އައިޖީއެމްއެޗް

ޑރ. މޫސަ އިންޑިއާއަށް، ހާއްސަވަނީ ކްރިޓިކަލް ކެއާ އަށް

Jun 2, 2022

އައިޖީއެމްއެޗްގައި ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ދެއްވަމުން ގެންދެވި ޑރ. މޫސާ ހުސައިން ކްރިޓިކަލް ކެއާ އިން ހާއްސަވުމަށް އިންޑިއާ އަށް ފުރާވަޑައިގެންފި އެވެ.

އިންޑިއާގައި ދެ އަހަރު ދުވަހު މޫސާ ހުންނަވާއިރު އޭނާގެ ކިޔެވުމުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އައިޖީއެމްއެޗްގެ ފަރާތުންނެވެ.

އައިޖީއެމްއެޗްގައި މިދިޔަ އަހަރެއްހާ ދުވަހު މޫސާ އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ފުއްޕާމޭގެ ބަލިތަކުގައި ފަރުވާ ދެއްވުމަށެވެ.

ކޮވިޑް 19ގެ ހާލަތު ރާއްޖޭގައި އެންމެ ގޯސްވި ދުވަސްވަރު ނޭވާލާ ނިޒާމާއި ފުއްޕާމޭގެ މައްސަލަތަކުގައި އެންމެ އިސްކޮށް ފަރުވާ ދެއްވުމުގައިވެސް އުޅުއްވީ ޑރ. މޫސަ އެވެ.

ބޮމްބޭގެ ޓާޓާ މެމޯރިއަލް ހޮސްޕިޓަލްގައި ކިޔަވާ ވިދާޅުވުމަށްފަހު މޫސާ ރާއްޖެ ވަޑައިގަތުމުން އޭނާ ވެވަޑައިގަންނަވަނީ ކްރިޓިކަލް ކެއާ އިން ހާއްސަވެވަޑައިގެންނެވި ރާއްޖޭގެ ފުރަތަމަ ޑޮކްޓަރަށެވެ.

އދ. ދަނގެއްޗަށް އުފަން ޑރ. މޫސަ ގެންދަވަނީ މަލްޓި ސްޕެޝަލިޓީ ކްލިނިކެއް ދަނގެތީގައިވެސް ހިންގަވަމުންނެވެ. އެއީ މޫސަގެ ބައްޕަ -- އަބްދުއްސަމަދުގެ ހަނދާނުގައި 2018 ވަނަ އަހަރުން ފެށިގެން ހިންގަމުންދާ ކްލިނިކެކެވެ.