްނަގައިގެން މެންޓަލް ހެލްތް އެކްޝަން ޕްރޮގްރާމްގެ ތެރެއިން މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން ވެސް ޑރ. ނާޒްނީން ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެޑިއުކޭޝަން މިނިސްޓްރީއާއެކު ސްކޫލް ކުދިންގެ މެދުގައި ނަފްސާނީ ބަލިމަޑުކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންދާ ފާހަގަކުރައްވާފަ އެވެ.