ބޮލީވުޑް

ކޯމަލިކާގެ ރޯލު ކުޅެން ހަދައިގެން މޮޔަ ނުވީ ކިރިޔާ: އާމްނާ

ޓީވީ ސިލްސިލާ "ކަހީނ ތޯ ހޯގާ" އިން މަޝްހޫރުވި އާމްނާ ޝަރީފު އެކްޓިން އާ ދުރުގައި ގިނަ ދުވަސް ތަކަކު ހުރުމަށް ފަހު އެނބުރި އައީ ހިންދީ ފިލްމު "އޭކް ވިލަން" އިންނެވެ. އެ ފިލްމުގައި އޭނާ ކުޅުނީ ސަލޯޗަނާ ކިޔާ ނެގެޓިވް ކެރެކްޓާ އެކެވެ.

އޭގެ ފަހުން ޓީވީ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ 2" ގައި ބައިވެރިވި އެވެ. އޭނާ މި ސިލްސިލާގައި ކުޅުނީ ކޯމަލިކާގެ ރޯލެވެ. ހީނާ ޚާން ކުޅެމުންދިޔަ މި ރޯލުން ކުއްލިއަކަށް އޭނާ ވަކިވުމުން އާމްނާއަށް އެ ރޯލު ލިބުނީ އެވެ. ކޯމަލިކާގެ ރޯލަކީ ވެސް ވަރަށް ނެގެޓިވް ކެރެކްޓާ އެކެވެ.

ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި އާމްނާ ބުނީ "އޭކް ވިލަން" ގައި ކުޅުނު ނެގެޓިވް ކެރެކްޓާ އަށް ވުރެ ވެސް ކޯމަލިކާގެ ރޯލް މާ ބޮޑަށް ނެގެޓިވް ކަމަށެވެ. އަދި އެ ކެރެކްޓާ ކުޅެން ފެށުމުން ނަފްސާނީ އުނދަގޫތަކެއް އޭނާއަށް ކުރިމަތިވީ ކަމަށެވެ.

"އެ ސިލްސިލާގައި އަހަރެންނަށްނަށް ތުއްތު ކުއްޖަކު މަރާލާ މަންޒަރު ކުޅެން ޖެހުނު. އެއީ އެންމެ ބޮޑަށް ނަފްސާނީ އުނދަގޫތައް ދިމާވި ކަމަކީ،" އާމްނާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި "ކަސޯޓީ ޒިންދަގީ ކޭ"ގެ ފުރަތަމަ ސީޒަންގައި ކޯމަލިކާގެ ރޯލު އަދާކުރީ އުރުވަޝީ ޑޯލަކިޔާ ކަމަށް ވެފައި އުރުވަޝީ އެ ރޯލު ކުޅެފައިވާލެއް ފުރިހަމަކަމުން އޭނާއާ އެއް ފެންވަރަކަށް އެކްޓްކުރަން މަޖްބޫރުވި އެވެ. އަދި މިއީ ވެސް ވަރަށް ބޮޑު ޕްރެޝަރެއް އޭނާއަށް ކުރިމަތިވީ ކަމަކަށް ވެއެވެ.

އާމްނާ މިހާރު ކުޅެމުންދަނީ "އާދާ އިޝްގް" ކިޔާ ޝޯ އެކެވެ. މިއީ ވަރަށް ރޮމެންޓިކް މަންޒަރުތައް ގިނަ ޝޯއެކެވެ. މި ޝޯގައި އާމްނާއާއެކު ރޮމެންޓިކް ބައި ކުޅެނީ ގޯރަވް އަރޯރާ އެވެ.

އާމްނާ ބުނި ގޮތުގައި ޝޯގައި ގައިގޯޅި މަންޒަރުތައް ގިނަކަމުން އޭނާ އެންމެ ކުރިން ޝޯ ގަބޫލުކުރަން ފަސް ޖެހުނެވެ. ނަމަވެސް ޝޯގައި ލީޑް ރޯލު ކުޅެނީ ގޯރަވް ކަން އެނގުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު ކަމަށާއި ގޯރަވް އާ ބައްދަލުވީ އަލަށް ނަމަވެސް މިހާރު ދެމީހުންގެ މެދުގައި އެކުވެރިކަން އުފެދިފައިވާ ކަމަށެވެ.