ރައްޔިތުންގެ މަޖިލިސް

ފަނޑިޔާރު ވަކިިކުރުން ހޯމަ ދުވަހު އޮންނާނެ: ނަޝީދު

Jun 1, 2022
3

ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރުމުގެ މައްސަލައިގައި އަންނަ ހަފްތާގެ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަން އެޖެންޑާކުރަން ނިންމައިފި އެވެ.

ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރު ކަމުން އިއްޔެ އިސްތިއުފާ ދެއްވި އަބްދުއްރައޫފް އިބްރާހީމް މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ހުށަހެޅީ މިދިޔަ އޭޕްރީލް މަހުގެ ތިންވަނަ ހަފްތާގެ ތެރޭގަ އެވެ. ނަމަވެސް މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރުމަށްފަހު ކޮމިޓީ ރިޕޯޓް މަޖިލީހުގެ ރިޔާސަތަށް ފޮނުވާފައި ވަނިކޮށް ހައިކޯޓުގެ ފަނޑިޔާރު ކަމުން ރައޫފް ވަނީ އިއްޔެ އިސްތިއުފާ ދެއްވާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރުންނާ މެދު ޖުޑިޝަރީ ކޮމިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކޮމިޓީ ރިޕޯޓް ފޮނުވާފައިވާތީ އެ މައްސަލައިގައި އަންނަ ހޯމަ ދުވަހު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާނެ ކަމަށެވެ.

ޖޭއެސްސީން ފަނޑިޔާރު ރައޫފާއި ފަނޑިޔާރު ހަމީދާ ގުޅޭގޮތުން ބެލީ އުސޫލުގެ ބޭރުން ފްލެޓެއް ބައްލަވައިގެން ކަމަށް ބުނާ މައްސަލަ އެވެ. މި ފްލެޓް ދެ ފަނޑިޔާރުން ބައްލަވައިގަތީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.

އެ މައްސަލަ ބެލުމަށްފަހު ޖޭއެސްސީން ބުނެފައިވަނީ ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ފަނޑިޔާރު ރައޫފާއި ފަނޑިޔާރު ހަމީދު ބައްލަވައިގަނެފައިވާ ކަމަށެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމި ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ. އެ މައްސަލަ ތަހުގީގުކޮށް ބެލިބެލުމުން، ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ގާނޫނާ ހިލާފަށް، މަޖިލީހުގެ އެއްވެސް ދައުރެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއްކަން ސާބިތުވާ ކަމަަށްވެސް ބުނެފައިވެ އެވެ.

އެހެންވެ އެ މައްސަލަ ފަނޑިޔާރު ރައޫފާއި ފަނޑިޔާރު ހަމީދުގެ މައްޗަށް ސާބިތުވާ ކަމަށްވެސް ޖޭއެސްސީން ކަނޑައަޅާފައިވެ އެވެ. މި މައްސަލައިގައި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު ވެސް ހިމެނެ އެވެ. އެކަމަކު އެ މައްސަލަ ޖޭއެސްސީ އިން ބަލަން ފެށުމުން ސަމީރު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ޖޭއެސްސީން ދެ ފަނޑިޔާރުންނާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ އެ މައްސަލަ ޖޭއެސްސީން ބަލާފައިވަނީ ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތަކެއް ފުރިހަމަ ނުކޮށް ކަމަށް ނިންމާފަ އެވެ. ނަމަވެސް ކޮމިޓީގެ ތުހުމަތު ޖޭއެސްސީން ދޮގުކުރެ އެވެ.