ބޮލީވުޑް

އެންމެންވެގެން ކާޖޮލް އަށް މަލާމާތްކުރަނީ ކީއްވެ؟

ބަތަލާއަކު ކިރިޔާ ބަރުދަން އިތުރުވެލިޔަސް ސޯޝަލް މީޑިއާގައި އުޅޭ ވާނުވާގައި ތިބޭ މީހުންތައް އެމީހަކާ ދިމާކޮށްލަ އެވެ. ބޮލީވުޑް ބަތަލާއިންނަށް މި މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައި ވެއެވެ. ސޮނާކްޝީ ސިންހާ، ނިމްރަތު ކޯރު، އައިޝްވަރިޔާ ރާއީ އަދި އިލީނާ ޑްކްރޫޒް ފަދަ ބަތަލާއިންނަށް މި ފަހަކަށް އައިސް މި މަލާމާތް ވަރަށް ބޮޑަށް ރައްދުވަމުން ގޮސްފައި ވެއެވެ.

ބަރުދަން ތަންކޮޅެއް އިތުރުވެއްޖޭ ކިޔާ މި ފަހުން އެންމެ ބޮޑަށް މީހުން މަލާމާތްކޮށްފައި ވަނީ ކާޖޮލް އަށެވެ. ކާޖޮލް ކަސްރަތު ކުލާހަކުން ނުކުންނަނިކޮށް ފޮޓޯގްރާފަރަކު ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމުގައި އާއްމު ކުރުމުން ގިނަ ބަޔަކު ވަނީ ކުރިޔަށް ވުރެ މާ ބޮޑަށް ކާޖޮލްގެ ބަރުދަން އިތުރުވެފައި ހުރިކަން ފާހަގަ ކޮށްފަ އެވެ. އަދި މިއީ އޭނާއަށް މަލާމާތް ކޮށްލަން ލިބުނު ފުރުސަތެއްގެ ގޮތުގައި ގިނަ މީހުން ގަބޫލުކޮށް މަލާމާތްކުރީ އެވެ.

"ކާޖޮލް އަށް މިހިރީ ކިހިނެއް ވެފަ؟ ހާދަ ފަލަވެއްޖޭ!" ކޮމެންޓުކުރި މީހަކު ބުނެފައި ވެއެވެ. އެއާއެކު މަލާމާތް ކުރުމުގެ އޮއިވަރެއް ސޯޝަލް މީޑިއާގައި ހިނގައިގަތެވެ.

ކާޖޮލްގެ ކުރިން ނިމްރަތު ކޯރަށް ވެސް މިފަދަ މަލާމާތާ ކުރިމަތިވި އެވެ. ހަގީގަތުގައި ނިމްރަތު ފަލަވީ "ދަސްވީ" ގައި އޭނާ ކުޅެން ޖެހުނު ކެރެކްޓާއަކީ ފަލަ މީހެއްގެ ކެރެކްޓާއަކަށް ވާތީ އެ ކެރެކްޓާއަށް ފިޓްވާށެވެ.

ނިމްރަތު ބުނި ގޮތުގައި އެ ރޯލު ކުޅެން އޭނާއަށް 15 ކިލޯ ބަރުވާން ޖެހެ އެވެ. އެހެންވެ ހަގީގަތް ނުބަލައި ފާޑުކިޔާ މީހުންނަށް ނިމްރަތު ވަނީ ޖަވާބުދީފަ އެވެ. އޭނާ ބުނީ އެހެން މީހުންގެ ކަންކަމާ ނުބެހި ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ކަމަކާ ބެހުން ރަނގަޅުވާނެ ކަމަށެވެ. އެހެން މީހަކަށް މަލާމާތް ކޮށްގެން އޭނާގެ މުޅި ދުވަސް ޚަރާބުކު ރުމަށްވުރެ އަމިއްލަ ކަންކަމާ ވިސްނުން ރަނގަޅުވާނެ ކަމަށެވެ.

"މީހުންނަށް ހެޔޮ، އޯގާތެރި، ރަނގަޅު މީހަކަށް ވެބަލަ. މީހެއްގެ ޚަރާބު ދުވަހެއް ރަނގަޅު ކުރުމުގެ ބާރު ކަލޭމެންނަށް ނެތްއިރު ރަނގަޅު ދުވަހެއް ޚަރާބުކުރުމުގެ ބޭނުމަކީ ކޮބާ؟ ތިޔަށް ވުރެ ޒިންމާދާރު ވެބަލަ،" ޓްރޯލްކުރާ މީހުންނަށް ޖަވާބުދީ ނިމްރަތު ޝެއާ ކުރި ޕޯސްޓުގައި ވެއެވެ.